މިދިޔަ އަހަރު ބޭއްވި ތެވެލި ކޮންފަރެންސްގެ ތެރެއިން (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫގެ 'ތެވެލި' ކޮންފަރެންސްއަށް ބޮޑު ތަރުހީބެއް

އެކި ދިރާސާތަކުގެ ހޯދުންތައް ހުށަހަޅައި އެ ހޯދުންތަކާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސަށް މިފަހަރު ރެކޯޑް އަދަދެއްގެ ހުށަހެޅުންތައް ލިބުނު ކަމަށް އެމްއެންޔޫއިން ބުނި
23 ޖުލައި 2024

އެމްއެންޔޫއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ 'ބައިނަލްއަގުވާމީ ތެވެލި ކޮންފަަރެންސް'ގެ މި އަހަރު ހަރަކާތަށް 200 އަށް ވުރެ ގިނަ ހުށަހަޅުމާ އެކު ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އެނގުން މުހިންމު - ތެވެލި ކޮންފަރެންސްއަކީ:

  • އިލްމީ ދިރާސާތައް ހުށަހެޅުމަށް ބާއްވާ ކޮންފަރެންސެއް

  • މިއީ ކޮންފަރެންސް ބާއްވާ ހަވަނަ އަހަރު

  • މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ 'ބްރިޖިން ބައުންޑްރީސް: އެކްސްޕްލޯރިން ސިނާޖީސް އެކްރޮސް ރީސާޗް ޑިސިޕްލިންސް'

  • ތަފާތު އެކި ދާއިރާތަކުން އިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ގައުމުތަކުން އިލްމުވެރިން ބައިވެރިވާނެ

ވީ ކިހިނެއް؟ - އަންނަ މަހު 19 އިން 20 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްއާ ގުޅޭ ގޮތުން އެމްއެންޔޫއިން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

ތަފްސީލު - އެމްއެންޔޫއިން ބުނި ގޮތުގައި ކޮންފަރެންސްއަށް ހުށަހެޅުންތައް ހުށަހެޅުމަށް ދީފައިވާ ސުންގަޑި މިދިޔަ މެއި މަހު 31އަށް ހަމަވި އިރު 206 ކަރުދާސް ލިބިފައިވެ އެވެ. އޭގެ ތެރެއިން މިހާތަނަށް 186 ކަރުދާހެއް ވަނީ ބަލައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ އެކި ފަރާތްތަކުން ހުށަހެޅި 142 ކަރުދާސް 

  • ބައިނަލްއަގްވާމީ އެކި ފަރާތްތަކުގެ 44 ކަރުދާސް

"މިއީ މިހާތަނަށް ބޭއްވުނު ތެވެލި ކޮންފަރެސްތަކުގައި ހުށަހަޅާފައިވާ ކަރުދާސްތަކުގެ އަދަދަށް ބަލާއިރު ރެކޯޑު އަދަދެއްކަން ފާހަގަކުރެވެ އެވެ،" އެމްއެންޔޫގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މި ކޮންފަރެންސްގެ މަގްސަދަކީ، ދަރިވަރުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ރާއްޖެއާއި، ބައިނަލްއަގްވާމީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެ ފަރާތްތަކުގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެ ހޯދުންތަކާމެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ޕްލެޓްފޯމެއް ފަހުކޮށްދިނުން."

އެ ބަޔާނުގައި އިތުރަށް ބުނިގޮތުގައި މި އަހަރު ވެސް ދެ އެވޯޑެއް ހޮވުން އޮންނާނެ އެވެ. އެއީ:

  • 'އައުޓްސްޓޭންޑިން ޕޭޕާ އޮފް ދަ ކޮންފަރެންސް' އެވޯޑް 

  • 'އާލީ ކެރިއާ ރިސާޗް' އެވޯޑް

މި ކޮންފަރެންސްއާ ގުޅޭ އިތުރު މައުލޫމާތު 'ތެވެލި 2024' ވެބްސައިޓުން ލިބޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް  އޮންލައިން ފޯމެއް އެމްއެންޔޫއިން ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އަންނަ މަހު 3 އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް