ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ. (ފޮޓޯ/ މަޖިލިސް)

މެމްބަރުންނާ އެކު ފުރާ އެންމެނަށް ވީއައިޕީ ދޭން ނިންމި ނިންމުން ބާތިލްކޮށްފި

މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މެމްބަރުންނާ އެކު ދަތުރުކުރާ އެންމެންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭ ގޮތަށް؛ ނަމަވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި މި ނިންމުން މުރާޖައާކޮށް، މިރޭ ނިންމީ އިހު އޮތް އުސޫލަށް އަމަލުކުރަން

ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި މެމްބަރުންގެ އާއިލާގެ ބޭފުޅުންގެ އިތުރުން މެމްބަރުންނާ އެކު ފުރާ ހުރިހާ އެންމެނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ހިދުމަތްދޭން ނިންމި ނިންމުން މިރޭ ބާތިލްކޮށްފި އެވެ.

އެނގުން މުހިއްމު - މީގެ ކުރިން އުސޫލު އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. ވަރަށް ކުރިއްސުރެން ފެށިގެން ވެސް އަމަލު ކުރަމުން އަންނަ މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ މަޖިލީހަށެވެ.

އެ އުސޫލަށް ބަދަލުގެނެސް، މެމްބަރުންނާ އެކު ދަތުރުކުރާ އެންމެނަށް ވީއައިޕީގެ ހިދުމަތް ދޭން ނިމިދިޔަ 19 ވަނަ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އޭރު ގައުމުގެ ހާލަތު ހުރި ގޮތުން އެ ނިންމުމަށް އަމަލު ނުކޮށް، އެ މައްސަލަ އޮތީ ކޮމިޓީގައި ޕާކު ކޮށްފަ އެވެ.

ކުރީގެ މަޖިލީހުން ފާސްކޮށްފައި އޮތް ގޮތަށް އެ އުސޫލު ފާސްކުރަން މިއަދު ބޭއްވި އާންމު ކޮމިޓީގެ ހަތް ވަނަ ބައްދަލުވުމުގައި ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުން ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.

އެކަމާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ މެމްބަރުންނަށް އަމާޒުވެފަ އެވެ. އަދި ގައުމުގެ މާލީ ހާލަތު ދަށްވެގެން ރައްޔިތުން 'ގަރުދިޔަ އާއި ބަތް ކެއުމަށް އަންގާފައި'، މެމްބަރުން ހަރަދު ކުޑަކުރަން ގެންގުޅޭ ސިޔާސަތުތައް ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި އެވެ.

ވީ ކިހިނެއް؟ - އާންމު ކޮމިޓީގެ މި ނިންމުމާ ގުޅިގެން ފާޑުކިޔުން ބޮޑުވެފައިވަނިކޮށް، މިރޭ ވަނީ އެ ކޮމިޓީގެ އިތުރު ޖަލްސާއެއް ބާއްވާ މިއަދުގެ ނިންމުން ބާތިލްކޮށްފަ އެވެ.

ތަފްސީލް - އެގޮތުން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތަށް ރިއާޔަތްކޮށް، އާންމު ކޮމިޓީގެ ހަތް ވަނަ ބައްދަލުވުމުގައި ފާސްކުރި އުސޫލު އިތުރަށް މުރާޖައާ ކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަމާ މެދު މެމްބަރުން ވިސްނައި އަލުން ގޮތެއް ނިންމަން ހުޅުވާލި ފުރުސަތުގައި، ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވީ:

  • ވީއައިޕީ ލައުންޖު ބޭނުންކުރުމުގެ އުސޫލަށް މިއަދު ގެނައި ބަދަލު ބާތިލް ކުރަން

  • ކުރީގެ މަޖިލީހުން އެ އުސޫލަށް ބަދަލުގެންނަން ފާސްކޮށްފައިވާ މައްސަލަ ވެސް ޕާކުކޮށްފައި ނުބާއްވާ ކޮމިޓީން ބޭރުކޮށްލަން

  • އަދި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އަމަލު ކުރަމުން އައި ގޮތަށް، މެމްބަރުންނާއި މެމްބަރުންގެ އާއިލާގެ މީހުންނަށް ވީއައިޕީ ލައުންޖު ބޭނުން ކުރެވޭ ގޮތަށް އޮތް އުސޫލަށް އެނބުރި ރުޖޫއަވާން

އެ ހުށަހެޅުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒު ތާއީދު ކުރެއްވި އެވެ. އެއާއެކު، މައްސަލައަށް ވޯޓަށް އަހައި، ކޮމިޓީގެ ބައިވެރިންގެ އަގުލަބިއްޔަތުން މިރޭ ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ.

އެހެންކަމުން، މިއަދު ނިންމި ނިންމުން ބާތިލްކޮށް، ނިމިދިޔަ މަޖިލީހުން 2023 ވަނަ އަހަރު އާންމު ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުން ވެސް ބާތިލުކުރުމުން، މެމްބަރުން ދެން އަމަލުކުރަމުންދާނީ 2020 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލަށް ކަމަށް މުގައްރިރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވީއައިއޭގެ ވީއައިޕީ ލައުންޖުގެ ހިދުމަތަށް ބޭނުންކުރެއްވުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ދާކަމުގެ ޝަކުވާ މީގެ ކުރިން ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެގޮތުން، 2012 އިން 2017އަށް ދައުލަތުން އެކަމަށް 327،650 ޑޮލަރު (5.05 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާކަން 2021ގެ ފަހުކޮޅު ވަނީ ހާމަވެފަ އެވެ. އޭގެ ތެރެއިން 2017ގައި، މެންބަރުންގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ރިކޯޑް އަދަދަކަށް ހޭދަކޮށްފައިވެ އެވެ.

އުސޫލު ބަދަލުކޮށް، މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް ލިބޭ ލައުންޖު ހިދުމަތުގެ އިތުރުން އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަށް އާންމު ކޮމިޓީން 2021ގެ ސެޕްޓެމްބަރު މަހު ނިންމާފައިވެ އެވެ. އެ ނިންމުމާ ގުޅިގެން ފާޑުކިޔުން ބޮޑުވެ، އާންމުންގެ ނުރުހުން އަމާޒުވުމުން އެ ނިންމުން ވެސް މުރާޖައާކުރަން ނިންމި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް