ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ: މި ދުވަސްވަރު އޮތީ ސަރުކާރަށް ފާޑުވިދާޅުވުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސަރުކާރުގެ ސިޔާސަތުތައް ދަނީ ނަންނުގައްޗެއް ދުވާހެން: ޔާމީން

ކުރީގެ ރައީސް ވިދާޅުވީ ހަރަދުކުޑަ ކުރުމުގެ ފިޔަަވަޅުތަކާއި ސިނަމާލެ ބްރިޖުން ފީ ނެގުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިއުލާންކުރި ސިޔާސަތުތަކުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް

މި ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ކަނޑައަޅާ ސިޔާސަތުތަކުގެ މަތީ ގާއިމުވެ ނުތިބެވުން ކަމަށާއި 'ސިޔާސަތުތައް ދަނީ ނަންނުގަންނެއްޗެއް ދުވާހެން' ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ ޕާޓީ، ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން މި ވާހަކަ ނެންގެވީ ޕޯޑިއަމްގައި ވާހަކަ ދައްކަވަން ހުންނެވި ދަރިކަލުން ޒައިން އަބްދުﷲ ކުރެއްވި ސުވާލެއްގެ ތެރެއިންނެވެ. ރާއްޖޭގެ މިނިވަންކަމާ ގުޅޭ ގޮތުން ކުރެއްވި އެ ސުވާލާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކާ މެދު ވަރަށް ގިނަ ވާހަކަތައް ދެއްކެވި އެވެ.

ތަފްސީލް - ޔާމީން ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެއްގޮތެއްގައި ނޯތުން ނުވަތަ ސާބިތުކަން ނެތުން ކަމަށެވެ. އެގޮތުން  އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކާއި ބްރިޖުން ފީ ނަގަން ނިންމުމާއި އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމާ ގުޅޭ ގޮތުން ކުރިން އިއުލާން ކުރެއްވި ސިޔާސަތުތައް، ވަކި ހިސާބަކުން ބަދަލުވެ، ނުވަތަ އޭގައި ވާނުވާ ނޭނގި އޮޅޭގޮތްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރަން ގަރުދިޔަ އާއި ބަތް ކާން ރައްޔިތުންނަށް އެންގުމުގެ ބަދަލުގައި ކިޔައިދޭންވީ، އެކަމަށް އަޅަން ޖެހޭނެ ފިޔަވަޅުތަކެވެ. މާލީ ގޮތުން އަޑިއަޅާލާފައިވާ ކަމާއި ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ބުނެ ދެން އިއުލާންކުރަނީ، އަނެއްކާވެސް ކޮންމެވެސް ކަމަކަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާނެކަން ކަމަށް ވިދާޅުވި އެވެ.

 "މިހާރު ރައްޔިތުންނަށް ވާނުވާއެއް ނޭނގޭ. [އަޅާ ފިޔަވަޅުތަކުގައި] އިހްލާސްތެރިކަމެއް ހުރި ނަމަތާ، އެނގޭނީ މަރުހަބާ ކިޔާފައި ރައްޔިތުންނަށް އެކަމުގައި ކުރިއަށް ދާން،" ޔާމީން ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖާއި އެތަނާ ގުޅިފައިވާ މަގުތަކުން ފީއެއް ނަގަން ދިރާސާކުރާކަން ރޭ ސަރުކާރުން ކުރި އިއުލާނާ ގުޅޭ ގޮތުން ވެސް ޔާމީން ވާހަކަދެއްކެވި އެވެ. އެކަމަކު ޔާމީން ފާޑުވިދާޅުވީ އެކަމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު ފަހުން ދެއްވި ރައްދަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާެއެއްގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާލެ ސަރަހައްދުގައި ބޮޑުވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދުމަށް ރޭ ތައާރަފުކުރި 'މާލެފަހި' ޕްރޮގްރާމުގެ ދަށުން ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓަން ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރުމަށް ފަހު އެކަށީގެންވާ ފީއެއް ނަގާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވައި ރައީސް މިއަދު އެކްސްގައި ވިދާޅުވީ ދިރާސާކޮށް، ފީ ނަގަން އެމަނިކުފާނަށް ހުށަހެޅުއްވި ނަމަވެސް، އެކަން ކުރައްވާނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

އެކަމަށް ފާޑުކިއުއްވަމުން ޔާމީން ވިދާޅުވީ ބްރިޖުން ފީ ނަގަން އުޅޭ ކަން އިއުލާން ކުރާނީ ރައީސަށް ވެސް އެނގިވަޑައިގަތުމާ އެކުގައި ކަމަށެވެ. އެކަމަކު އިއުލާން ކުރުމަށް ފަހު، އެހެން މާނައެއް ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވުމުން، އެކަން ވެސް ރައްޔިތުންނަށް އޮޅިފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެމަނިކުފާނު ވިދާޅުވީ އެއީ ވެސް، ކަނޑައަޅާ ސިޔާސަތުގައި ދެމިނުހުރެވޭކަން އަންގައިދޭ ކަމެއް ކަމަށެވެ.

ދެން ޔާމީން ދެއްކެވީ އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން ނިންމައި، އެކަމުގެ އަމަލީ ފިޔަވަޅު ދިގުލައިގެން ދިޔުމާ ގުޅޭ ގޮތުންނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުން ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ނިންމައި، ވަކި ސިޔާސަތެއް ކަނޑައަޅައި، އިއުލާންކޮށްފައި.

  • އޯއީސީގެ ބައްދަލުވުމުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިންގެ ނަމުގައި އިލްތިމާސްތަކެއް ކުރައްވާފައި.

  • ނަމަވެސް އެކަމުގެ ތަންފީޒީ މަރުހަލާއިން ފެންނަނީ މަންޒަރު ބަދަލުވާތަން؛ ސަރުކާރުގެ މަތީ ފަޑިން ވެސް، ވަރަށް ފަސޭހައިން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްލައި، އެކަން ތަންފީޒު ކުރެވިދާނެ.

"ސަރުކާރުން ބޭނުންވީ އެކަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން. އެއީކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ވެސް ނޫން. އަޅުގަނޑު ދަންނަވާނީ އެއީ، ފުރަތަމަ ވެސް މިކަމުގައި ފަހަތަށް އެޅުއްވި ކަމެކޭ،" ކޮމިޓީ މަރުހަލާގައި އެ މައްސަލައަށް 45 ދުވަސް ވެފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވި އެވެ.

"އެކަމުގައި ވެސް ސަރުކާރުން މި ހިޔާރުކުރީ ދިގު މަގު. އެކަމުގައި ވެސް ހެޔޮ ނިޔަތެއް ނެތް. އެއް އަތުން މި ބުނަނީ މިކަން ކުރާނަމޭ. އަނެއް އަތުން މި ބުނަނީ ކުރިޔަކަ ނުދޭނަމޭ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނާ ހަމައަށް ގެންނަ ސިޔާސަތުތައް ވާން ޖެހޭނީ، އެކަމާ މެދު ވިސްނައި، އޭގައި ސާބިތުވެ ހުރެވޭ ފަދަ ސިޔާސަތުތަކަކަށެވެ. އެހެން ނޫން ނަމަ، ދިވެހިން އަބަދުވެސް އުޅެން ޖެހޭނީ ވަރަށް ދަތި މަރުހަލާއެއްގައި ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ގިލަންވެރިކަމުން ސަލާމަތްވާން ބޭނުންފުޅުވާ ކަމަށާއި އެހެންވެ އެކަމަށް، ހެޔޮ ނިޔަތާ އެކު، ކަނޑައަޅާ ސިޔާސަތުތައް މަތީ ސާބިތުވެހުރުން މުހިއްމު ކަމަށެވެ.

ކޮމެންޓް (3)

މުޙައްމަދު

26 ޖުލައި 2024
ނޯބޮޑީ ކެއަރސް އެބައުޓް ވަޓް ޔޫ ސޭ!
1 0

ވިލް

26 ޖުލައި 2024
ނަންނު ގައްޗެއް ގޮތަށް ދިޔަސް ކުރާ ކޮންމެ ކަމަކުން 1 މިލިއަން ޑޮލަރެއް މުއިއްޒު އެކައުންޓަކަށް ނުލާ
1 0

ސައިމާ

25 ޖުލައި 2024
މމޕރސ ގެ ފައިސާވެސް އެއްގޯތިން އަނެއް ގޯއްޗަށް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ދުވީވެސް ހަމަ ނަންނުގައްޗެއްހެން، ދޮގެއްތޯ؟ ކެމްޕޭން ފައިސާއަށް ލިބުނު 100 މިލިއަން ރުފިޔާއާއި 5 މިލިއަން ޑޮލަރަށް ވަރަށް ސަލާމް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް