ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށް، ބަލާފާސްކުރަނީ: ރަހީނު ކުރި މައްސަލައެއްގައި ތިން މީހަކު ވަނީ ހައްޔަރު ކޮށްފައި (ފައިލް ފޮޓޯ/ފުލުހުން)

ފުލުހުން

ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތިން މީހަކު ހައްޔަރުކޮށްފި

އޭނާ ރަހީނުކުރުމަށް ފަހު ފައިސާ ހޯދުމަށް އެ މީހުން މަސައްކަތް ކުރިކަން ކޯޓު އަމުރުތަކުން އެނގޭ

މާލޭ ގެސްޓްހައުސްގެއްގައި ހުރި ދިވެހި ފިރިހެނަކު ރަހީނުކޮށްފައި ހުއްޓާ އޭނާ ސަލާމަތްކޮށް، އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ތަފްސީލް - ފުލުހުންނަށް އިއްޔެ ހުށަހެޅި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރާއި 27 އަހަރު އަދި 30 އަހަރު ދިވެހި ފިރިހެނުންނެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ތިން މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ތަނުންނެވެ. އަދި އަނިޔާ ލިބުނު މީހާ ވެސް އެތަނުގައި ހުރި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ފުލުހުން ބަންދު އަޑުއެހުމުގައި ބުނެފައިވާ ގޮތުން:

  • އެ ތިން މީހުން ބައިވެރިވެގެން، އެ މީހާ ހުރި ގެސްޓުހައުސްގެ ކޮޓަރިއަށް ވަދެ އެތަނުގައި ހުރި އެއްޗެހިތަކެއް އުކާލާފައިވޭ

  • އޭގެ ފަހުން އެ މީހާ އެ ގެސްޓްހައުސްއިން އިތުރު ތަނަކަށް ގެންގޮސް ބެއްހެޓުމަށް ފަހު، އޭނާއަށް ދެވޭނީ ފައިސާ ދިނުމަށް ފަހު ކަމަށް ބުނެ އިންޒާރުދީފައިވޭ

  • އެ މީހާ ސައިކަލެއްގައި ގޮވައިގެން ދާ މަންޒަރު ސީސީޓީވީ އަށް އަރާފައިވޭ

އެ ތިން މީހުންނަށް ވެސް ކުރަނީ، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓިކަމުގެ ތުހުމަތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް