މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް (ފޮޓޯ/މަޖިލިސް)

ނުލިބި ހުރި 15 ބިލިއަން ރުފިޔާ ހޯދަން މަޖިލީހުން މަސައްކަތް ފަށަނީ

ނުދައްކާހުރި ފައިސާގެ ބޮޑު ބަޔަކީ ރިސޯޓުތަކުގެ ކުއްޔާއި ޓީޖީއެސްޓީ އަދި އެ ދާއިރާ އެކި ކުންފުނިތަކާ ގުޅުންހުރި ފައިސާ

ވިޔަފާރިތަކާއި އެހެހެން ވެސް ފަރާތްތަކުން ސަރުކާރަށް ނުދައްކާ ހުރި 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަސައްކަތްތަކެއް ކުރަން ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވަނީ، އެކި ފަރާތްތަކުން ދައުލަތަށް ނުދައްކާހުރި ފައިސާގެ ތަފްސީލްތައް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ޝާއިއުކުރައްވައިފަ އެވެ. އެ އަދަދުތައް ހާމަކުރައްވަމުން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ: 

  • އަންނަ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ޓެކްސް އީދާރާ، މީރާގެ ކޮމިޝަނަރު ހާޒިރުކޮށް އެކަމާ މެދު ސުވާލު ކުރާނެ 

ތަފްސީލް - އޭނާ އެ ޕޯސްޓްގައި އިތުރަށް ވިދާޅުވި ގޮތުގައި އެކި ފަރާތްތަކުން ދައުލަތަށް ނުދައްކާހުރި ފައިސާ ހޯދަން ޖެހެ އެވެ. އަދި ވިދާޅުވީ އެކަމުގެ އެ ނޫން ގޮތެއް ނެތް ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެ ފައިސާ ނުލިބި ވަނީ ކީއްވެގެންކަން ސާފުވާން ޖެހޭ ކަމަށެވެ. 

"އެކަމުގެ އެންމެ ފުނަށް ފީނަން ޖެހޭ،" ނާޒިމް އެކްސްގައި ލިޔުއްވި އެވެ. 

ނުދައްކާ ފައިސާގެ ބޮޑު ބައެއް ޓޫރިޒަމުން

ނާޒިމް އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސް އާއި ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 7.8 ބިލިއަން ރުފިޔާއަށް އަރަ އެެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

އެއީ ޖުމްލަ 15.4 ބިލިއަން ރުފިޔާ އެވެ. އެގޮތުން: 

  • ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ ޖީއެސްޓިގެ ގޮތުގައި، ޖީއެސްޓީން 3.3 ބިލިއަން ރުފިޔާ ލިބެން ޖެހޭ

  • ދެން އެންމެ ބޮޑު އަދަދެއް ލިބެން ޖެހޭ ޓީޖީއެސްޓީން 1.7 ބިލިއަން ރުފިޔާ ލިބެން ޖެހޭ

  • ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ނުދައްކާ 

  • ވިޔަފާރި ފައިދާގެ ޓެކުހުން 416.9 މިލިއަން ރުފިޔާ ނުލިބި 

  • އެއާޕޯޓް ޓެކުހާއި ފީން 414.2 މިލިއަން ރުފިޔާ ނުލިބި 

  • ގްރީން ޓެކުހުން 289.4 މިލިއަން ރުފިޔާ ނުލިބި 

  • ޕްލާސްޓިކް ކޮތަޅުން ފީން 110.4 މިލިއަން ރުފިޔާ ނުލިބި 

  • ވިތް ހޯލްޑިން ޓެކްސްތަކުން 236.1 މިލިއަން ރުފިޔާ ނުލިބި

https://x.com/MP4Dhiggaru/status/1817048058372456683

މީގެ އިތުރަށް ރިސޯޓްތަކާއި އެހެން ވެސް ބިންތަކުގެ ކުލީގެ ގޮތުގައި ސަރުކާރަށް ނުލިބި ހުރި ފައިސާގެ އަދަދު ވެސް ބޮޑެވެ. އެގޮތުން: 

  • ބިމު ކުއްޔާއި ސީއެސްއާރުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ނުލިބި

  • ދަނޑުވެރިކަމަށް ދިގު މުއްދަތަށް ދޫކޮށްފައިވާ ރަށްތަކުން ނުލިބި 80.5 މިލިއަން ރުފިޔާ

  • އެހެނިހެން ފީތަކުން 670.7 މިލިއަން ރުފިޔާ 

ހިސާބުތަކުން ދައްކާ ގޮތުގައި ސީދާ ޓެކްސްތަކާއި ކުލީގެ ގޮތުގައި ނުލިބި ހުރީ 9.6 ބިލިއަން ރުފިޔާ އެވެ. އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައި ވަނީ 5.9 ބިލިއަން ރުފިޔާ އެވެ. 

އެކި ފަރާތްތަކުން ދައުލަތަށް ނުދައްކާހުރި ފައިސާ ހޯދުން ނޫން ގޮތެއް ނެތް. އެކަމުގެ އެންމެ ފުނަށް ދާން ޖެހޭ 

އަހުމަދު ނާޒިމް، މަޖިލީހުގެ ނައިބު ރައީސް

ފާހަގަކޮށްލެވޭ - ރޭ ބޭއްވި މިނިވަން ދުވަހުގެ ހާއްސަ ހަފްލާގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގައި ވިދާޅުވީ ދިވެހި ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ނުލިބި އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި:

  • އެ ފައިސާ ހޯދަން މި ސަރުކާރުން މަސައްކަތް ފެށުމާ އެކު އެކި ފަރާތްތަކުން އެ ފައިސާ ދައްކަން ވަނީ މިހާރު ފަށާފައި 

  • އެ ފައިސާ ނުލިބިއްޖެ ނަމަ ކޯޓު މަރުހަލާ އަށް ގޮސްގެން ވެސް އެކަން ކުރައްވާނެ ކަމަށާއި ދޫނުދެއްވާނޭ ކަމަށް ވިދާޅުވި

"އެ ފައިސާ [ދައުލަތަށް ނުދައްކާހުރި ފައިސާ] ހޯދާނަން. މިހާރު އެ މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަން ވެސް ފަށައިފި. ސިޓީ ފޮނުވާލީމާ ފައިސާ ދައްކާ. އެކަމަކާ އުޅުނީމަ ދެއްތޯ ފައިސާ ދޭނީ ވެސް،" ރައީސް ވިދާޅުވި އެވެ.

'ފައިސާ ނުދެއްކި ހުރީ ސަރުކާރުން ބިލްތައް ނުދައްކާތީ'

ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓަށް ހިޔާލުފާޅުކުރި ބައެއް ފަރާތްތަކުން ބުނީ ސަރުކާރަށް ދައްކަން ޖެހޭ ޖީއެސްޓީ ފަދަ އެހެން ވެސް ޓެކްސް ނުދެއްކި ހުރީ ސަރުކާރަށް ފޯރުކޮށްދިން ތަކެއްޗާއި ހިދުމަތަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް، ސަރުކާރުން ކުންފުނިތަކަށް ނުދައްކާ ހުރުމުން ކަމަށެވެ. 

"ސަރުކާރުން [އަމިއްލަ ކުންފުނިތަކަށް] ދޭން ޖެހޭ ފައިސާ ނުދީ 4 އަހަރުވެފައި ހުއްޓާ އަދި އެޔަށްވާ ޓެކްސް ލާރިކޮޅު ހޯދަން ފަހަތުން އެބަ ދުވޭ. އެކަމަށް ހައްލެއް ހޯދަދެވޭ ކަމަކަށް ނުވޭ. އަހަރުމެންނަކަށް މާ ބައިވަރު ގޮތްތަކެއް ނޯވޭ،" ކުޑަ ރިޒާގެ ނަމުގައި އެކްސްގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ. 

އިސްމާއިލް އަހުމަދުގެ ނަމުގައި ހިޔާލުފާޅުކުރި މީހަކު ބުނީ ފެނަކައިން ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ތިބެ، ކަރަންޓް ބިލް ނުދެއްކުމުން ކަރަންޓް ކަނޑާލަމުން ދާ ކަމަށެވެ.

"ސަރުކާރުން ވެސް ރައްޔިތުންނަށް ދޭން ހުރި ފައިސާ ދީފައި ދެން ލިބެންހުރި އެއްޗެއް ނުދީގެން ޝަކުވާ ކުރޭ. މިއީ ބްލީކުރުމެއް،" އޭނާ ބުންޏެވެ. 

މީގެ އިތުރަށް ބައެއް ފަރާތްތަކުން ބުނީ ދައުލަތަށް ފައިސާ ނުދައްކާ ތިބި ފަރާތްތަކުގެ މައުލޫމާތު ހާމާކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތު ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. 

އަނެއް ބައެއްގެ ހިޔާލަކީ ދައުލަތަށް ނުދައްކާހުރި ފައިސާ ވަކި މީހެއްގެ މޫނަށް ނުބަލައި ހޯދުމަށް ފަހު އެ ފައިސ ބޯހިޔާވަހިކަން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރަން ހަރަދުކުރުމެވެ. 

ކޮމެންޓް (5)

އަލޮމް މިއާ

27 ޖުލައި 2024
ތި ހަބަރަށް ވަކި މީހެއްގެ ޕޮޓޯ ޖެހީމަ ކިޔާ މީހުންނަށް ހީވެދާނެ ލާރިކޮޅު ނުދައްކާ މިއުޅެނީ ހަމަ އެކަނި ބުރުމާ ގާސިމޭ ނުދައްކަންޏާ އެންމެންވެސް ހަމަ ހަމަ ވާންޖެހޭނެދޯ
1 1

ސިޔާދު

28 ޖުލައި 2024
@އަލޮމް މިއާ ކޮމިޓީގެ މުގައްރިރުގެ ފޮޓޯ ނުޖަހާ ދެންޖަހާނީ ކާކުގެ ފޮޓޯއެއް.
0 0

އަލޮމް މިއާ

28 ޖުލައި 2024
@ސިޔާދު ނާޒިމްގެ ފޮޓޯ މި މައްސަލަ ހުށަހެޅުއްވީ ނާޒިމް މުޅި ހަބަރުގަ ދައްކަނީ ނާޒިމްގެ ވާހަކަ ބުރުމާގެ ވާހަކައެއްނޫން
0 1

ގާއްޓެ

27 ޖުލައި 2024
މިރާއްޖޭގެ ބަދަލު ހޯދުމުގެ އައްޕަ މުގައްރިރުކަން ކުރާ ކޮމިޓީއަކުން ތިކަން ވާނެކަމާއިމެދު ވަރަށް ޝައްކު
1 0

ނާޒިމް

27 ޖުލައި 2024
މާލިއްޔަތު ކޮމިޓީ ގެ މުގައްރިރު މީ މިހެން ލާރި ނުދައްކާ ފިލައިގެން އުޅޭ އެކަކު
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް