ދިރާސީ އަހަރު ނިންމައި ރިޕޯޓުފޮތް ދިން ދުވަހު، ބެލެނިވެރއަކު ރިޕޯޓުފޮތް ބަލަނީ (ދައުރު ފޮޓޯ)

ތައުލީމު

ސްކޫލު ވައިބާ ގުރޫޕުތައް އަނެއްކާވެސް މައްސަލައަކަށް ވެއްޖެ

ބައެއް ބެލެނިވެރިންގެ ނަޒަރުގައި ގްރޭޑެއްގައި ހިމެނޭ ހުރިހާ ކްލާހަކަށް އެއް ވައިބާ ގުރޫޕެއް ހެދުމަކީ މެސެޖްތައް ހޯދުމަށް އުނދަގޫވާ ކަމެއް

ޓީޗަރުންނާ ބެލެނިވެރިންނާ ގުޅުވައިދޭ، އެއަށް ވުރެ ބޮޑަށް ސްކޫލުގެ ނޯޓިސް ބޯޑުތަކަށް ބަދަލުވެފައިވާ ވައިބާ ގުރޫޕުތަކަށް، މި ފަހުން ގެނައި ބަދަލާ ގުޅިގެން އަނެއްކާވެސް ބެލެނިވެރިންގެ މެދުގައި ހިޔާލުތަފާތުވެއްޖެ އެވެ.

ވީ ކިހިނެއް؟- ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރަން ހަދާފައިވާ ވައިބާ ގްރޫޕްތަކުން، ވަކިވަކި ކްލާސްތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ އަންގާފަ އެވެ. އެއާ އެކު، ކޮންމެ ކްލާހަަކަށް ގުރޫޕެއް އޮތުމުގެ ބަދަލުގައި، މިހާރު މުއާމަލާތު ކުރަމުން ގެންދަނީ ކޮންމެ ގްރޭޑެއްގައި ހިމެނޭ ހުރިހާ ކްލާސްތައް ހިމެނޭ ގޮތަށް އެއް ގުރޫޕެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އެންގީ ވެސް، އެފަދަ ގްރޫޕްތައް ހިންގަމުންދާ ގޮތުން އެކި އުނދަގޫތައް ވާކަމަށް ބުނެ ބެލެނިވެރިންގެ ޝަކުވާތައް ގިނަވުމުންނެވެ.

ތަފްސީލު - އެޑިއުކޭޝަނުގެ މި ނިންމުމަށް މާގިނަ ދުވަހެއް ނުވަނީސް، ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބެލެނިވެރިން ދަނީ، މިއާ ބަދަލު ކަމުނުދާ ކަމަށް ބުނަމުންނެވެ.

އެގޮތުން ޝުއޫރު ފާޅުކުރެއްވި، ކަރުންމަތީގެ ހާއްސަ ޑޮކްޓަރު އަދި ބެލެނިވެރިޔާ މައުރޫފް ހުސެއިން ވިދާޅުވީ ދެތިން ކުއްޖަކު ސްކޫލަށް ގެންދާ ނަމަ، މިހާރު އެއީ ބެލެނިވެރިންނަށް ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ވަޒީފާގައި އުޅެމުން ކުދިން ސްކޫލަށް ގެނެސް ގެންގޮސް، ސްކޫލަށް ގެންދަން ޖެހޭތަކެތި އިރުކޮޅުކޮޅުން، އެތަން މިތަނުން ހޯދަން ޖެހޭއިރު އެއީ ކުޑަކަމެއް ނޫން

  • އެހެން އުޅެމުން، ކްލާސް ވައިބާ ގުޜޫޕަށް ފާރަވެރިވުމަކީ ވެސް ބޮޑުކަމެއް. އެހާލުގައި އުޅެނިކޮށް ވައިބާއިން މުއާމަލާތު ކުރާގޮތުން ގެނައި ބަދަލާ ހެދި، އެ ބުރަ އާއި އޮޅުންބޮޅުން ހައްތަހާ އިތުރުވެއްޖެ ކަމަށް ވިދާޅުވި

"ކޮންމެ ގްރޭޑެއްގައި އެތައް ގިނަ ކްލާސް ތަކެއް އޮންނަ އިރު އެ މެސެޖްފުނީގެ ތެރެއިން ތިމާގެ ދަރިފުޅުގެ ކުލާހުގެ މެސެޖް ހޯދުމަކީ ކުޑަ ކަމެއް ނޫނެވެ." ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވި އެވެ.

މިއީ އެހެން ބެލެނިވެރިންނަށް ވެސް ކުރެވޭ އިހުސާސެއް ނަމަ ޝެއާކޮށްދިނުމަށް އެދި ކުރި އެ ޕޯސްޓު، 500އަށް ވުރެ ގިނަ މީހުން ޝެއާ ކުރި އެވެ.

"އަސްލުވެސް. ވައިބާގެ ބަދަލުގައި ކްލާސް ކޮމިއުނިކޭޝަން އެޕެއް މިހާރު އެޑިއުކޭޝަނުން ހަދަން ވެއްޖެއެއްނު،" ފަޒްލީ ކިޔާ މީހަކު ފޭސްބުކްގައި ލިޔުނެވެ.

"ތި ވައިބާ އުވާލާފައި، ކުރީގައި ހަދާހެން ބޯޑުގައި ލިޔެފައި ކުދިންގެ ނޯޓު ފޮތުގައި ކިޔަން ބުނެބަލަ. ލިޔުން ވެސް އޭރުން ރީތިވާނެ. މާދަމާއަށް އެގޮތް މާރަނގަޅުވާނެ،" އެހެން މީހަކު ބުންޏެވެ.

ހިޔާލުފާޅުކުރާ ބައެއް ބެލެނިވެރިން ބުނިގޮތުގައި އެތައް ކްލާހެއް ހިމެނޭ ގުރޫޕަކުން، ވަކި ކްލާހެއްގެ މެސެޖަކަށް ފާރަލައި، އެ ހޯދުމަކީ އުނދަގޫ ކަމެކެވެ. އަދި އޭގެ ސަބަބުން ބައެއް މެސެޖުތައް ނުފެނި ދާ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ބައެއް ބެލެނިވެރިންގެ ނަޒަރުގައި މިކަމަށް އޮތް ހައްލަކީ، ޒިންމާ ނެގުމަށް ވީހާވެސް ބޮޑަކަށް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ. އެގޮތުން ވައިބާ މެދުވެރިކޮށް މުއާމަލާތުކުރުމުގެ ބަދަލުގައި، 'ޕޭރެންޓް ޓީޗާ ކޮމިއުނިކޭޝަން' ފޮތުގައި ލިޔެ، އެ ފޮތް ބެލެނިވެރިންނަށް ދެއްކުމަކީ ކުދިންގެ ޒިންމާއަކަށް ހެދިދާނެ އެވެ. 

"ބައެއް ފަހަރު ޓީޗަރުން ލިޔެފައި، އަނެއް ބައިފަހަރު ކުދިން ލައްވާ ލިޔުއްވުން ކިހިނެއް ވާނެތޯ؟. އޭރުން ކުދިންނަށް އެ ކުދިންގެ ޒިންމާ ވެސް ދަސްވާނެ،" ބެލެނިވެރިއަކު ބުންޏެވެ.

ކޮމެންޓް (13)

ކޮސް

24 ޖުލައި 2024
މިނިސްޓަރެއް ހުރުމުން ކަން ހިނގާނީ މިމަގުން. މިހާރު ހުރިހާ ކުދިންނަށް އޭލެލް ކިޔަވާދޭން އެކުރާކަމަކީ ، މުޅިން އެހެންކަމެއް. އަތަށް ގޮވާނީ. މިބޭފުޅާ އެބަޖެހޭ ވަކިކުރަން ....
4 0

ސިކުނޑި

24 ޖުލައި 2024
މީސްމީޑިއާ އާއި ޓެކްނޮލޮޖީއަށްވުރެ ބޮޑަށް މިކަމުގައި އޮތީ ދަރިވަރުން ޒިންމާދާރު ކުރުވުމުގެ މައްސަލަ! ބިނާ ކުރަނިވި ފާޑު ކިޔުމަކީ ކަމަކުން ދިމާވާ ނޭދެވޭ އަސަރުތަކާއި، އޭގެ ހައްލު ހޯދައި ކިޔައިދިނުން! ގިނަ މީހުން ފާޑު ކިޔަނީ މައްސަލަ އިތުރަށް ބޮޑު ކުރަން! ނުވަތަ ކުރެވެނީ ޝަކުވާ! މާއްދާއަކާ ގުޅޭގޮތުން ގެންނަންޖެހޭ ތަކެތި އެމާއްދާއެއްގެ ފޮތުގައި ކުދިން ލައްވާ ލިޔުމަކީ މައްސަލައެއްނޫން! އެކަން ކުރާކަށް ގިނަ ވަގުތެއްވެސް ނުނަގާނެ! ޓެކްނޮލޮޖީގެ ސަބަބުން ފަސޭހަތަކެއް ހުއްޓަސް، ޒިންމާ ދާރުގޮތަކީ ހޭލުންތެރިވެގެން އެ ބޭނުން ކުރުމެވެ. ޖީޕީއެސް ހުރެއްޖިއްޔާ ދުރު ދަތުރެއް ކުރެވިދާނެ! އެކަމަކު ނެއްވަކަށްނޫނީ އިތުބާރާއެކު ދަތުރެއް ނުކުރެވޭނެ!
1 0

ހިތަދު 2

24 ޖުލައި 2024
ސްޓުޑެންޓް ޕޯޓަލްއެއް ވެބްސައިޓް މެދުވެރިކޮށް ހެދުން އެންމެ ރަނގަޅީ.. ވަރަށް ގިނަކަންކަން ޑިޖިޓަލްކޮށް ޒަމާނާ އެއްގޮތަށް ފެތޭނެ މިހާރު ޕޭރެންޓް ޓީޗާ ފޮތެއް ގެންގުޅުން ކަމަކުނުދޭ!
2 0

ގާދިރު

24 ޖުލައި 2024
ހުރިހައި ކަމެއް ބޯއިކަޓް ކުރާއިރު ޔަހޫދީންގެ އެޕްލިކޭޝަނެއް ބޭނުން ކުރަން މިޖެހެނީ ދަރިވަރުންގެ ކަންރަކުގަ ވައިބަރ ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލަން
1 0

ހަދީ

24 ޖުލައި 2024
ސްކޫލުން އަންގަންވާ ކަންކަން އެންގުމަށް ވައިބާ ގްރޫޕެއް އޮތީމަ ފަސޭހަ، އެހެން ނަމަވެސް މުޅި ގްރޭޑުގެ ބަދަލަށް ކޮންމެ ކްލާހަކަށް ހަމައެކަނި ޓީޗަރުންނަށް މެސެޖްކުރެވޭ ގޮތަށް ކޮމިއުނިޓީ ގްރޫޕެއް އޮތީމަ މާ ރަނގަޅުވާނެ. އޭރުން ފެންނާނީ އެ ކުލާހަކާ ގުޅޭ މެސެޖްތައް އެކަނި، އަދި އެންގުމެއް އެންގީމަ އެ މެސެޖް ނުބަލާތިބެ އެއް ސުވާލެއް ކުރާ މެސެޖްތައް ވެސް ނުފެންނާނެ. އެއްޗެއް އޮޅުން ފިލުވަން ވެއްޖެނަމަ ވަކިން ޓީޗަރަށް މެސެޖް ކުރެވޭނެ.
3 0

ޓެލެގްރާމް

24 ޖުލައި 2024
@ހަދީ ވައިބާ އުވާލާފަ. ޓެލެގްރާމަށް ބަދަލުކޮށްލާ
1 0

އައި ޒަމާނޭ މީ މި ރާއްޖެއަށް

24 ޖުލައި 2024
ފޯނެއް އިންޓަނެޓެއް ނެތި އަހަރުމެން ކިޔަވައި ނިންމާލީ. ދުވަހަކު ގަޑިއެއް ނުޖެހޭ ގެންދަން ޖެހޭ އެއްޗެއް ނުގެންދެވި ނުހުރޭ. ކީކޭ ބުނާނީ. ދައްކަވަން ހުރި ތަނެއް ދައްކަވާފަ ނޫނީ ނު ގެންދަވާނެ.
4 0

މާހީ

24 ޖުލައި 2024
ބަލްކު ކޮށް އެސް.އެމް.އެސް ވެސް ފޮނުވޭނެ. އެހެން މޫނަށް ތިޔަ އެންގުންތައް އަންގަން ތި ޖެހެނީ ސްކޫލްތަކުގެ މިސް މެނޭޖްމަންޓުގެ ސަބަބުން. އެކަން ހައްލު ނުވީމަ ވާގޮތް ތީ
1 0

ގިނިކާމާދޫނި

23 ޖުލައި 2024
ތިރީހަކަށް ކުދިންގެ ފޮތުގަ ޓީޗަރުން ކިހެނެތްލިޔާނީ' ބޯޑުގަ ލިޔުމުން ކުދިން ކޮޕީކުރާނަމަ ކިޔެވުމަށްް އޮތް ވަގުތު ކުޑަވޭ' ހައްލަކީ އެޕެއް ހެދެންދެން ކުރިން ބޭނުންކުރި ގޮތަށް' ހެދުން- މިސަރުކާރު އައި ފަހުން' ސްކޫލްތަކަށް ބެލެނިވެރިންނަށް ވަރަށް' ނުހޮރުއްޕާން ބޮޑުވެއްޖެ
1 2

ކުރީ ޒަމާން

24 ޖުލައި 2024
@ގިނިކާމާދޫނި ކުރީ ޒަމާނުގަ ވެސް 30 ކުދިން ތިބޭ ކުލާހެއްގަ.
1 0

ޢާދާނާ

23 ޖުލައި 2024
އަހަރުމެން ސްކޫލު ނިންމީ ވައިބާ ނެތް ޒަމާނެއްގަ. ދުވަހކުވެސް ގެންދަން ޖެހޭ އެއްޗެއް ނުގެންދެވި. ދާންޖެހޭ ގަޑި ނޭގިގެން ނޫޅެން.
8 0

ކާސިމު

23 ޖުލައި 2024
@ޢާދާނާ ޒަމާނަށް އަންނަ ބަދަލަށް އަހުލުވެރި ނުވަންޏާ އާދަނު ތިކިޔެވި އެއްޗަކާ މެދު ސުވާލު އުފެދޭ
1 3

ޢާދަނާ

24 ޖުލައި 2024
@ކާސިމު ވަރިހަމަ ދޯ ބަދަލު އަންނަނިކޮށް. އޭގެން ތަކުލީފަކަށް ވިޔަސް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް