ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ

މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވައި ނަމާދަށް ޖަލްސާ މެދުކަނޑާލަނީ

ނަމާދަށް ޖަލްސާ މެދުކަނޑާލުމަށްޓަކައި މެންދުރު 12އިން 1އަށް ހުސްވަގުތުކޮޅެއް ދިނުމަށް މަޖިލިސް ގަވައިދަށް މިހާރު ވަނީ އިސްލާހު ހުށަހަޅާފައި

ނަމާދު ވަގުތުތަކުގައި މަޖިލީހުގެ ތަޅުމާއި މާލަންތަކުގައި ބަންގީގެ އަޑު އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައި އެގޮތަށް މިއަދުގެ ޖަލްސާއިން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ނިންމުމާ ގުޅިގެން މިއަދުގެ ޖަލްސާގައި މެންދުރު ނަމާދު ވަގުތު ބަންގީގެ އަޑު ވަނީ އަޑުގަދަ ކުރާއިން އިއްވާފަ އެވެ. މަޖިލީހުގައި މިއަދު އިއްވި ބަންގި ވިދާޅުވެފައި ވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަވާ އަލީ ރަމީޒު އެވެ. 

ތަފްސިލު - މަޖިލިސް އިދާރާގެ ބިއުރޯ ޗީފް އަހުމަދު ނިހާން ހުސައިން މަނިކު 'ދައުރު'އަށް މިއަދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާތައް ކުރިއަށްދާއިރު ބަންގި ގޮވާ އަޑުތަޅުމުގައި ތިއްބަވާ މެންބަރުންނަށް މީގެ ކުރިން ނީވޭ ކަމަށެވެ. އަދި މީގެ ފަހުން ކޮންމެ ދުވަހަކު ވެސް ނަމާދު ވަގުތުތަކުގައި ތަޅުމާއި މަޖިލީހުގެ އެހެނިހެން ވެސް މާލަންތަކުގައި ބަންގީގެ އަޑު އިއްވުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް ރައީސް ވަނީ ސެކެޓްރީ ޖެނެރަލްއަށް ދަންނަވާފައި، މަޖިލީހުގެ ތަޅުމާއި ކޮމިޓީ ރޫމްތައް ވެސް ހިމެނޭ ގޮތަށް މަޖިލީހުގެ ހުރިހާ މާލަންތަކުގައި ނަމާދު ވަގުތު ޖެހުމާ އެކު ބަންގީގެ އަޑު އިއްވަަން ޖެހޭނެ ކަމަށް. އެގޮތުގެ މަތިން މިއަދު ފުރަތަމަ ފަހަރަށް މަޖިލިސް ޗެމްބަރުން [ބަންގީގެ އަޑު] އިވިގެން އެ ދިޔައީ،" 18 ވަނަ މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ނިހާން ވިދާޅުވި އެވެ.

"މިއީ، 1932އިން ފެށިގެން މިހާތަނަށް މި ވޭތުވެދިޔަ 80 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ޗެންމްބަރުގައި ބަންގި ގޮވާ އަޑު މި އިވުނީ."

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިހުގެ މެޖޯރިޓި އޮތް ޕީޕީއެމްގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން (ކ) އާއި މިހާރުގެ މަޖިލިސް ރައީސް އަބްދުއްރަހީމް، ނޫސްވެރިންގެ ބައްދަލުވުމެއްގައި (ފައިލް ފޮޓޯ)

އޭގެ އިތުރުން، ނަމާދު ގަނޑިއަށް ހުސްވަގުތުކޮޅެއް ދިނުމަށްޓަކައި މެންދުރު 12އިން 1އަށް ޖަލްސާ މެދުކަނޑާލަން ވެސް މަޖިލިސް ރައީސް ނިންމާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް އަމަލުކުރާނީ މަޖިލީހުގެ ގަވާއިދުގައި އެ ގޮތަށް ހިމަނައި އާ ގަވާއިދު ފާސްވުމުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. 

"ރައީސްގެ އެދިވަޑައިގަތުމުގެ މަތިން އެ އިސްލާހު މިހާރު ވަނީ ޕީއެންސީގެ ޕީޖީގެ ފަރާތުން ހުށަހެޅިފައި ކޮމިޓީއަށް ހުށަހަޅާފައި. އިސްލާހު ފާސްވުމާއެކު މެންދުރު 12 އިން 1އަށް ޖަލްސާ މެދުކަނޑާލާނެ،" އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މިގޮތަށް ނިންމުންތައް ނިންމި މައިގަނޑު ބޭނުމަކީ ނަމާދަށް އިސްކަން ދިނުމާއި ބަންގީގެ އަޑާ އެކު މަޖިލީހުގެ މަސައްކަތްތައް ވެސް މެދުކަނޑާލުމުގެ ބޭނުމުގައި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް