ރައީސް މުއިއްޒު އާއި ހަސަން ލަތީފް މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން(ފޮޓޯ/ރައީސް އޮފީސް)
ޑިމޮކްރެޓްސްއިން ރައީސްއާ ބައްދަލުކޮށް، އެއްބާރުލުން ދޭން މަޝްވަރާކޮށްފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕާޓީ ކަމަށްވާ ޑިމޮކްރެޓްސްގެ އިސްވެރިން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ސަރުކާރަށް އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތަކެއް އިއްޔެ ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މި ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ ރައީސް އޮފީހުގަ އެވެ. ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ:
-
އެ ޕާޓީގެ ރައީސް ހަސަން ލަތީފް
-
ނައިބު ރައީސް މުހައްމަދު ޝިފާޒް
ތަފްސީލް - މި ބައްދަލުވުމާ ގުޅޭ ގޮތުން ޝިފާޒް މިއަދު 'ދައުރު'އަށް ވިދާޅުވީ، އެއީ ރައީސް އޮފީހުގެ އެދުމަކަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ:
-
ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މި ސަރުކާރުން ފަށާފައިވާ އެކިއެކި މުހިންމު މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން
-
ރާއްޖޭގެ އިގްތިސޯދު މިވަގުތު އޮތް ނާޒުކު ހާލަތު
-
މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން
ޝިފާޒް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެ ޕާޓީން އަބަދު ވެސް ވަކާލާތު ކުރަމުން އައި ކަމަކަށްވުމުން އެ ނިންމުމަކީ ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެކެވެ.
އިއްޔެގެ ބައްދަލުވުމުގައި ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން
-
އެކަމުގައި ޑިމޮކްރެޓްސްއިން ހުށަހަޅާ ލަފާތަކާއި ސިޔާސަތުތައް ބަލައިގަނެ، އެކީގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން
އެ މަސައްކަތްތަކުގައި ޑިމޮކްރެޓްސްގެ ހިޔާލާއި މަޝްވަރާ ހިމަނައިގެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
އެނގުން މުހިންމު - ޑިމޮކްރެޓްސްގެ ފަރާތުން ހަސަން ލަތީފް ވަނީ މިދިޔަ ޑިސެމްބަރުގެ ތެރޭގައި ވެސް ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފަ އެވެ. ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ އެކު ވެސް އޭރު ބައްދަލުވުންތަކެއް ރައީސް ކުރިއަށް ގެންދެވި އެވެ. ނަމަވެސް، އެ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް އެއްވެސް ޕާޓީއަކުން ނުދެ އެވެ.
ކޮމެންޓް (1)
ޝިއުނާ