ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވި ރަސްމިއްޔާތު އޮތް ޖުމްހޫރީ މައިދާނުގައި ދިވެހި ދިދައް (ފޮޓޯ/ މަޖިލިސް)
ރައީސް މުއިއްޒުގެ ތަގުރީރުގައި ގައުމިއްޔަތުގެ ފިލާވަޅުތަކެއް ވެސް
ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސުން ދެއްވާ ފުރަތަމަ ތަގުރީރު ރައްޔިތުން ކަނުލާ އަޑުއަހަ އެވެ. މިއަދު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ދެއްވި ތަގުރީރު ވެސް އެފަދަ އެވެ. އަދި އޭގެ ފަހު ބައިގައި ގައުމިއްޔަތާ ބެހޭ ގޮތުން ހިމެނުއްވި ބަސްކޮޅު ތަފާތެވެ.
'ނަސްރާއި ކާމިޔާބީގެ މައިދާނެއް'ގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި ޖުމްހޫރީ މައިދާނުގައި ހުންނަވައި ދެއްވި ތަގުރީރުގައި ޅެން ބަހުރުވައަށް ފެތޭ ކަހަލަ ބަސްތައް ވެސް ބޭނުންކުރެއްވި އެވެ. އެގޮތުން ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދިދައަށް އިޝާރަތްކުރައްވާ ދެއްކެވި ވާހަކަފުޅު ފާހަގަކުރެވެ އެވެ.
"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާ ދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހްސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި، ދިވެހި ދިދަޔާ. މިއަދު މި ވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ. މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ހުރި ކޮންމެ ތަނެއްގައި، ތިރި ކުރުމެއް ނެތި، ރެ އާއި ދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާ އެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން."
ދިދައަށް އިޝާރަތްކުރައްވަމުން، ގައުމާ ގުޅޭ އެހެން ބައެއް ކަންކަން ވެސް ރައީސް ނެންގެވި އެވެ. މިސާލަކަށް ދިދައިގެ ކުލަތަކާއި އެ ކުލަތަކަށް ކަނޑައަޅާފައި ހުންނަ މިންތައް ސިފަކުރެއްވީ ގައުމުގެ ތަރުތީބެއްގެ ގޮތަށެވެ.
އެމަނިކުފާނު ވިދާޅުވީ ދިދައިގައި ކުލަތައް އެތުރިފައި ހުންނަ އިންތަކާއި މިންތަކުން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާ އެކު، ވަކި ގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެން ކަމަށެވެ.
"އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަށް ވާނީ، ދިވެހި މުޖުތަމައު ދިވެހިންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި ފަށަނީ 'ދިވެހި އުންމަތް އޭގެ ހަގީގީ ބަނދަރާ ދިމާލަށް މިސްރާބު ހެޔޮކޮށްލުމު'ގެ ދަތުރެވެ. އެއީ ދިވެހިވަންތަ ގައުމީ ޝަހުސިއްޔަތު، ކުރިއަށް އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް ކަމަށާއި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށާއި ކޮންމެ ޒުވާނަކަށް ލިބެން ޖެހޭ ގައުމީ ހައްގެއް ކަމަށް ވިދާޅުވި އެވެ.
"މި ހައްގުތަކާއި ފުރުސަތުތަކާއި، ފަހުރުވެރި އަސަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް އަޅުގަނޑުމެން މި ފަށަނީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު،" ރައީސް ވިދާޅުވި އެވެ.
"މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއު. ދިވެހީންގެ ކެރުމާއި، އަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫއު. ދިވެހީން، ގޮތާއި ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއު."
މި 'މަޝްރޫއު'ގެ ދަށުން ދިވެހި ގައުމިއްޔަތު ދިރުވާ އާލާކޮށް، ދިވެހި ދަރިންގެ 'ނަފްސާނީ، ރޫހާނީ އަދި މާނަވީ ވެށި ބިނާކުރެވޭނެ" ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ތަގުރީރު ނިންމާލެއްވީ މަޝްހޫރު ޅެންވެރިޔާ އަލްމަރުހޫމް ޔޫސުފް މުހައްމަދު ފުޅުގެ ގައުމީވަންތަ ޅެމެއްގެ ބައިތަކުންނެވެ. ކޮންމެ ދިވެއްސެއްގެ ޝުއޫރަކަށް ވާންވީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޅެމުގައި އެ ބުނާ:
ކޮން ފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ
ހަންހާރަވެތި ދިވެހީންގެ މީ، ގިންތީ ތެރޭ ހިމެނުއްވުމީ