ތުލުސްދޫ ކައިރީ އޮންނަ ހުރާގަނޑަށް އާދީއްތަ ދުވަހު އުދަ އަރައި، ރަށުތެރެ 'ދޮވެލި' ލޮނުގަނޑު މޫދަށް އެޅި ކިލަނބުގަނޑަކަށް ވެފައި (ފޮޓޯ/އަދީބު އިބްރާހިމް)

ތިމާވެށި

ރަށް ކަައިރީގައި ބޮޑު ކިލަނބުގަނޑެއް: މިއީ ކިހިނެއްވީ ކަމެއް؟

ތުލުސްދޫ ކައިރީގައި އޮންނަ ހުރާގަނޑަށް އެރި އުދައިގައި ރާޅުތައް ދިޔައީ މުޅި ރަށް ދޮވެލާފައި

ކ. ތުލުސްދޫ ކައިރީ ފާލަމަކުން އެ ރަށާ ގުޅާލާފައި އޮންނަ ހުރާގަނޑަށް މި ދެތިން ދުވަހު ގިނަ ބައެއްގެ ލޯ ވަނީ ހުއްޓިފަ އެވެ. އެ ކުޑަ ރަށުގެ އިރު އުތުރު ފަރާތުގައި މޫދުގައިވާ ކިލަނބުގަނޑާ މެދު ޝައުގުވެރިކަން އުފެދި، އޭގެ ހަގީގަތާ ގުޅޭ ގޮތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ތުލުސްދޫ ސްކޫލުގެ ލީޑިން ޓީޗަރު އަދި އެ ރަށުގެ ސާފިން ޖަމިއްޔާގެ ރައީސް އަދީބު އިބްރާހިމް އާދީއްތަ ދުވަހު ޑްރޯނުން ނަގާފައިވާ ފޮޓޯތަކަކުން ފެންނަނީ ތުލުސްދޫ ހުޅަނގު ފަރާތުގައި އޮންނަ ހުރާގަނޑު ކައިރި މޫދުގެ ބައެއް މުށި ކުލައަށް ބަދަލުވެފައިވާ ތަނެވެ. މޫދުގެ ރީތި ނޫ ކުލައިގެ ތެރެއިން، ގަދަ މުށި ކުލައެއް މިގޮތަށް ހުރުމުން، އެ މަންޒަރު ފެންނަނީ އާދަޔާހިލާފު ގޮތަކަށެވެ.

ތުލުސްދޫ ކައިރީ އޮންނަ ހުރާގަނޑަށް އާދީއްތަ ދުވަހު އުދަ އަރައި، ރަށުތެރެ 'ދޮވެލި' ލޮނުގަނޑު މޫދަށް އެޅި ކިލަނބުގަނޑަކަށް ވެފައި (ފޮޓޯ/އަދީބު އިބްރާހިމް)

މިއީ މިހާރު ރާއްޖެއަށް ކުރަމުންދާ އުދައިގެ އަސަރެވެ. އުދަ އަރައި، ރަށުގެ ތެރޭގައި ހުންނަ ގަސްތަކުގެ ފަތާއި އެހެނިހެން ހަޑި، ރާޅާ އެކު އަނެއް ފަރާތު މޫދަށް ފައިބައި ކިލަނބުގަނޑަކަށް ވެފައިވަނީ އެވެ.

"ހުރާގަނޑުގައި އޮންނާނީ ހުސް ކުރެދި. ދެން ރަށުގެ އެއް ފަރާތުން އަނެއް ފަރާތަށް ރާޅު އަރައިގެން ދާނީ، މުޅި ރަށުތެރެ ސާފުކޮށްލާފައި،" ފޮޓޯ ނެގި އަދީބު ކިޔައިދިނެވެ.

"އެއްވެސް ފަތެއް ނޯންނަވަރަށް ސާފު ފަސްގަނޑަކަށް ވެފައި އޮންނާނީ."

އޭނާ ބުނިގޮތުގައި ކިތަންމެ މޫސުން ގޯސްވިޔަސް، މީގެ ކުރިން، މިހާ ބޮޑަށް ރަށުގެ ތެރެއަށް ރާޅެއް ނާރަ އެވެ. އެކަމަކު އަހަރަކު އެއް ފަހަރުހެން އަރާ އުދައިގައި މުޅި ރަށް އެއްކޮށް ސާފުކޮށްލައި މޫދު ބޮޑު ކިލަނބުގަނޑަކަށް ބަދަލުކޮށްލާ ކަމަށް ބުންޏެވެ.

ތުލުސްދޫ ކައިރީ އޮންނަ ހުރާގަނޑަށް އާދީއްތަ ދުވަހު އުދަ އަރައި، ރަށުތެރެ 'ދޮވެލި' ލޮނުގަނޑު މޫދަށް އެޅި ކިލަނބުގަނޑަކަށް ވެފައި (ފޮޓޯ/އަދީބު އިބްރާހިމް)

އަދީބު މި މަންޒަރުތައް ނެގީ، ތުލުސްދޫން ހުރާގަނޑަށް ދާން އޮންނަ ފާލަމާއި އެ ސަރަހައްދު މޫދުގައި އޮންނަ ޕްލެޓްފޯމަށް އުދައިގެ ސަބަބުން އަސަރެއްކޮށްފައިވޭތޯ ބެލުމަށެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް، މަތިން ނެގި ފޮޓޯއިން އަޅައިގަތީ ކިލަނބުގަނޑާ އެވެ.

މީގެ ކުރިން އެ ކުޑަ ރަށަށް އުދަ އެރި ނަމަވެސް މި ފަހުން އަރާ ރާޅުތައް ބޮޑެތިވެފައި އުހެވެ. އޭގެ އަސަރު ރަށުތެރެއިންނާއި ވަށައިގެން ދަނީ ފެންނަމުންނެވެ. ރަށް ހަލާކުވުމާއި ގިރުމުގެ މައްސަލަ މި ފަހުން ބޮޑެވެ. ރަށުތެރެއަށް ރާޅު އަރައިގެންދާ ގޮތުން، ހިމާޔަތް ކުރުމަށް ޖަހާފައިވާ ރިވެޓްމެންޓްތަކުގެ މާ ބޮޑު ފައިދާއެއް ވެސް ނުފެންނަ ކަހަލަ އެވެ.

އޭގެ އިތުރުން، މި ބަދަލުތަކުގެ އަސަރު، ތުލުސްދޫގެ މަޝްހޫރު ރާޅު ޕޮއިންޓަށް ވެސް ދަނީ ކުރަމުންނެވެ. އަދީބު ބުނިގޮތުގައި ދުނިޔެއަށް ވެސް މަގުބޫލު 'ރަންދާ ސާފިން ޕޮއިންޓް'ގައި ނަގާ ރާޅުތައް ވެސް މި ފަހަކުން ދަނީ ބަދަލުވަމުންނެވެ. އޭގެ އަސަރު ރާޅާ އެޅުމަށް ކޮށްފާނެތީ، އެ ކަންބޮޑުވުން އެ މީހުންގެ އެބަ އޮތެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް އާދީއްތަދުވަހު އެރި އުދައިގެ އަސަރު ކުރީ އެކި މިންވަރަށެވެ. ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި ތުލުސްދޫ ހުރާގަނޑަށް އެރި އުދައިގެ ސަބަބުން އުފެދުނު ކިލަނބުގަނޑު ވެސް މާ ގިނަ އިރެއް ނުވެ ފިލައިގެން ހިނގައްޖެ އެވެ. އެކަމަކު ކިލަނބުގަނޑުގެ ބޮޑުމިނާއި ކުލައިން، މޫސުމީ ނުރައްކާތެރިކަން އޮތް މިންވަރު ދައްކައިދިނުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް