މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ނާސިހް އަދި ނައިބު ރައީސް ރަޝީދު (މެދުގައި) އެ ކޮމިޝަނުގެ އެހެން ބައެއް މެމްބަރުންނާ އެކު (ފޮޓޯ/މަޖިލިސް)

ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރާ އެސްޖީން ބައެއް ކައުންސިލުތަކުން އޮފީހަށް ނުވައްދާ: ސީއެސްސީ

ސީއެސްސީގެ ރައީސް ނާސިހް ވިދާޅުވީ މި މައްސަލަ ހައްލުކުރެވޭނީ އެސްޖީން އައްޔަންކުރުމުގެ ބާރު ކޮންމެވެސް އެއް އިދާރާއަކަށް ދޫކޮށްލައިގެން ކަމަށާއި އެގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާ ކަމަށް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ލޯކަލް ކައުންސިލްތަކަށް އައްޔަންކުރާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން، ބައެއް ކައުންސިލުތަކުން ބަލައިނުގަނެ، އޮފީހަށް ނުވައްދާ މައްސަލަތައް ކުރިމަތިވާތީ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާނެ ކަމަށް ސީއެސްސީން މިއަދު ބުނެފި އެވެ.

ވީ ކިިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ސީއެސްސީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެ ކޮމިޝަންގެ މެމްބަރުން ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ، ސީއެސްސީގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާ އެކު ކުރި މަޝްވަރާތަކަކަށް ފަހު، ބައެެއް އިސްލާހުތައް އެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. 

ބައެއް ފަހަރު ވާގޮތަކީ، އެނގިވަޑައިގަންނަވާނެ، ކައުންސިލުތަކުގައި އެކުލެވިގެންވަނީ އެކި ސިޔާސީ ފިކުރުގެ ބޭފުޅުން ކަމަށްވާތީ މައިގަނޑު ގޮތެއްގައި [ވަކި އެސްޖީއަކު] އައްޔަންކުރަން ބޭނުންނުވާ ކަމުގެ ލަފާ އަޅުގަނޑުމެންނަށް ލިބޭ

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް

ތަފްސީލް - އޭޖީއަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ކައުންސިލުތަކަށް އެސްޖީން އައްޔަންކުރުމަށް މިހާރު އޮންނަ އުސޫލު ބަދަލުކުރުމުގެ އިސްލާހެއް ހިމެނޭ ކަމަށް ނާސިހް ވިދާޅުވި އެެވެ.

އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެސްޖީން އައްޔަންކުރުން މިހާރު އޮންނަނީ އެ ކޮމިޝަނަށް ނަމަވެސް، އެ ކޮމިޝަނުން އައްޔަންކުރާ އެސްޖީން ބައެއް ކައުންސިލުތަކުން ގަބޫލުނުކުރާތީ ދިމާވާ މައްސަލަތައް ހައްލުކުރުމެވެ.

"ބައެއް ފަހަރު ވާގޮތަކީ، އެނގިވަޑައިގަންނަވާނެ، ކައުންސިލުތަކުގައި އެކުލެވިގެންވަނީ އެކި ސިޔާސީ ފިކުރުގެ ބޭފުޅުން ކަމަށްވާތީ މައިގަނޑު ގޮތެއްގައި [ވަކި އެސްޖީއަކު] އައްޔަންކުރަން ބޭނުންނުވާ ކަމުގެ ލަފާ އަޅުގަނޑުމެންނަށް ލިބޭ،" ނާސިހް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • މިހާރު ސިވިލް ސާވިސް ގާނޫނުގައި އޮންނަނީ ކައުންސިލުގެ ލަފަޔާ އެކު އެސްޖީން އައްޔަންކުރަން

  • ގާނޫނުގައި އޮންނަނީ އެ މަގާމަށް މީހަކު ހޮވަންވާނީ ތައުލީމީ ގޮތުން އެންމެ ގާބިލު މީހެއް ކަމަށް 

  • ނަމަވެސް އެކަންކަމަށް ރިއާޔަތްކޮށް ވަކި އެސްޖީއަކު އައްޔަންކުރުމުން ބައެއް ކައުންސިލުތަކުން އެ މީހަކު ގަބޫލެއް ނުކުރޭ 

  • ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރި ބައެއް އެސްޖީން އޮފީހަށް ނުވެއްދުމުގެ މައްސަލަތަކެއް ދެ ކައުންސިލެއްގައި ދިމާވި

"އެކަމަކު [ކައުންސިލުން އެ ބުނާ ގޮތަށް] އައްޔަންކުރެވޭކަށް އަޅުގަނޑުމެންނަކަށް ނޯވޭ. އެއީ އަޅުގަނޑުމެންގެ ގާނޫނުގައި ވެސް މި އޮންނަނީ އެންމެ ރަނގަޅު އެންމެ ގާބިލު މީހެކޭ އައްޔަންކުރަންޖެހޭނީ. އެހެންވީމާ މިއީ އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުމެއް. ދެން ބައެއް ފަހަރު އަޅުގަނޑުމެން އެގޮތަށް އައްޔަންކުރާ އެސްޖީން ކައުންސިލުތަކުން، ކައުންސިލުތަކުގެ އިދާރާއަށް ނުވައްދާ ވެސް އެބަހުރި،" ނާސިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޖެހޭ މައްސަލަ ހައްލުކުރެވޭނީ، އެސްޖީން އައްޔަންކުރުމުގެ ބާރު ކޮންމެވެސް އެއް އިދާރާއަކަށް މުތުލަގުކޮށް ދޫކޮށްލައިގެން ކަމަށެވެ. އެ ބާރު ސީއެސްސީއަށް ނުވަތަ ކައުންސިލަށް އެކަނި ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ކޮމިޓީގެ ބައެއް މެމްބަރުން ވަނީ، ކަންބޮޑުވުން ފާޅުކޮށް، އެފަދައިން އަމަލުކުރާ ކައުންސިލުތަކާ މެދު އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ، ގިނަ ކައުންސިލުތަކުން އެއްބާރުލުން ދޭ ކަމަށާއި، އެ މައްސަލަ މިހާތަނަށް ދިމާވެފައިވަނީ ދެ ކައުންސިލެެއްގައި ކަމަށެވެ. ކޯޓާ ހިސާބަށް ވެސް މައްސަލަ ދިޔަ ކަމަށާއި އެސްޖީއަކަށް ވަޒީފާ ދިނުމަށް ކޯޓުން ވެސް އަންގާފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަގަނޑުގެ ތެރޭގައި އެ މުވައްޒަފު ފަހުން އިސްތިއުފާ ދިނުމުން، ނުކުރާ މަސައްކަތަށް ދިގު މުއްދަތަކަށް ފައިސާ ދޭން ޖެހުނުކަން ވެސް ރަޝީދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެފަަދައިން ކައުންސިލުތަކުން އަމަލުކުރުމުގެ ސަބަބުން ކޯޓުގެ މަރުހަލާގައި ޖަވާބުދާރީވާން ޖެހެނީ ވެސް ސީއެސްސީއަށް ކަމަށާއި، ނަމަވެސް، ސީއެސްސީއަށް އެކަމުގައި ނެގޭނެ ދިފާއެއް، ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ.

"އެހެންވީމާ މީގައި ގާނޫނަށް ބަދަލު ގެންނަންވީ [ކޮމިޝަނުގެ ރައީސް ނާސިހް] ވިދާޅުވިހެން. އެއް ގޮތަކީ ކައުންސިލުގެ އެސްޖީއަކީ ސީދާ ކައުންސިލުން އައްޔަންކުރާ މީހެއްގެ ގޮތުގައި. ނޫނީ ކައުންސިލުގެ އެއްވެސް ބަހެއްނެތި މެރިޓް އުސޫލުން އައްޔަންކުރާ މީހެއްގެ ގޮތުގައި. ދެ ގޮތުން ކުރެ ގޮތަކަށް ބަދަލުވެގެން ނޫނީ މި މައްސަލައަކަށް ދުވަހަކުވެސް ހައްލެއް ނާންނާނެ،" ރަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން (ފޮޓޯ/މަޖިލިސް)

އެނގުން މުހިންމު - ސިވިލް ސާވިސްގެ ގާނޫނަށް އެހެން ވެސް ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާކަން ސީއެސްސީން މިއަދު ފާހަގަކުރި އެވެ. ބައެއް އިސްލާހުތަކަކީ:

  • ވަގުތީ ގޮތުން ނަގާ މުވައްޒަފުން ނެގުން އެ އިދާރާއަކަށް ދޫކޮށްލުމަށް 

  • ވަޒީފާއިން މުސްކުޅިކުރުމުގެ އަމުރު 70 އަށް މަތިކުރަން އަދި ވަޒީފާއަށް ވަދެވޭ އުމުރު 68 އަށް މަތިކުރުމަށް؛ މި އުމުރުތައް މަޝްވަރާތަކަށް ފަހު އަދި ބަދަލުކުރެވިދާނެ

  • ކައުންސިލް އިންތިހާބުތައް ވެސް ހިމެނޭހެން، އިންތިހާބުތަކުގައި ވާދަކުރާ ސަރުކާރު މުވައްޒަފުންގެ ވަޒީފާ އިންތިހާބަކަށް ކުރިމަތިލާ ނަމަ ދޫކޮށްލަންޖެހޭ ގޮތަށް

  • ޕާމަނަންޓް ސެކްރެޓަރީން ވެރިކަމުގެ ދައުރާ ގުޅުވައިގެން އައްޔަންކުރާ ގޮތަށް ބަދަލުކުރުމަށް

  • ޖިންސީ ގޯނާ ފަދަ ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުން ވަޒީފާއިން ވަކިކުރުމަށް ފަހު އެ އިރެއްގައި އޭނާ ވަޒީފާ އަދާކުރި ދާއިރާގައި އިތުރަށް ވަޒީފާ އަދާނުކުރެވޭ ގޮތަށް ބަދަލުކުރުމަށް

ކޮމެންޓް (1)

ޙުސައިނާ

25 ޖުލައި 2024
ތިޔަ ކައުންސިލްތައް ވީ އުވާލަން. ތިޔައީ މި ގައުމަށް ޖެހިފައި އޮތް މުސީބާތެއް. ތަނެއްދޮރެއް ދަންނަ މީހުންވެސް ތިޔަ ކައުންސިލްތަކަށް ހޮވެނީ ވަރަށް މަދުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް