އެއާލައިން ހިދުމަތައް ބުރޫ އެރުމުގެ ސަބަބުން، ލަންޑަން ލޫޓަން އެއާޕޯޓުގައި މިއަދު ދިގު ކިޔޫތަކެއް ހަދާފައިވާ (ފޮޓޯ ބީބީސީ)
އައީޓީ މައްސަލައެއް ދިމާވެ ބޮޑެތި އެއާޕޯޓުތައް ހުއްޓުމަކަށް؛ ވީއައިއޭގައި ވެސް ކިއޫ ދިގުވެދާނެ
ދުނިޔޭގެ އައިޓީ ސިސްޓަމަށް މައްސަލަތަކެއް ދިމާވެ، އެއާލައިންތައް ހިމެނޭހެން އެކި ސިނާތްތަކުގެ ވިޔަފާރިތަކަށް އަސަރުކޮށްފި އެވެ. މިއާ އެކު، ރާއްޖޭގައި މައި ވައިގެބަނދަރު، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އިން ވެސް ވަނީ އެ އެއާޕޯޓުގެ ކިއު ދިގުވެދާނެ ކަމަށް ބުނެ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ވީ ކިހިނެއް؟ - ވީއައިއޭ ހިންގަމުން އަންނަ އެމްއޭސީއެލް ކުންފުނިން ވަނީ ދާދި ދެންމެއަކު މިކަމާ ގުޅޭ ގޮތުން 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - އެ ޕޯސްޓުގައި ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިޓީ ސިސްޓަމްތަކަށް ބުރޫ އަރަމުންދާ ކަމަށެވެ. އަދި އެ އެއާޕޯޓުގެ ޗެކިން ލަސްވުމުގެ ފުރުސަތު އޮތްކަން އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
There is an ongoing worldwide airline IT systems disruption. Passengers may experience delays during check-ins. We apologize for any inconvenience and appreciate your patience.
— Maldives Airports Company Ltd (@MACLmedia) July 19, 2024
ތަފްސީލު - އެމްއެސީއެލްގެ ޕޯސްޓާ ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝަމްއާން ޝާކިރު ވިދާޅުވީ، އަދި މިހާތަނަށް ވީއައިއޭގެ ޗެކިން ސިސްޓަމަށް އޭގެ އަސަރެއް ނުކުރާ ކަމަށެވެ. އަދި އޮޕަރޭޝަންތައް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ގްލޯބަލް ކެޓަސްޓްރޮފީއަކާ [މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާއަަކާ] ހަމައަށް މިދަނީ. އެހެންވީމަ، އޭގެ އިމްޕެކްޓްކޮށްފައި ހުރި އެއާޕޯޓުތަކުން ވީއައިއޭއަށް ދަތުރު ކުރާ އެއާލައިންތަކަަށް އޭގެ އަސަރު ކުރަންޏާ، ޑިލޭ ވުމާއި އެކަހަލަ ކަންކަން ދިމާވެދާނެ،" ޝަމްއާން ވިދާޅުވި އެވެ.
"އެކަމަކު އަދި މިހާތަނަށް އޮޕަރޭޝަން ދަނީ ސްމޫތުކޮށް. އަހަރެމެން މިތިބީ އަހަރެމެންގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރަން ވަރަށް ބޮޑަށް ރެޑީގައި އެކަހަލަ ކަމެއް އުޅޭތީ."
އެނގުން މުހިންމު - ރިޕޯޓުތައް ބުނާ ގޮތުން، މި މައްސަލައާ ގުޅިގެން ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގެ ފްލެޓްތައް ނުފުރި، އެ އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑަށް ވަނީ ބުރޫވެފަ އެވެ. އެއާލައިން ސިނާއަތުގެ އިތުރުން، ބައެއް ގައުމުތަކުގެ ބޭންކްތަކާއި ފިހާރަތަކާ އަދި ސިއްހީ ހިދުމަތަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.
މިހާތަނަށް ބެލިބެލުމުން މި މައްސަލަ ކުރިމަތިވެފައިވަނީ މައިކްރޯސްފްޓް ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކަށެވެ. މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުނިން ތުހުމަތު ކުރާ ގޮތުގައި މި މައްސަލަ ކުރިމަތިވެފައިވަނީ ތާޑް ޕާޓީ ސޮފްޓްވެއާއަކުންނެވެ.