ރަސްފަންނު ޖޯލީގައި ފިރިހެން މީހާ އޮށޯވެލައިގެން. މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
މިއޮތްހާ ދުވަހު އިނީ ނުތާހިރު ހާލުގައި ރަސްފަންނުގައި؛ އެންމެ ފަހުން މޫދަށް ވެއްޓި އައިސީޔޫގައި ފަރުވާދެނީ
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ ޒުވާނާ ރަސްފަންނުން ހިޔާވަހިކަން ހޯދާތާ ދުވަސްގަނޑެއް ވެއްޖެ އެވެ. ގިނަ ފަހަރަށް ކަނީ ވެސް ކައިރީގައި ހުންނަ ޑަސްބިނުން އެއްޗެހި ހޮވައިގެންނެވެ. އެކަމަކު އެއްވެސް މީހަކަށް ކައިރިވާން ނުކެރެނީ ނަޖިސް ހާލުގައި އިނުމުން، ދުވާ ނުބައިވަހުންނެވެ.
އެކަމަކު ހުކުރު ދުވަހު ހަވީރު އޭނާ ފެނުނީ ވިލިމާލޭ ފެރީ ޓާމިނަލް ފަޅުތެރެއަށް ވެއްޓިފައި އޮއްވަ އެވެ. ވެއްޓެން ދިޔައިރު ތޮށިގަނޑުގެ ދާރައިގައި އޭނާގެ ބޯ ޖެހުމުން ލިބުނު އަނިޔާގައި ސިކުނޑިއަށް ގެއްލުން ލިބި، ފުއްޕާމެއަށް ލޮނު އެޅުމުގެ ސަބަބުން އޭނާ ދަނީ، އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފުރާނައާ ހަނގުރާމަކުރަމުންނެވެ.
"ހެއްވާ ތަންކޮޅަކީ މިއީ މާލޭގައި ގެދޮރު ހުރި، ބޮޑު އާއިލާއަކަށް ނިސްބަތްވާ ޒުވާނެއް. އެކަމަކު އެންމެ ބޭނުންވި ދުވަހަކު އެކަކު ވެސް އޭނާގެ ކައިރިއަކު ނެތް،" އެ ޒުވާނާގެ ދުރުތާ މީހަކު، ނަން ނުޖަހާ ގޮތަށް ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި އުމުރުން 38 އަހަރުގެ އެ ފިރިހެން މީހާއަކީ، ކޮންމެވެސް ސަބަބަކާ ހުރެ ވަރަށް ކުރިއްސުރެ އާއިލާއިން އަޅާނުލައި ދޫކޮށްލާފައި ހުރި މީހެކެވެ. ސްކޫލުގައި އުޅުނު އިރު، ގުރުއާން ހިތުދަސްކުރި އެވެ. އެކަމަކު ގޭގެ ހިޔާވަހިކަން ނުލިބުމުން، މިއޮތްހާ ދުވަހު އޭނާ ދިރިއުޅުނީ އަމިއްލަ މަސައްކަތުން، އެކި ތަންތަނުގަ އެވެ. މަސްތުވާތަކެތީގެ ވަބާގައި ވެސް ވަކި ހިސާބަކުން ޖެހުނެވެ. އެކަމަކު އެކަމުން ސަލާމަތްވެ، އެނބުރި ގެއަށް ދިޔުމުން ވެސް އޭނާގެ މޫނުމައްޗަށް ދޮރުލެއްޕީ އެވެ.
ސިކުނޑީގައި ޓިއުމަރެއް ފަދަ އެއްޗެއް އުފެދި، އެ ފިރިހެން މީހާ ބަލިވާން ފެށީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭގެ ސަބަބުން ބައެއް ވަގުތުތަކުގައި ބުއްދި ފިލައިދެ އެވެ. ނޫނީ ވާނުވާ ނޭނގެ އެވެ. އެހެންވެ، ދެން އޭނާ ދިރިއުޅެން ފެށީ މަގުމަތީގަ އެވެ.
މަގުމަތީގައި އެހެން އުޅުމުގެ ތެރޭގައި މީހުންނަށް އުނދަގުލަކަށް ވެގެން އެތައް ފަހަރަކު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. އެކަމަކު އަޅާލާނެ އިތުރު މީހަކު ނެތުމުން، އޭނާ ނިދަމުން ގެންދިޔައީ ސޯޝަލް ސެންޓަރުގެ ފާރުބުރި މަތީ ނުވަތަ ރަސްފަންނުގެ ޖޯލިތަކުގަ އެވެ. ގިނަ ފަހަރަށް ކަނީ ޑަސްބިން ހާވައިގެންނެވެ.
މި ފިރިހެން މީހާއަށް މި ފަހުން ވަނީ ދެ ސްޓްރޯކެއް ޖެހިފަ އެވެ. އޭގެ ސަބަބުން އޭނާގެ އެއްފަޅި ކޮންމެވެސް ވަރަކަށް ވާވެ، ހިނގައި އުޅެނީ ކޮރު ޖަހައިގެންނެވެ. އެންމެ ފަހުން ސްޓްރޯކެއް ޖެހި މަގުމައްޗަށް ވެއްޓިފައި އޮއްވާ އޭނާ ނެގީ ފުލުހުންނެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި، ގަޔަށް ބޮޑުކަމުގޮސް، ސާފުނުކޮށް ހުރުމުގެ ސަބަބުން އެ ޒުވާނާއާ ކައިރިވާކަށް ގިނަ މީހުންނަކަށް ނުކެރެ އެވެ. އަދި އެ ހާލުގައި އޭނާ އެގޮތަށް އިންނާތީ، ގިނަ ބަޔަކަށް އުނދަގުލަކަށް ވެގެން އުޅެ އެވެ.
އެ ވާހަކަތައް ފޭސްބުކްގައި ލިޔުނު މީހަކު ބުނި ގޮތުގައި، ރަސްފަންނަށް ދިޔަ ދުވަހެއްގައި، އެ ޒުވާނާގެ ޝަކުވާ އޭނާގެ ކައިރީގައި ކުރީ އެތަނުގައި ތިބި އުމުރުން ދުވަސްވީ މީހުންތަކެކެވެ. އެ މީހުންގެ އެދުމުގެ މަތިން އޭނާ އެ ޒުވާނާ ކައިރިއަށް ގޮސް ވާނުވާ އޮޅުންފިލުވައި، މޫދަށް އެރުވައި ސާފުކޮށް ހެދުވި އެވެ. އަދި ކާއެއްޗެހި ގަނެ، ކާންދީ ހެދި އެވެ.
"އަޅުގަނޑު ކައިރީ އޭނާ ބުނި ވަންނާނެ ފާހާނާއެއް ނެތީމައި ގަޔަށް ބޮޑުކަމު ދެވެނީ ކަމަށް،" ފޭސްބުކްގައި އެ މީހާ ލިޔެފައި ވެ އެވެ.
"އަދި އަޅާލާނެ މީހަކު ނެތިގެން ގުރައިދޫއަށް ގެންގޮސް ދިނުމަށް ވެސް ޖެންޑާ މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް ބުނި... އެކަމަކު މިއަދު މި އިވުނީ އޭނާ މޫދަށް ވެއްޓުނު ހަބަރު."
މި ޒުވާނާގެ ވާހަކަ ކިޔައިދިން އޭނާގެ ތިމާގެ މީހާ ބުނި ގޮތުގައި، ޒުވާނާ މޫދަށް ވެއްޓުމުން އޭނާ ނެގީ އެތަނުގައި ހުރި އެމްޓީސީސީގެ މުވައްޒަފެކެވެ. މޫދަށް ވެއްޓުމާއެކު ވަގުތުން އޭނާ އަޑިއަށް ދިޔަ ނަމަވެސް، ވަރަށް ހުޝިޔާރުކަމާ އެކު އެ މުވައްޒަފު އޭނާ ނަގައި ފުރާނަ ސަލާމަތްކޮށްދިން ކަމަށް ބުންޏެވެ.
"އެކަމަކު އަދިވެސް އޭނާގެ ހާލު ވަރަށް ސީރިއަސް. ވެންޓިލޭޓަރުގައި އޮތީ،" އާއިލާގެ މީހާ ބުންޏެވެ.
ކޮމެންޓް (3)
އަހަރެން
ފާތުން
ސިކުނޑި