މޯލްޑިވިއަން އާޓިސްޓް ކޮމިޔުނިޓީގެ ފަރާތުން އިންތިޒާމުކުރާ 'އަންވެއިލިންގ ވިޝަންސް 2024' ގައި ރައީސް މުހައްމަދު މުއިއްޒު އާއި އެމްއޭސީގެ ޗެއާޕާސަން އަހުމަދު އަޒްމީ (ބާޗީ). (ފޮޓޯ/ ރައީސް އޮފީސް)
ފަންނުވެރިންނަށް ދޭ ފައިސާ: 'އުފާވެރި ހަބަރެއް؛ ބޭނުންވަނީ ހަރުދަނާ އުސޫލުތަކެއް'
ފަންނުވެރިން ބޭނުންވާ އެކި ކަންކަމަށް ހަރަދުކުރަން 25 މިލިއަން ރުފިޔާ ތައާރަފުކުރައްވާނެކަން ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާނު ކުރެެއްވުމަކީ ފަންނުވެރިންނަށް ލިބުނު ވަރަށް އުފާވެރި ހަބަރެއް ކަމަށް މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީ (އެމްއޭސީ)އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފަންނުވެރިން ބޭނުންވާ އެކި ކަހަލަ އާލާތްތައް ހޯދުމާއި އެހެނިހެން ކަންކަމަށް ހަރަދުކުރަން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 25 މިލިއަން ރުފިޔާ ދޭނެ ކަމަށް ރައީސް ވިދާޅުވީ އެމްއޭސީގެ ފަރާތުން އިންތިޒާމުކުރާ 'އަންވެއިލިން ވިޝަންސް 2024' ބައްލަވާލައްވަން އާޓް ގެލެރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާޓްގެ ކަންކަމަށް މިވަގުތު މާ ބޮޑު ބަޖެޓެއް ނެތްކަން ފާހަގަކުރައްވައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ޔޫތު މިނިސްޓްރީގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު އެ ފައިސާ ދޫކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "ވަރަށް އުފާވެއްޖެ އިއުލާނުކުރެއްވީމަ،" އެކަމާ ގުޅިގެން ރޭގެ އިވެންޓުގައި ތިބި އާޓިސްޓުން ވެސް ތިބީ ވަރަށް އުފާވެފައިކަން ފާހަގަކުރައްވައި އެމްސީއޭގެ ޗެއާޕާސަން އަހުމަދު އަޒްމީ (ބާޗީ) މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.
"ވަރަށް ގިނަ އާޓިސްޓުން އެބަތިބި ވަރަށް ގިނަ ކަންކަން ކުރަން ބޭނުންވެފައި، ޕްރޮޖެކްޓްސްތަކަށް ދާން ބޭނުންވެފައި، އާޓްގެ ދާއިރާއިން ވިޔަފާރިއެއް ފަށަން ނުވަތަ އެކަމާ ގުޅޭ މެޓީރިއަލް ގެންނަން ބޭނުންވެފައި އެކަން ނުކުރެވި."
އަޒްމީ ވިދާޅުވީ، ފަންނުވެރިންނަށް ހާއްސަކޮށް ފައިސާ ހަމަޖެއްސުމަކީ އެފަދަ ފަންނުވެރިންނަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
-
ރައީސް އިއުލާނުކުރެއްވި ފައިސާ އަކީ ވަރަށް ބޮޑު އެހީއެއް
-
އެ ފައިސާ ފަންނުވެރިންނަށް ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްގެންދަން ވާނީ ދެފުށްފެންނަ ގޮތަށް އަދި އިންސާފުވެރިކޮށް؛ އެހެން ގައުމުތަކުގައި ވެސް އެފަދަ ފައިސާ ދޭނެ އުސޫލުތަކަށް ރިއާޔަތްކޮށްގެން ހަދައި ހަރުދަނާ ގަވައިދުތަކެއްގެ ދަށުން
އެ އުސޫލުތަކާއި ގަވައިދުތައް ތައާރަފުކުރެވިގެންދާނީ ފަންނުވެރިންގެ މަޝްވަރާ އާއި ހިޔާލު ވެސް ހިމަނައިގެން ކަމަށާއި، އެކަމާ ބެހޭ ގޮތުން ރޭގެ ރަސްމިއްޔާތަށް ފަހު ވެސް ބައެއް ވާހަކަ ދެކެވުނު ކަމަށް އަޒްމީ ވިދާޅުވި އެވެ.
މަޝްހޫރު އާޓިސްޓް އަދި އެމްއޭސީގެ ޖެނެރަލް ސެކްރެޓަރީ އިހްފާލް އަހުމަދު (އިއްފަ) ވެސް 'ދައުރު'އަށް ވިދާޅުވީ، ފައިސާގެ އެހީގައި މިވަގުތު ފަންނުވެރިންނަށް ހުރި ބޮޑެތި ކަންބޮޑުވުންތަކަކަށް ހައްލު ހޯދިދާނެ ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
-
ފަންނުވެރިންނަށް ބޭނުންވާ ޖާގަ އިތުރުކުރުން
-
ފަންނުވެރިން ބޭނުންވާ މެޓީރިއަލް ހޯދުން
-
ފަންނުވެރިންނަށް ހާއްސަކޮށް ބާއްވާ ހަރަކާތްތައް ގިނަކުރުން
މިހާރު އަންވެއިލިން ވިޝަންސް ފަދަ ހަރަކާތްތައް ބާއްވަމުން އަންނަނީ ސްޕޮންސަރުންގެ ފަރާތުން ލިބޭ ފައިސާގެ އެހީންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެފަދަ އިވެންޓުތައް ބާއްވަން ފައިސާގެ މިންވަރެއް ލިބޭ ނަމަ މިހާރަށް ވުރެ ބޮޑުކޮށް، ފުރިހަމަކޮށް އެފަދަ އިވެންޓުތައް ބޭއްްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ރޭގެ ރަސްމިއްޔާތުގައި ރައީސް ފައިސާގެ އެހީތެރިކަން އިއުލާނުކުރެއްވުމުގެ ކުރިން އަޒްމީ ދެއްކެވި ވާހަކައިގައި ފަންނުވެރިންނަށް ދިމާވާ ބައެއް ދަތިތަކަށް އަލިއަޅުވާލައްވައި ފަންނުވެރިންގެ ފަރާތުން ބޭނުންވާ ބައެއް ކަންކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި:
-
ފަންނުވެރިންގެ މަސައްކަތް ދައްކާލާނެ ރަނގަޅު ގެލަރީ ސްޕޭސްއެއް ގާއިމްކުރުން
-
ގެލަރީ ހިންގުމުގައި އިތުރަށް ހަރުދަނާ ކުރެވެން ހުރި ބައެއް ކަންކަން ހަރުދަނާ ކުރުން
-
މިހާރު ލިބޭ ވަރަށް ވުރެ ތަނަވަސް ފުރުސަތުތަކެއް ފަހިވުން؛ ކުރިއާ އަޅާބަލާއިރު ފަންނުވެރިންގެ މަސައްކަތުގެ އަގު އުފުލިފައިވާކަން އޭނާ ފާހަގަކުރެެއްވި
-
އެގްޒިބިޝަން މާލެއިން ބޭރުވެ، މޫވިން އެގްޒިބިޝަނެއްގެ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކާއި ރާއްޖެއިން ބޭރުގައި ދައްކާލެވުން؛ އޭނާ ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ފަންނުވެރިން ރާއްޖޭގައި އުފެދޭނެ ކަމަށް
"އެބަ ބޭނުންވޭ ފަންޑްސް އެ ކުދިންނަށް. އަޅުގަނޑުމެން ކުޑަމިނުން އެންޖީއޯ ވެސް ހިންގަމުން މިދަނީ ސްޕޮންސަަރުންނާއި އަޅުގަނޑުމެންގެ ޓިކެޓް ސޭލްސް އިން މިހުންނަ ކުދި ހަރަދުތަކާއި ބޮޑެތި ހަރަދުތައް ވެސް މި ފުއްދަނީ،" އަޒްމީ ރޭ ވިދާޅުވި އެވެ.
އޭގެ އިތުރުން، ޖަމިއްޔާ ހިންގާ ބޭނުންވާނެ ޖާގަ އާއި އާޓް ސްޕޭސްއެއް ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ގިނަ ފަންނުވެރިން މަސައްކަތް ކުރަނީ ގޭގެ ސިޓިންރޫމް ނުވަތަ ކޮޓަރި ތެރޭގައި ކަމަށާއި ބޮޑެތި އާޓްވޯކް ތައްޔާރު ކުރާނެ ޖާގައެއް އެ މީހުންނަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އަކީ 2016ގައި އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އާޓިސްޓުންނާއި އެ ފަންނުގެ ތެރޭގައި އުޅޭ ދިވެހިންގެ މަސައްކަތް ޕްރޮމޯޓު ކުރުމެވެ.
ޖަމިއްޔާ އުފެދުނީއްސުރެ އެމްއޭސީގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތަކީ އަންވެއިލިން ވިޝަންސް އެވެ. މި އަހަރުގެ މި އިވެންޓުގައި 105 އާޓިސްޓުންގެ މަސައްކަތް ދައްކާލާފައިވެ އެވެ.
ކޮމެންޓް (1)
ނަރުދަމާ