ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު (މ) އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގައުމީ ސަލާމަށް ހުއްޓިވަޑައިގެން. (ފޮޓޯ/ރައީސް އޮފީސް)

މިނިވަން ދުވަހުގެ މުނާސަބަތުގައި 'އޭ ދިވެހި ދިދަޔާ' ލަވަ ނެރެފި

ރައީސް މުއިއްޒު ހުވާކުރެއްވި ދުވަހު ގައުމީ ދިދަޔާ މުހާތަބުކުރައްވައި ދެއްކެވި ބައެއް ވާހަކަފުޅު އެ ލަވައިގައި ހިމަނާފައިވޭ

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި 'އޭ ދިވެހި ދިދަޔާ'ގެ ނަމުގައި ގައުމީ ލަވައެއް ނެރެފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި ދުވަހު ގައުމީ ދިދަޔާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ބައެއް ތަންތަންކޮޅު ހިމަނައިގެން އުފައްދާފައިވާ މި ލަވަ އެންމެ ފުރަތަމަ ދައްކާލާފައި ވަނީ މިރޭ ސޯޝަލް ސެންޓަރުގައި ކުރިޔަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ގައުމިއްޔަތާއި މިނިވަންކަމުގެ ރޫހު އާލާވާ ފަދަ ޅެމަކާ އެކު އުފައްދާފައިވާ 'އޭ ދިވެހި ދިދަޔާ' ލަވައިން ރާއްޖޭގެ ހުނަރުވެރި ގިނަ އަދަދެއްގެ ލަވަކިޔުންތެރިންގެ އަޑު އިވިގެންދިޔަ އެވެ.

"އޭ ދިވެހި ދިދަޔާ، ތިބާ ވިހުރޭށި މިނިވަންކަން މަތީ. ދޭނަމޭ ގަދަރާއި އިއްޒަތް، އޭގެ ފުރިހަމަ ގޮތްމަތީ،" މިއީ އެ ލަވައިގައި އެންމެ ގިނައިން ތަކުރާރުވާ ބައިތެވެ.

26 ޖުލައި 2024، ސޯޝަލް ސެންޓަރު، މާލެ - ރައީސް މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި (ފޮޓޯ/ރައީސް އޮފީސް)
26 ޖުލައި 2024، ސޯޝަލް ސެންޓަރު، މާލެ - ރައީސް މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - ހުވާކުރެއްވި ދުވަހު ރައީސް މުއިއްޒު ދެއްވި ތަގުރީރުގައި ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދިދައަށް އިޝާރަތްކުރައްވައި ދެއްކެވި ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ އެވެ.

"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާ ދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހްސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،" ރައީސް ދިދަޔާ މުހާތަބު ކުރައްވާ ވިދާޅުވެފައިވެ އެވެ.

"އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި، ދިވެހި ދިދަޔާ. މިއަދު މި ވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ. މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ހުރި ކޮންމެ ތަނެއްގައި، ތިރި ކުރުމެއް ނެތި، ރެ އާއި ދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާ އެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން."

ރައީސްގެ އެ ވާހަކަތަކަށް އޭރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. އެކަމާ ގުޅުވައިގެން ބައެއް މީހުން ޖޯކު ޖަހައި އެކި ކަހަލަ މީމްތައް ވެސް ހަދާފައިވެ އެވެ. އަދި މިފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެ ވާހަކަތަކާ ގުޅުވައި ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް