ނާޒިމް ޕީއެންސީގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަނީ (ފޮޓޯ/ޕީއެންސީ)

ރައްޔިތުންނާ ހަތަރު ކަޅި ހަމަކޮށްނުލެވޭ ވަރުގެ ކަމެއް ރައީސް ނުކުރައްވާނެ: ނާޒިމް

ނާޒިމް ވިދާޅުވީ މީގެ ކުރިން އެއްވެސް ވެރިޔަކަށް ހައްލު ކުރަން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ހައްލު ކުރެއްވުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް

ރައްޔިތުންނާ ހަތަރު ކަޅި ހަމަކޮށްނުލެވޭ ވަރު ކަމެއް ރައީސް މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލޭގައި ހުންނަ ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ނާޒިމް ވަނީ ރައީސް މުއިއްޒަށް ތައުރީފް ކުރައްވައި ވާހަކަދައްކަވައިފަ އެވެ.

ތަފްސީލު - ނާޒިމް ވާހަކަ ފެއްޓެވީ، ނިމިގެންދިޔަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ދެއްވި ހިތޯބަށް ތައުރީފް ކުރައްވަމުންނެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން އަޅުގަނޑަށް ދޭހަވީ، ގައުމު އިސްލާހު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނުކުރައްވާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން، އިސްލާހު ކުރަން ޖެހޭ ކަމެއް ކޮންމެ ކަމެއްގައިވިޔަސް އެކަމެއް އިސްލާހު ކުރައްވާނެކަން ޔަގީންވި. އަދި އަތް ވެސް ނުލެވޭ އެއްވެސް މީހަކު ނުހުންނާނެކަން ޔަގީންވެގެން ދިޔަ،" ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ގާތް ރަހުމަތްތެރިޔާ ނާޒިމް ވިދާޅުވީ، އޭނާ ހަތަރު ރައީސުންނާ އެކު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ އެއިން އެއްވެސް ވެރިޔަކަށް ހައްލު ކުރަން ނުކެރުނު އެތައް ކަމެއް ހައްލު ކުރައްވަން މަސައްކަތް ކުރައްވަމުން ކަމަށެވެ.

"ބިދޭސީންގެ މަސައްކަތް ހައްލު ކުރުމަށް ފައްޓަވާފައިވާ މަސައްކަތް އަޅުގަނޑު ފާހަގަ ކުރަން. މިހާރު އަޅުގަނޑުމެންނަށް މަގުމަތިން ވެސް އެބަ ފެނޭ އެ މައްސަލަ ހައްލުވެގެންދާތަން ވެސް،" ނާޒިމް ވިދާޅުވި އެވެ.

އަޅުގަނޑުމެން ކަންކަން ކުރަމުން މިދަނީ ރައްޔިތުންނާ އެއް ހަމައެއްގައި ތިބެގެން. އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެއް ހަމައެއްގައި. އަދި ރައީސް ޑރ. މުއިއްޒު ވެސް ރައްޔިތަކާ ހަތަރު ކަޅި ހަމަކޮށް ނުލެވޭ ވަރުގެ ކަމެއް ނުކުރައްވާނެ. ހުރިހާ ކަމެއް ވެސް ކުރައްވަނީ ރައްޔިތުން ކައިރިއަށް އަދިވެސް ދާން އޮތްކަން އެނގިގެން

އަހްމަދު ނާޒިމް/މަޖިލީހުގެ ނައިބު ރައީސް
ޕީއެންސީގެ މިރޭގެ ޖަލްސާ ކުރިއަށްދަނީ (ފޮޓޯ/ޕީއެންސީ)

ރައީސްގެ ހިތޯބުގައި، ޝަރުއީ ދާއިރާ ހަރުދަނާ ކުރުމާ ގުޅޭގޮތުން ވާހަކަ ދެއްކެވިކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ޝަރުއީ ދާއިރާ "އިސްލާހު ކުރުމުގެ ނަމުގައި" މިދިޔަ ސަރުކާރުތަކުގައި އަމަލު ކުރި ގޮތްތައް ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ.

"އެއް ވެރިކަމެއްގައި ސުޕްރީމް ކޯޓުގައި ތަޅު އަޅުވައިފި. އެ ވެސް ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި. ފަނޑިޔާރަކު ހައްޔަރުކޮށްފި. އަނެއް ވެރިކަމެއްގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިފި،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގައިދިޔަ ބައެއް ކަންކަމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވި އެވެ.

ޝަރީއަތްތައް ލަސްވާތީ ވެސް ނާޒިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހާއްސަކޮށް ސިވިލް ކޯޓުގައި ވަސީލަތްތައް ހުރެ، ޝަރީއަތްތައް ފުނިޖެހޭތީ ނުރުހުން ފާޅު ކުރައްވައި އޭނާ ވިދާޅުވިގޮތުގައި:

  • ސިވިލް ކޯޓުގައި 17 ފަނޑިޔާރުން ތިއްބެވިއިރު 10 ޖުލައިގެ ނިޔަލަށް 4,000އަށް ވުރެ ގިިނަ މައްސަލަ ނުނިމި އެބަ އޮތް

  • އެންމެ މަދުން މައްސަލަ އޮތް ފަނޑިޔާރު އަތުގައި ވެސް 122 މައްސަލަ އެބަ އޮތް

  • އެންމެ ގިނައިން އެއް ފަނޑިޔާރެއްގެ އަތުގައި 500އެއްހާ މައްސަލަ އެބަ އޮތް

"އަޅުގަނޑުމެން ހުރިހާ ވަސީލަތްތަކާއި ހުރިހާ ކަމެއް މެދުވެރިކޮށްފައި އޮތަސް މައްސަލަތައް ނުނިމިވާކަން މި އެނގެނީ. ދެން ކްރިމިނަލް ކޯޓުގައި ވެއްޖެ ނަމަ، ޖާގައިގެ ދަތިކަމުގެ ސަބަބުން ކަންތައްތައް ނުވަނީއޭ ވިދާޅުވެވިދާނެ. އެހެން ނަމަވެސް ވަރަށް ގިނަ މައްސަލަތައް ނުނިމި ވަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ޕީއެންސީގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަނީ (ފޮޓޯ/ޕީއެންސީ)

ރައީސްގެ ވާހަކަފުޅުގައި، ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރެއްވުމަށް ކޯޓު އިމާރާތް އަޅައިދެއްވާނެ ކަމަށް ވިދާޅުވިކަން ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ:

  • ކުރީގެ ސަރުކާރު ނިމިގެން ދިޔަ އިރު، އާސަންދައިގައި އެކަނި ވެސް 1.1 ބިލިއަން ރުފިޔާގެ ބިލްތައް ނުދައްކާ އޮތް ކަމަށް

  • މިވީ އަށް މަސް ތެރޭގައި 1.4 ބިލިއަން ރުފިޔާ އާސައިންދައިގެ ހިދުމަތް ދޭ ތަންނަތަށް ދައްކާފައިވާ ކަމަށް

  • ސަރުކާރުން ހަރަދުތައް ކުޑަ ކުރިޔަސް، ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫ ނާރާނެ ކަމަށް

"އަޅުގަނޑުމެން ކަންކަން ކުރަމުން މިދަނީ ރައްޔިތުންނާ އެއް ހަމައެއްގައި ތިބެގެން. އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެއް ހަމައެއްގައި. އަދި ރައީސް ޑރ. މުއިއްޒު ވެސް ރައްޔިތަކާ ހަތަރު ކަޅި ހަމަކޮށްނުލެވޭ ވަރުގެ ކަމެއް ނުކުރައްވާނެ. ހުރިހާ ކަމެއް ވެސް ކުރައްވަނީ ރައްޔިތުން ކައިރިއަށް އަދިވެސް ދާން އޮތްކަން އެނގިގެން،" ވާހަކަ ނިންމާލައްވަމުން ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް (3)

ސިކުނޑި

31 ޖުލައި 2024
ހަތަރުކަޅި ހަމަނުކުރެވިގެން ތިއުޅެނީ ރައީސް ޔާމީނާއި! އިސްދަށަށް ޖަހަންޖެހުނީ އަދީބާއި ނާޒިމުގެ ކަރަޕްޝަން އިންތިހާއަށް ދިޔައިމަ! މިހާރުގެ ރައީސަށް ތި ސަނާ ކިޔަނީވެސް އަމިއްލަ އެދުން އިސްކުރަންވެގެން! ގައުމީ ދިދައިން ވައްކަން ކުރި މީހަކު ރައްޔިތުންނަށް ހެވެއް އެދިގެން މަސައްކަތެއް ނުކުރާނެ! އޭ! މިހިރަ ދިދަޔާ! ނާޒިމާއި ހަތަރުކަޅި ހަމަނުކުރާށެވެ! އެއީ ތިބާ ވިއްކައިގެން ނާޖާއިޒު ފައިދާ ހޯދިކަމަށް ސާބިތުވެފައިވާ މީހެކެވެ!
0 0

ސާއި

31 ޖުލައި 2024
ނާޒިމް ރައީސަކަށް ވާނެ ދުވަސް އަންނާނެ އަދި
0 0

ބުރުގާ

30 ޖުލައި 2024
ނާޒިމު ކޮންހާ ޅެން ބައިތުތަކެއް ތިކިޔަނީ...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް