16 ޖުލައި 2024: ކޭއެފްސީ މާލޭ ރެސްޓޯރަންޓުގެ ބިއްލޫރިގަނޑު ތަޅާލާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ފުލުހުން

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް 30 ދުވަސް

މިދިޔަ ހޯމަ ދުވަހުގެ ރޭގެ އިތުރުން ހުކުރު ދުވަހުގެ ރޭ ވެސް ވަނީ ކޭއެފްސީ މާލޭ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލާފައި

މާލޭ އަމީނީމަގުގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު މިދިޔަ ހަފްތާގައި ތަޅާލި ކަމަށް ބެލެވޭ މީހާ 30 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ތަނުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ފުލުހުން އިއްޔެ ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭގެ އިތުރުން ހުކުރު ދުވަހުގެ ރޭ ވެސް ވަނީ ކޭއެފްސީ މާލޭ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލައިފަ އެވެ.

ހުކުރު ދުވަހުގެ ރޭގެ ހާދިސާއާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގުން މުހިންމު - އެ ރެސްޓޯރަންޓް ޗެއިނުން އިޒްރޭލަށް އެހީތެރިވާ ކަމަށް ބުނެ، ގާޒާ ހަނގުރާމަ ފެށުނު ފަހުން މާލޭގައި އަންނަނީ، ކޭއެފްސީން ވިޔަފާރި ނުކުރުމަށް ގޮވާލާ އެ ތަނުގެ ކުރިމަތީ ދޭތެރެ ދޭތެރެއިން އަޑުއުފުލަމުންނެވެ. މީގެ އިތުރަށް، ކޭއެފްސީން ވިޔަފާރި ނުކޮށް، އެ ތަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޕޯސްޓަރު ފަދަ ތަކެތި ވެސް އެތަނުގެ ބޭރުގައި ދޭތެރެ ދޭތެރެއިން ހަރުކުރެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް