ރައީސް މުއިއްޒު އާއި ހަސަން ލަތީފް އިއްޔެ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ރައީސް އާއި ހަސަން ލަތީފްގެ ބައްދަލުވުމާ އެކު އަމްރުގެ 'ހިތްހަމަނުޖެހުން'
ރައީސް މުހައްމަދު މުއިއްޒު މަގާމުން ދުރު ކުރުމުގެ ވާހަކަތަކެއް ފެންމަތިވައިފައިވާ ވަގުތެއްގައި، ދަ ޑިމޮކްރެޓްސް ވެސް ހިމެނޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ރައީސް ކުއްލި ގޮތަކަށް އިއްޔެ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލް އެނގެން ޖެހޭ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސް އިން މި ފަހުން ބޭއްވި މައްސަލަ ބޮޑުވި އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ހުސެން އަމްރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަމްރު މިހެން ވިދާޅުވި އިރު، އިއްޔެ ރައީސްއާ ބައްދަލުކުރެއްވި ސިޔާސީ ލީޑަރުންގެ ތެރޭގައި ޑިމޮކްރެޓްސްގެ ރައީސްކަން އަމްރުއާ ވާދަކުރައްވައި ހޯއްދެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހަސަން ލަތީފްގެ އިތުރުން އިއްޔެ ރައީސްއާ ބައްދަލުކުރައްވާފައިވަނީ:
-
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
-
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު
-
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
އިއްޔެ ރައީސް އޮފީހުގައި ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކަށް ފަހު، ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލް އެއްވެސް ބޭފުޅަކު ދެއްވާފައެއް ނުވެ އެވެ.
ނަމަވެސް، ރައީސް އޮފީހާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބައްދަލުވުންތަކުގައި ސިޔާސީ ލީޑަރުން ވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އަމްރު ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައްދަލުވުންތަކުގައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލް އެ ޕާޓީތަކުގެ އާންމު މެމްބަރުންނާއި ރައްޔިތުންނަށް ސާފުވުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރުމުގެ ވާހަކަތަކެއް ފެންމަތިވެފަވާ ވަގުތެއްގަ، ސިޔާސީ ޕާޓީތަކުގެ ވެރިންނާ ރައީސުލް ޖުމްހޫރިއްޔާ ކުއްލިޔަކަށް ބައްދަލުކުރައްވާ ކުރެވުނު މަޝްވަރާއެއްގެ ތަފްސީލު އެ ޕާޓީތަކުގެ އާންމު މެންބަރުންނާ ރައްޔިތުންނަށް ސާފުވުމަކީ މުހިއްމު ކަމެއް.
— Amr 🎈 (@HusenAmr) December 20, 2023
އަމްރުގެ އެ ވާހަކަތަކަށް ބައެއް އާންމު މެމްބަރުން ތާއީދުކުރި އެވެ. އެއް ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ހަސަން ލަތީފް ވަނީ ރައީސް މުއިއްޒުއާ އެކު "ގޮތް ނޭނގޭ ޑީލްތަކެއް" ހަދާފަ އެވެ.
އެކަމާ ބެހޭ ގޮތުން ޑިމޮކްރެޓްސްގެ ލީޑާޝިޕުން މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ - މި މަހުގެ ކުރީކޮޅު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ އަމްރު އާއި ހަސަން ލަތީފް އެވެ. ވާދަވެރިކަން ބޮޑުވެ، މައްސަލަ ވެސް ބޮޑުވި އެ އިންތިހާބު ހަސަން ލަތީފް ކާމިޔާބު ކުރައްވާފައިވަނީ 400 އެއްހާ ވޯޓުގެ ތަފާތުންނެވެ.
މިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރި އަމްރު އަކީ ޑިމޮކްރެޓްސް އުފެއްދުމުގައި އިސް ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް އޭނާ ޕާޓީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ޕާޓީގެ މަސްލަހަތަށް ބެއްލެވުމަށް ފަހު ވާދަނުކުރައްވަން ނިންމެވީ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.