ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ: (ފޮޓޯ/ރައީސް އޮފިސް)

ބޯހިޔާވަހިކަން

އިންޓަރެސްޓް ރޭޓް %5 އަށް ވުރެ ބޮޑުނުވާ ގޮތަށް ގެދޮރުވެރިކަމުގެ ލޯނުތައް އޮކްޓޫބަރު މަހުގައި ދޫކުރަން ފަށަނީ

ތިން ގިންތިއަކުން ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައި. އޭގެތެރޭގައި މާލޭގެ ގެދޮރުވެރިކަމަށް 6 މިލިޔަން ރުފިޔާގެ ލޯނު ދޫކުރާނެ

އިންޓަރެސްޓް ރޭޓް %5 އަށް ވުރެ ބޮޑުނުވާ ގޮތަށް، ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރު މަހުން ފެށިގެން ދޫކުރަން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުމާއި އެ މައްސަލައަށް ހައްލެއް ގެނައުމެވެ. 

އެ ކަމަށް ހައްލު ގެނައުމަށް ކުޑަ އިންޓަރެސްޓަކާ އެކު، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ލޯނު ނެގޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކުން ލޯނު ދޫކުރާނެ އެވެ. އެއީ:

  • މާލޭގައި 6 މިލިޔަން ރުފިޔާއާ ހަމައަށް

  • އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް

  • އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް

"ގެދޮރު އަލަށް އިމާރާތްކުރުމަށާއި މަރާމާތުކުރުމަށަށް އަދި ހަދަން ފަށާފައި ނުނިހުރި ބައި، މި ލޯނުތައް މެދުވެރިކޮށް ނިންމޭނެ،" ރައީސް ވިދާޅުވި އެވެ.

'ހިޔާވެހި ފައިނޭންސް ސްކީމް'ގެ ނަމުގައި ދޫކުރާ މި ލޯނުތައް ސަރުކާރުން އިއުލާންކޮށްފައިވަނީ މިދިޔަ މާޗު މަހު ފަހުކޮޅެވެ.

ގުޅުން ހުރި - ގެދޮރުވެރިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމަކީ ސަރުކާރުގެ 'ހަފްތާ 14' އެޖެންޑާގައި ހިމެނޭ ކަމެކެވެ.

މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ހުލުވާލާ ފުރުސަތެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

މަރީހް

27 ޖުލައި 2024
ލިބޭ އާމްދަނީއާއި ދެން ހުރި ޝަރުތުތައް ހަމަ ވާނީ މަދުމީހެއްގެ..ލޯން އިއުލާން ކުރުމާއިއެކު ކަންކަން ސާފުކޮށްލާއިރު ބޮޑުން ޝަރުތުހަމަވާނީ..
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް