ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ބިދޭސީންނަށް އިހުމާލުވުމުން 50،000ރ.ގެ ޖޫރިމަނާ މާ ބޮޑު: ސައުދުﷲ

ސަރުކާރު ކުންފުނިތަކާއި މަސައްކަތް ކުރުވާ އެހެން ކުންފުނިތަކުން ދޭން ޖެހޭ ފައިސާ ނުދޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ފައިސާ ނުލިބޭއިރު، މުސާރަ ދިނުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް
29 ޖުލައި 2024
4

ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތައް އެ އިހުމާލުވާ ކޮންމެ މުވައްޒަފަކަށް ޖޫރިމަނާގެ ގޮތުގައި 50،000ރ. ދައްކަން ސަރުކާރުން ހުށަހަޅާފައި ވާއިރު، އެއީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ސައުދުﷲގެ އަމިއްލަ ވިޔަފާރި، ސަރުކާރުން މި ފަހުން ނެރުނު ބިދޭސީންގެ ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން، އެ ވިޔަފާރިތަކުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ޖެހެ އެވެ.

ވީ ކިހިނެއް؟ - ސައުދުﷲ މިހެން ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބިލުގައި ބިދޭސީ މަސައްކަތްތެރިން ކޮންމެ މަހަކު ދައްކަން ޖެހޭ ވޯކް ޕާމިޓް ފީ އަދި ކޮންމެ އަހަރު ދައްކަން ޖެހޭ ކޯޓާ ފީ، ކޮންމެ ދޮޅު އަހަރަކުން އެއް ފަހަރު ބޮޑު ކުރެވޭ ގޮތަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ގިނަވެގެން ކޮންމެ ދޮޅު އަހަރަކުން އެ ފީއަށް ބަދަލު ގެނެވޭ ގޮތަށެވެ. އެގޮތުން އެ އިސްލާހުގައި ބުނީ:

  • މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު ނުވަތަ ގިނަވެގެން 18 މަސްދުވަހުގެ (ދޮޅު އަހަރުގެ) މުއްދަތަކަށް ވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖާކޮށް އެ ދެ ފީއަށް ވެސް ބަދަލުތައް ގެނެވިދާނެ

  • މުރާޖާކުރުމަށް ފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30އަށް ވުރެ އިތުރު ވެގެން ނުވާނެ

ތަފްސީލް - އެ ބިލަށް ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ އެ ޖޫރިމަނާގެ އަދަދާ މެދު ކޮމިޓީ މަރުހަލާގައި ވިސްނާލަން ޖެހޭ ކަމަށެވެ.

"50،000ރ. އަކީ ކުޑަ އަދަދެއް ނޫން. ފަސް މީހުންގެ ކަމެއް ދިމާވެއްޖެއްޔާ އެއީ 250،000ރ. ދައްކަން ޖެހުން ފަދަ ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

ބިދޭސީންނާ މެދު އިހުމާލުވުމުގައި އެ މީހުންނަށް މުސާރަ ނުދިނުން ހިމެނޭއިރު، ސަރުކާރު ކުންފުނިތަކާއި މަސައްކަތް ކުރުވާ އެހެން ކުންފުނިތަކުން މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ފައިސާ ނުލިބޭއިރު، މުސާރަ ދިނުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

"މިހާރު ވެސް ކުންފުނިތަކުގައި އެބަތިބި ގާތްގަނޑަކަށް ހަތަރު ފަސް މަސް ވަންދެން މުސާރަ ނުދެފިވައި ތިބި މީހުން. އެކަން ހައްލު ކުރެވޭނީ އަޅުގަނޑު ދަންނަވާނީ މަސައްކަތްކޮށްފައި އެ ފައިސާ ދޭން ޖެހޭ ފަރާތްތަކުން އެދޭ އުޖޫރަ އަދާކޮށްގެން،" ސައުދުﷲ ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ގަވާއިދާ ހިލާފަށް އުޅޭ ނުވަތަ ފިލައިގެން އުޅޭ ބިދޭސީންނާ މެދު މިހާރު އަޅާ ފިޔަވަޅަކީ އެ މީހުން ޑީޕޯޓްކުރުން ކަމަށާއި އެކަމުން އެ ބިދޭސީންނަށް އެއްވެސް ގެއްލުމެއް ނޯންނާނެކަން ފާހަގަކުރެއްވި އެވެ.

"ކޮންސްޓްރަކްޝަން ދާއިރާއިން 350 ޑޮލަރު ދޭ މީހުން ފިލައިގެން ގޮސް މަސް ދޯންޏަކަށް އެރީމަ އެބަލިބޭ މަހަކު 1،000، 1،500، 2،000 ޑޮލަރު. އެހެންވީމަ އެ މީހުން ފިލަން ނުޖެހޭ ސަބަބެއް ނެތް އޭގެ ޒާތުގައި،" ސައުދުﷲ ވިދާޅުވި އެވެ.

"ފިލީމަ އެ މީހުންނަށް ލިބޭ އަދަބެއް ނެތް. ރާއްޖޭގައި އެ މީހުން އުޅޭނެހާ ދުވަހަކު އުޅެފައި ފުރަން ދިޔައީމަ އެ މީހުން ޑީޕޯޓްކޮށްލީމަ އެއީ އެ މީހުންނަށް ލިބޭ އަދަބެއް ކަަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން... އެ ގެއްލުން ލިބެނީ އެ މީހާ ގެނައި މީހާ އާއި ދިވެހި ދައުލަތަށް. އޭނަ ފިލީމަ އޭނާގެ ފަރާތުން ދައުލަތަށް ލިބެން ޖެހޭ މަހަކު 350 ރުފިޔާ ނުލިބި އެގޮތަށް އެދަނީ."

ސައުދުﷲ ވިދާޅުވީ އޭނާއަށް އަންދާޒާ ކުރެވޭ ގޮތުގައި ރާއްޖޭގައި 50،000 ބިދޭސީން ފިލައިގެން އުޅޭނެ ކަމަށެވެ. އެހެންވުމުގެ ސަބަބުން އަހަރަކު 227 މިލިއަން ރުފިޔާ ދައުލަތުން ގެއްލޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމަ އިތުރު އަދަބުތަކެއް ދީގެން ނަމަވެސް، އިއުލާނުކޮށްގެން ނަމަވެސް އެ މީހުން ފިލުން އެބަހުއްޓުވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހުގައި އަޅާނެ އިހުމާލުގެ އަމަލުތަކާއި އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ. 

އަޅާނެ ފިޔަވަޅުތަކުގައި ހިމެނެނީ:

  • ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު، އެ ފަރާތްތަކާ މެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން

  • އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ.ގެ މަގުން ޖޫރިމަނާ ކުރުން

  • ތަކުރާރުކޮށް އިހުލާވުމުގެ އަމަލުތައް ހިންގާ ފަޒީފާ ދޭ ފަރާތް ޖޫރިމަނާ ކުރުމާ އެކު، ގާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާ ދޭ ފަރާތްތަށް ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުން؛ އޭގެ ތަފްސީލު ބަޔާން ކުރުން އޮތީ ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން

އިހުމާލުގެ އަމަލުތަކުގެ ގޮތުގައި ބަލަނީ:

  • މުސާރަ ނުދިނުން

  • ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަމުގައި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަނުކުރުން

  • ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށް ފަހު އެ މީހުންނާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ހިންގުން

  • ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުވުން

ކޮމެންޓް (4)

ޖަމެެލް

29 ޖުލައި 2024
ފިލާގެން އުޅޭބޭރުމީހުން ބޭނުން ކަމެއްކުރަން ފުރުސަތު ދެނީކައުންސިލުން .. އެމީހުން ބޭނުންވަރަކަށް ފައިސާ ހިފާގެން ގައުމަށް ދާއިރު ކުޑަމިނުން ޖޫރިމަނާ އެއްވެސް ކުރާނެ ހިތްވަރެއް މިސަރުކާރު ތަކުގަ ނުހުރޭ ... އެކަމަކު ދިވެއްސެއްނަމަ އޭނަގެ 1 ކިޑްނީ ވިއްކާފަ ވެސް އެ ފައިސާ ނުދައްކާ ވާނެ ގޮތެއް ނޯވޭ ... ސުކުރިއްޔާ ދިވެހި ގައުމު..
1 0

މޯޑު

29 ޖުލައި 2024
އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ބޭރުމީހުން ގެނެސްގެން ކޯޓާ ވިއްކައިގެން ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭންވީ. ތަންފީޒު ކުރަންވީ. އެހެންނޫނީ ތީ ބޭކާރު ކަމަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު. އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް އަވަހަކަށް ތި މައްސަލައަށް އަވަސް ހައްލެއް ލިބިގެން ދިއުން.
1 0

ބަކަރިބޯ

29 ޖުލައި 2024
ޖޫރިމަނާ ދައްކަން ވާނެ، ދައުލަތަށް އެ ލިބޭ ގެއްލުމަކީ އާންމުންނަށް ވެސް ލިބޭ ގެއްލުމެއް
6 0

ޙަސަނާ

29 ޖުލައި 2024
ކަލޭމެން ޖޫރިމަނާ ކުރަންވީ ލައްކައިން!
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް