އެސްޓީއޯ ހެންވޭރު ފާމަސީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ޔޫރަޕް ކޮލިޓީގެ 7 ބޭހެއް މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކަން ފަށައިފި
ބަލްކު ޕްރޮކިޔުމެންޓް އުސޫލުގެ ދަށުން ޔޫއެންޑީޕީއާ ގުޅިގެން ގެންނަ ޔޫރަޕް ކޮލިޓީ ބޭހުގެ ފުރަތަމަ ޝިޕްމަންޓް މިއަދުން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަތަކުން ގަންނަން ލިބޭނޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބަލްކް ޕްރޮކިޔުމެންޓު ސިޔާސަތު ތަންފީޒުކުރަން ފެށުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އެންސްޕާ އާއި އާސަންދަ ގެ އިތުރުން އެސްޓީއޯ އާއި އެމްއެފްޑީއޭ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަލްކު ޕްރޮކިޔުމެންޓުގެ ދަށުން ބޭސް ގެންނަން ފެށުމާ އެކު ރާއްޖެ އަށް ބޭނުންވާ ހުރިހާ އަސާސީ ބޭހެއް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
ތަފްސީލް - ސަރުކާރުން، ޔޫއެންޑީޕީއާ ގުޅިގެން ފަށާފައިވާ އެ ޕްރޮޖެކްޓުގެ ދަށުން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސް ޕޫލް ޕްރޮކިޔުމެންޓެއްގެ ތެރެއިން ބަލްކު ޕްރޮކިޔާ ކޮށް ރާއްޖެ ގެންނާނެ އެވެ.
މި ޕްރޮޖެްކްޓުގެ ދަށުން ބޭސް ގެންނަނީ ސީދާ ބޭސް އުފައްދާ ކުންފުނި މެދުވެރިކޮށެވެ. އެއާއެކު ބޭސް އުފެއްދުމާއި ހަމައިން ބަލި މީހާ އަށް ބޭސް ލިބުމާއި ހަމައަށް ބޭހުރެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ، މި ސިޔާސަތުގެ ދަށުން ހުއްދަ ދީފައިވާނީ އަދި ކުރިއަށް އޮތްތަނުގައި ހުއްދަ ދޭނީ ވެސް ޑަބްލިއުއެޗްއޯގެ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓު ރެގިޔުލޭޓަރީ އޮތޯރިޓީގައި ރެޖިސްޓްރީކޮށް ޔޫއެންޑީޕީ އާއި އެމްއެފްޑީއޭގެ މިންގަނޑުތަކަށް ފެތޭ ބޭހަށް ކަމަށެވެ.
"މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މި ސިޔާސަތުގެ ތެރެއިން ގެނެވި ބޭނުންކުރެވޭނީ ޔޫރަޕުގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވޭ ބޭސް އެކަންޏެވެ." އެ ބަޔާނުގައި ބުންޏެވެ.
މި ސިޔާސަތު މިއަދު ތަންފީޒު ކުރަން ފަށާފައިވާއިރު ސިޔާސަތު އެއްކޮށް ތަންފީޒުކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން:
-
މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ފުރަތަމަ ތައާރަފު ކުރެވޭ 7 ބޭސް ލިބޭނެ
-
އާސަންދަ ހިމެނޭހެން ގުޅުން ހުރި ހުރިހާ ނިޒާމަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ
-
މި ބަދަލުތަކާ ބެހޭ މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދީފައިވޭ. ބަދަލަށް އަހުލުވެރިވުމަށް ވަގުތުދީ އެއަށް އަމަލު ކުރާނީ އޮކްޓޯބަރުން ފެށިގެން
ސަރުކާރުން ބުނީ، އެ ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ބޭސް ރާއްޖޭން ލިބޭނެ ކަމަށެވެ. މިހާރެކޭ ވެސް އެއްގޮތަށް އެ ބޭސްތަކަށް އާސަންދަ އިން ފުލް ކަވަރޭޖު ލިބޭނެ ކަމަށާއި އާސަންދަ ނިޒާމުގައި ހުރި ލީކޭޖުތައް ހުއްޓުވި ބޭހުގެ އަގު ކޮންޓްރޯލު ކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ބޭހުގެ ފެންވަރު ރަނގަޅު ކުރުމުގެ ސިޔާސަތުތައް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ، މިދިޔަ ފެބްރުއަރީ މަހު އެވެ.
އެގޮތުން ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމަވައި ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓާ ކުރާނެ ނިޒާމެއް ގާއިމުކުރަން ވަނީ ނިންމައިފަ އެވެ.
ގުޅުންހުރި - ފަހަކަށް އައިސް ރާއްޖޭގައި ލިބެން ހުންނަ ބައެއް ބޭސްތަކުގެ ފެންވަރު ދަށްވެ، ގެއްލުން ހުރި މާއްދާތައް އެކުލެވޭ ބައެއް ބޭސްތައް ވެސް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވެ އެވެ.
ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ކެއްސާތީ ބޯ ބޭސްތަކަކުން ވެސް ވިހަ މާއްދާތަކެއް އަޅާފައިވާ ބޭސްތަކެއް މިފަހުން ރާއްޖޭގައި ވަނީ ފެނިފަ އެވެ. އެ ބޭސްތައް ރާއްޖޭގައި މަނާކުރުމާ އެކު، ރާއްޖޭގައި ހުރި ބޭސްތަކުގެ ރައްކާތެރިކަމާ މެދު އިތުރަށް ސަމާލުވެ، ތަހުލީލު ކުރަން ވެސް އެމްއެފްޑީއޭ އިން ވަނީ ފަށާފަ އެވެ.
އާންމުކޮށް ބޭނުންކުރަމުންދާ ބޭހެއްކަމަށްވާ ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ފެނުމާ ގުޅިގެން ރާއްޖެއަށް އެ ބޭސް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މިދޭތެރެއިން ވަނީ މަނާކޮށްފަ އެވެ.
ފާހަގަކޮށްލެވޭ - ބޭހުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިންޑިއާ އިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (3)
އަޒްމީން
މީމަށޭ
ބޭސް