ކްރޮސްރޯޑްސް މޯލްޑިވްސްގައި އޭޑީކޭއިން ބޭއްވި 'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސް 2022ގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ނިޔުރޯސާޖަން ޑރ. ނިޔާފް އޭޑީކޭއިން ވަކިވެވަޑައިގެން އައިޖީއެމްއެޗަށް

ޑރ. އަލީ ނިޔާފްގެ ބޭބެ އަދި އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ އައިޖީއެމްއެޗުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ފާގަތިކަމާއި ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް

އޭޑީކޭގައި މަސައްކަތް ކުރައްވާ، ރާއްޖޭގެ ފުރަތަމަ ނިޔުރޯސާޖަން ޑރ. އަލީ ނިޔާފް ނުވަ އަހަރަށް ފަހު އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އޭޑީކޭ ހޮސްޕިޓަލުން 'އެކްސް'ގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ، ނިޔާފު އެ ހޮސްޕިޓަލަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށް، ފާގަތި މުސްތަގުބަލަށް އެދިފަ އެވެ.

ތަފްސީލް - އެ ހޮސްޕިޓަލުގެ ޕޯސްޓުގައި ބުނީ ނިޔާފުގެ ކެރިއަރުގެ އާ ސޮފްހާއެއް ފައްޓަވާއިރު ފާއިތުވި ނުވަ އަހަރާއި 10 މަސް ތެރޭ އޭޑީކޭ ހޮސްޕިޓަލަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ވިލާ ކޮލެޖުގައި ބޭއްވި ކޮންފަރެންސެއްގައި ޑރ. ނިޔާފް ވާހަކަ ދައްކަވަނީ (ފޮޓޯ/ވިލާ ކޮލެޖު)

އެ ހޮސްޕިޓަލުގެ ނިޔުރޯ ސާޖަރީ ޑިޕާޓުމެންޓްގެ ކުރިއެރުމުގައި ޑރ. ނިޔާފުގެ މިންނެތް މަސައްކަތް ފާހަގަކޮށް އޭޑީކޭ އިން ބުނީ، އޭޑީކޭ ހޮސްޕިޓަލަށާއި އެ ހޮސްޕިޓަލުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ނިޔާފަކީ އަބަދުވެސް އަގުހުރި ޑޮކްޓަރެއް ކަމަށެވެ.

"މުސްތަގުބަލަށް އަޅުއްވާ ފިޔަވަޅުގައި ކާމިޔާބީއަށް އެދެމެވެ،" އޭޑީކޭގެ މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ނިޔާފަށް ޝުކުރު އަދާކޮށް، ހެޔޮ އެދުންތައް ފޮނުވައި ކޮށްފައިވާ ޕޯސްޓުގައިވެ އެވެ.

ނިޔާފު އޭޑީކޭ އިން ވަކިވެވަޑައިގެންފައިވަނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވުމަށެވެ. 

އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފަކީ ޑރ. އަލީ ނިިޔާފްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ އައިޖީއެމްއެޗުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ޑރ. އަލީ ނިޔާފްއާ އެކު ފާގަތިކަމާއި ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އައިޖީއެމްއެޗުގައި ޑރ. ނިޔާފް ބައްލަވަން ފައްޓަވާނެ ދުވަހެއް އަދި ނޭނގެ އެވެ.

ފާހަގަކުރެވޭ - ޑރ. ނިޔާފް އަކީ ރާއްޖޭގެ ފުރަތަމަ ނިޔުރޯސާޖަން އެވެ. ނިޔުރޯސާޖަރީއާ ގުޅޭ އެކި ދާއިރާތަކުން ދިރާސާތައް ހައްދަވައި ދިރާސާތަކުގެ ނަތީޖާތައް ޝާއިއުކުރައްވާފައިވާ ނިޔާފް ވަނީ އެމެރިކާ އާއި ރަޝިއާ އަދި އިންޑިއާ އާއި ބްރެޒިންގެ އިތުރުން ނޭޕާލް އިން ވެސް ތައުލީމާއި ތަމްރީނު ހާސިލްކުރައްވައިފަ އެވެ.

މިހާތަނަށް 2،000އަށް ވުރެ ގިނަ ނިޔުރޯސާޖަރީ އަދި ޕްރޮސީޖާތައް ހައްދަވާފައިވާ ޑރ. ނިޔާފް މާލޭގައި ހުންނަ ނިޔުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގައި ވެސް މިއަދުން ފެށިގެން ބައްލަވާނެ އެވެ.

ކޮމެންޓް (3)

ސައީދާ

28 ޖުލައި 2024
މާތް ﷲބަރަކާތް ލައްވާށި، ތިޔައީ އާއިލާއަށާއި ގައުމަށް ނުހަނު އަގުހުރި އިޚްލާސްތެރިޔި ދަރިއެއް.
0 0

ހުސައިން ސަޢީދު

22 ޖުލައި 2024
ހިނގާ ބަލަމާ.މިއީ ބޮޑު މުސާރަ ދެވޭނެ ފަދަ މޮޅު ހުނަރުވެރި ދިވެހި ޑޮކްޓަރެއް.މިއީ ފެށުން ކަމަށް ބެލެވިދާނެ.ފަހުން އަންނަން ތިބި މީހުންނަށް ނަމޫނާ ދައްކަން ލިބުނު ފުރަތަމަ ފުރުސަތު މިއޮތީ ފަހިވެފަ.
3 1

ބަލި މީހާ

22 ޖުލައި 2024
އުފާވެރި ޚަބަރެއް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް