މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް ލިބުނު ގެއްލުން ބަލަން އޮޑިޓެއް ހަދަން ފާސްކޮށްފި

އެސްޑީއެފްސީގެ އޮޑިޓެއް ހެދުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައި

މިދިޔަ ސަރުކާރުގައި ހުޅުމާލެއިން ހިލޭ ގޯތި ދިނުމުން އެޗްޑީސީއަށް ލިބުނު ގެއްލުން ބެލުމަށާއި އެ ސަރުކާރުގައި ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފެއްދި އެސްޑީއެފްސީގެ ހާއްސަ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ދެ އޮޑިޓު ހެދުމަށް އޮޑިޓަ ޖެނެރަލްގެ އޮފީހަށް އެންގުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.

ތަފްސީލު - ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަމަދު ވިދާޅުވީ، ހިލޭ ގޯތި ދޫކުރުމުން ލިބުނު ގެއްލުން ބަލަން އޭނާ ހުށަހަޅުއްވަނީ އެ ގޯތި ލިބުނު ފަރާތްތަކުގެ އަތުން ގޯތި އަތުލުމުގެ މަގްސަދެއްގައި ނޫން ކަމަށެވެ.

"ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މިފަދަ ކަންތައްތައް ކުރާއިރު، ކުންފުނިތަކަށް މާލީ ގޮތުން ލިބޭ ގެއްލުމަކީ ބަލަން ޖެހޭ އެއްޗެއް ކަމުގައި ވާތީ،" އޭނާ ވިދާޅުވި އެވެ.

ހަމަދު ވިދާޅުވި ގޮތުގައި، މި ގެއްލުމާ ގުޅިގެން އެޗްޑީސީއަށް ބަދަލެއް ދޭން ޖެހުނަސް، އެ ބަދަލެއް ދޭން އެންގޭނީ މިފަދަ އޮޑިޓެއް ހަދައިގެންނެވެ.

އެސްޑީއެފްސީގެ އޮޑިޓް ހެދުމަށް އޭނާ ހުށަހެޅުއްވީ، މާޗު 2019 އިން ފެށިގެން 17 ނޮވެމްބަރު 2023 އަށެވެ.

އޭނާގެ އެ ދެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މަމްދޫހު އެވެ. ހުށަހެޅުން ފާސްވީ އިއްތިފާގުންނެވެ.

އެއާ އެކު، ކޮމިޓީން ނިންމީ، ދެ މަސްދުވަހުގެ ތެރޭގައި އެ ދެ އޮޑިޓް ހެދުމަށް އޮޑިޓް އޮފީހަށް އެންގުމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،380 ގޯތި ދޫކޮށްފައިވެ އެވެ.

އެޗްޑިސީން އޮޑިޓް އޮފީހަށް ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހުޅުމާލެއިން ބިން ދިނުމުގެ ސަބަބުން އެ ކުންފުންޏަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފަ އެވެ. މިކަން މިދިޔަ މަހު އޮޑިޓް އޮފީހުން ނެރުނު ބަޖެޓު ޕޮޒިޝަން ރިވިއު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް (2)

ޙަސަންފުތު

24 ޖުލައި 2024
ފުލެޓުގެ ކުލި ކުޑަކޮއްދީގެން ކިތައް ބިލިޔަން ރުފިޔާ ގެއްލުންވޭތޯ ؟ ހިޔާފުލެޓުގެ ކުލި ނުދައްކާތީ ސަރުކާރުން އަޅާނުލާތީ ކިތައްބިލިޔަން ރުފިޔާ ގެއްލުން ވޭތޯ ؟
0 0

ސިކުނޑި

24 ޖުލައި 2024
އެޗްޑީސީއަކީ ސަރުކާރު ކުންފުންޏެއް ހުޅުމާލެއަކީ ދައުލަތުގެ ބިމެއް! ގޯތި ދީގެން ގެއްލުމެއްނުވާނެ! އެހެނަސް ލިބެންޖެހޭ ފައިދާއެއް ނުލިބިދާނެ! އެއީ ކުރީ ސަރުކާރުން ކުރި ގޯސްކަމެއްވިޔަސް މުއީޒުވެސް ކީ ހަމަ އެއްލަވައެއް! އެވައުދު ވީ ވޯޓު ހޯދުމުގެ ނިޔަތުގައި ކަން މިހާރު އެނގިއްޖެ! މުއީޒަކީ އެއްވެސް އިޚުލާސްތެރިކަމެއް ހުރި މީހެއްނޫން! މިހާރު މިހާރު ތިމައްސަލައެއް ފެންމަތިކުމުގެ މާނައެއްނެތް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް