ސިވިލް ސާވިސް ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ ސީއެސްސީ)

މިނިސްޓްރީތަކުގެ ޕީއެސް ވެރިކަމާ އެކު ބަދަލުވާ ގޮތް ހަދަން ގާނޫނަށް އިސްލާހެއް

ސީއެސްސީގެ ރައީސް ނާސިހް ވިދާޅުވީ އެއީ ދާއިމީ މަގާމަކަށް ވުމާ އެކު މިނިސްޓަރުގެ ލަފާ ހޯދަން ޖެހޭ ގޮތަށް ގާނޫނުގައި މިހާރު އޮތުމުން މައްސަލަތައް ދިމާވާ ކަމަށް

ސަރުކާރުގެ މިިނިސްޓްރީތަކުގައި ތިއްބަވާ ޕާމަނަންޓް ސެކެރެޓަރީ (ޕީއެސް)ގެ މަގާމަކީ ވެރިކަމުގެ ދައުރާ ގުޅިގެން ބަދަލުވާ މަގާމަކަށް ހަދަން ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހަޅަން އެޓާނީ ޖެނަރަލްގެ (އޭޖީ) އޮފީހަށް ސިވިލް ސާވިސް ކޮމިޝަނުން ފޮނުވައިފި އެވެ.

އެނގުން މުހިންމު - ސިވިލް ސާވިސް ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕީއެސްގެ މަގާމަކީ މިނިސްޓަރުގެ ލަފަޔާ އެކު އައްޔަންކުރާ ދާއިމީ މަގާމެކެވެ.

ވީ ކިިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް އިއްޔެ ވިދާޅުވީ، އެ މަގާމަކީ މިނިސްޓަރުގެ ލަފައާ އެއްގޮތަށް ބޭފުޅަކު އައްޔަންކުރަން ޖެހޭ މަގާމަކަށް ވާއިރު، ގާނޫނުގައި މިހާރު އޮތް ފުށޫއެރުންތައް ނައްތާލެވޭނީ ވެރިކަމުގެ ދައުރާ ގުޅުވައިގެން ބަދަލުވާ ގޮތަށް އޮންނަ މަގާމަކަށް އެ މަގާމު ހެދުމުން ކަމަށެވެ. 

"އޭރުން ވަޑައިގަންނަވާ މިނިސްޓަރެއްގެ ރުހުމާ އެކު ޕާމަނަންޓް ސެކެރެޓަރީއަކު ހުންނާނީ. [ނޫނީ] ކޮންމެހެން ހުންނާކަށް ވެސް ނުޖެހޭނެ. އެހެންވީމާ އެ އިސްލާހު ވެސް އޮންނާނީ [އޭޖީ އޮފީހަށް] ހުށަހެޅިފައި،" ނާސިހް ވިދާޅުވި އެވެ. 

ބުނީ ކީކޭ؟ - މި އިސްލާހާ ގުޅޭ ގޮތުން މިއަދު 'ދައުރު'އާ ވާހަކަދައްކަވަމުން ނާސިހް ވިދާޅުވީ އެ އިސްލާހު ހުށަހެޅި ސަބަބަކީ މިނިސްޓްރީތަކުގެ މިނިސްޓަރުންނަކީ ކޮންމެ ވެރިކަމަކާ އެކު ބަދަލުވާނެ ބޭފުޅުންނަށް ވާއިރު، ދާއިމީ މަގާމެއްގެ ގޮތުގައި ޕީއެސްގެ މަގާމު އޮތުމުގެ ސަބަބުން އެ މިނިސްޓަރަކު ބޭނުންވާ ޕީއެސްއަކު އައްޔަންކުރުމުގެ އިހްތިޔާރު ނޯންނާތީ އެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. 

ނާސިހް ވިދާޅުވީ ޕީއެސްއަކީ މިނިސްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރައްވަން ޖެހޭނެ ފަރާތެއް ކަމަށް ވެސް ގާނޫނުގައި އޮންނަ ކަމަށާއި، ނަމަވެސް އެ މަގާމަކީ ދާއިމީ މަގާމަކަށްވުމާ އެކު މިނިސްޓަރުގެ ލަފާ ހޯދަން ޖެހޭ ގޮތަށް ގާނޫނުގައި މިހާރު އޮތުމުން މައްސަލަތައް ނިކުންނަ ކަމަށެވެ.

"މި މައްސަލަތައް މިހާރު ހައްލުކުރެވެން އޮތީ މިނިސްޓަރުގެ ދައުރާ ގުޅުވާލައިގެން. އެއީ ވެރިކަމުގެ ދައުރާ އެކު ބަދަލުވާ މިނިސްޓަރުގެ ލަފާ ހޯދޭ ގޮތަށް،" ނާސިހް ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމުގައި ނާސިހް ވިދާޅުވީ، ސިވިލް ސާވިސް ގާނޫނު ވުޖޫދުވެގެން އައިރު އޮތީ، ޕީއެސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރާއިރު މިނިސްޓަރުގެ ލަފާ ހޯދަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، 2014 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން މިހާރު އެ މަގާމަށް މީހަކު އައްޔަންކުރެވެނީ މިނިސްޓަރުގެ ލަފައާ އެއްގޮތަށް ކަމަށްވުމުން މައްސަލަތައް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ލޯކަލް ކައުންސިލްތަކަށް އައްޔަންކުރާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން އައްޔަންކުރާ ގޮތަށް ބަދަލު ގެނައުމަށް ވެސް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ސީއެސްސީން ވަނީ އޭޖީ އޮފީހަށް ފޮނުވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް