10 އޭޕްރީލް 2024 - އާރަށުގެ އިސްތިއުނާފީ މައްސަލާގައި ހުކުމް ކުރަން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޔާމީން

1 މިލިއަން ޑޮލަރު ޔާމީންއަށް ދޫނުކޮށް ހިފަހައްޓާފައިވަނީ އޭސީސީން އިއުތިރާޒުކުރާތީ: ބީއެމްއެލް

އަޑުއެހުމުގައި އޭސީސީގެ ފަރާތުން ބުނީ، ސިވިލް ކޯޓަށް ޔާމީން ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލަ ބީއެމްއެލްއާ ދެކޮޅަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް

ގއ. ވޮޑަމުލާ މައްސަލާގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވިގެން އެސްކްރޯ އެކައުންޓެއްގައި ބެހެއްޓި ކުރީ ރައީސް އަބްދުﷲ ޔާމީންގެ 1 މިލިއަން ޑޮލަރު މިހާރު ހިފަހައްޓާފައި ހުރީ އެ ފައިސާ ދޫކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅުހަދާތީ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައި ކޯޓުގައި ބުނެފި އެވެ.

އެނގުން މުހިންމު - މި 1 މިލިއަން ޑޮލަރަކީ ޔާމީންގެ އެކައުންޓެއްގައި ހުއްޓާ، ވޮޑަމުލާގެ ތަހުގީގަށް އޭސީސީ މެދުވެރިވެގެން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް 10 ޖޫން 2018ގައި ޔާމީން ޖަމާކުރެއްވި ފައިސާއެކެވެ.

އެ އެކައުންޓް ހުޅުވުމުގެ އެއްބަސްވުމުގައި ވާ ގޮތުން:

  • އެ ކައުންޓް ހުޅުވާތާ އެއް އަހަރުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ ޔާމީންގެ އެކައުންޓަށް އަނބުރާ އެ ފައިސާ ޖަމާކޮށްދޭން ޖެހޭ 

  • އެ މުއްދަތު 10 ޖޫން 2019އަށް ހަމަވިއިރު ވެސް އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްކަން މިހާތަނަށް ސާބިތުކޮށްދެވިފައެއް ނުވޭ

ވީ ކިހިނެއް؟ -  އެއްބަސްވުމުގައި ބުނާ މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ދޫކޮށްފައި ނުވާތީ، ބީއެމްއެލް އާއި އޭސީސީއާ ދެކޮޅަށް ސިވިލް ކޯޓަށް ޔާމީން މައްސަލަ ހުށައެޅުއްވި އެވެ. 

އެ ދައުވާއަށް ޖަވާބުދާރީވާން ބީއެމްއެލްއަށް ސިވިލް ކޯޓުން އެންގުމުން އެއީ އެ ބޭންކާ ދެކޮޅަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ، ކޯޓުގެ އިހްތިސޯސްއާ މެދު ސުވާލު އުފައްދައި ބޭންކުން އިއުތިރާޒެއް ހުށަހެޅި އެވެ. ނަމަވެސް، މިދިޔަ 20 ފެބްރުއަރީގައި ސިވިލް ކޯޓުން ނިންމީ އެއީ ބޭންކާ ދެކޮޅަށް ކުރެވިދާނެ ދައުވާއެއް ކަމަށެވެ. 

މި ނިންމުން ހައި ކޯޓުގައި ބީއެމްއެލްއިން އިސްތިއުނާފުކުރި އެވެ.

ތަފްސީލް - މި މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހަޅަމުން ވެސް ބީއެމްއެލްގެ ވަކީލް މަޒްލާން ރަޝީދު ތަކުރާރުކުރެއްވީ ފައިސާ ޖަމާކުރީ އެސްކްރޯ އެއްބަސްވުމެއްގެ ދަށުން ކަމަށް ޔާމީން ވިދާޅުވިޔަސް އެ ފައިސާ ޖަމާކުރީ އޭސީސީގެ ނަމުގައި ހުޅުވާފައިވާ ކަރަންޓް އެކައުންޓަކަށް ކަމަށެވެ. އަދި، ބޭންކަކީ އެ ފައިސާ ބަހައްޓަން ހުޅުވި އެކައުންޓުގެ ބައިވެރިއެއް ނޫން ކަމަށާއި އެހެންކަމުން އެ ފައިސާ ދޫކުރެވޭނީ އޭސީސީގެ ހުއްދައާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

މަޒްލާން ވިދާޅުވީ އެ ފައިސާ ދޫކުރުމާ މެދު އެންމެ ފަހުން ބޭންކުން އޭސީސީއާ މުއާމަލާތްކުރިއިރު އެ ކޮމިޝަނުން 11 ސެޕްޓެމްބަރު 2022ގައި ބޭންކަށް ފޮނުވި ސިޓީގައި އެ ފައިސާ ހިފެހެއްޓި ޖިނާއީ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެ ފައިސާ ދޫކުރުމާ މެދު ވަކި އެއްޗެއް ބުނެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

"ޔާމީން އެ ފައިސާއަށް ޑިމާންޑުކުރަން ފެށީމާ އަޅުގަނޑުމެން އޭސީސީއަށް އެންގިން. އަދި މިކަހަލަ މިކަހަލަ ޑިމާންޑުތަކެއް އެބަ އާދެއޭ. އަދި ލީގަލް ތުރެޓްސް ވެސް. އެހެންވީމާ މީގައި ކިހިނެއްތޯ އަމަލުކުރަންވީ. އެ ޑިމާންޑުތަކާ ގުޅިގެން އޭސީސީން އަންގާފައި ވަނީ އެ އެގްރީމަންޓުގެ ދަށުން ހުރި އެރޭންޖުމަންޓުތައް އަދި ނިމުމަކަށް ނާދެއޭ. އެހެންވީމާ [ބީއެމްއެލްގެ] ސަމާލުކަމަށްޓަކައި އަންގަމޭ،" ވަކީލު މަޒްލާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ މި ފައިސާ ރިލީޒް ކުރުމަށް ހުއްދަ ދެއްވާނަންތޯ؟ އެ ފަރާތުން [އޭސީސީން] ވަނީ އެކަމަށް އިންކާރުކުރައްވާފައި."

މަޒްލާން އިތުރަށް ވިދާޅުވީ:

  • އެ ފައިސާ ދޫކުރުމުގެ ހުއްދަ ބޭންކަށް އެބައޮތްތޯ ނުވަތަ ނެތްތޯ އޭސީސީން ކޯޓުގައި މިހާރު ސާފުކޮށްދޭންޖެހޭ ކަމަށް؛ އެއީ ކޯޓުން ބޭރުގައި ވެސް މީގެ ކުރިން އޭސީސީއާ ކޮށްފައިވާނެ ސުވާލެއް ކަމަށް

  • އެ ފައިސާ ދޫކުރަން އޭސީސީން ދެކޮޅު ހަދާފައި އޮއްވާ އެ ފައިސާ ދޫކޮށްފި ނަމަ އޭސީސީގެ ފަރާތުން ބީއެމްއެލްއާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް

"މިކަހަލަ ސުވާލުތައް އޭސީސީއާ ވެސް އެބަ ކުރިމަތި ކުރުވެން ޖެހޭ ކަންނޭނގެ. އެކަމަކު އެ ފަރާތުން އެ ވިދާޅުވަނީ ފައިސާ ދޫކޮށްގެން ނުވާނެއޭ. އެހެންވެއްޖެ ނަމަ އިޓް އިޒް ފާ ރީޗިން ރިޕަކަޝަންސް،" ވަކީލް ވިދާޅުވި އެވެ. 

މިއަދުގެ އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލު މަޒްލާން ރަޝީދު އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވައި ތަފްސީލުކޮށްދެއްވަނީ

އެ ފައިސާ ދޫކުރަންވީތޯ ނުވަތަ ނޫންތޯ އޭސީސީގެ ފަރާތުން ސާފުކުރަން އިއްޔެގެ އަޑުއެހުމުގައި ބީއެމްއެލްއިން އެދުނު ނަމަވެސް، އެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވެެގެން އަޑުއެހުން ނިންމާލިއިރު އެ ސުވާލުތަކަށް ޖަވާބު ލިބިފައެއް ނުވެ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ރިޔާސަތު ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، އޭސީސީގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވުން މިއަދު ނިންމާލާފައި ނުވާތީ، ބޭންކުން ސާފުކުރަން އެދިފައިވާ އެ ސުވާލުތަކަށް ޖަވާބުދާރީވުމުގެ ބައި ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އޭސީސީން ގަބޫލުކުރަނީ ބީއެމްއެލްއާ ދެކޮޅަށް ދައުވާކުރެވޭނެ ކަމަށް

މިއަދުގެ އަޑުއެހުމުގައި އޭސީސީގެ ވަކީލު އައިޝަތު ސުނައިނަތު އަބްދުﷲ ވިދާޅުވީ، ސިވިލް ކޯޓަށް ޔާމީން ހުށަހަޅުއްވާފައިވާ ފައިސާ ހޯދުމުގެ މައްސަލަ ބީއެމްއެލްއާ ދެކޮޅަށް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އެ ފައިސާ ހޯދުމުގެ މައްސަލައަކީ ބީއެމްއެލްއާ ދެކޮޅަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ބީއެމްއެލްއިން ބުނި ނަމަވެސް، އެ މައްސަލާގައި ބީއެމްއެލް ނުހިމަނައި ކުރިއަށް ގެންގޮސްގެން އަދުލުވެރި ނިންމުމެއް ނިންމިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭސީސީން ކޯޓުގައި ބުންޏެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރު ހިފަހައްޓާފައިވަނީ އެސްކްރޯ އެކައުންޓެއްގައި ނޫންކަމަށް ބީއެމްއެލްއިން ބުނި ނަމަވެސް، ވޮޑަމުއްލާ މައްސަލައިގެ ތަހުގީގާ ގުޅިގެން، ހުޅުވަން އެދިފައިވަނީ އެސްކްރޯ އެކައުންޓެއްކަން ފިނޭންސް މިނިސްޓްރީން 27 ފެބްރުއަރީ 2018ގައި ބީއެމްއެލް އަށް ފޮނުވާފައިވާ ރިކުއެސްޓުން ވެސް އެނގޭ ކަމަށް ސުނައިނަތު ވިދާޅުވި އެވެ. އަދި، އެ ނޫން އިތުރު ތަހުގީގަކާ ގުޅިގެން އެސްކްރޯ އެކައުންޓެއް ހުޅުވުމަށް ބީއެމްއެލްގައި މިހާތަނަށް އޭސީސީން އެދިފައިނުވާނެކަން ވެސް ފާހަގަކުރި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ސާފު އަޅުގަނޑުމެން އެދިފައިވަނީ އެސްކްރޯ އެކައުންޓެއް ހުޅުވަންކަން. އޭގެ ދަށުން އެކައުންޓަކީ ކޮން މައްސަލައަކާ ގުޅިގެން ކޮން ފައިސާއެއް ބަހައްޓަން ހުޅުވި އެކައުންޓެއްކަން ވެސް ސާފުވެގެންދާކަން،" ސުނައިނަތު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އޭސީސީގެ ވަކީލު ސުނައިނަތު އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވަނީ

ފަސްފަހަތް - ބީއެމްއެލް އާއި އޭސީސީއާ ދެކޮޅަށް ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފައިސާ ހޯދުމުގެ މައްސަލާގައި އެ ކޯޓުގެ އިހުތިސޯސްއާ މެދު ނިންމި ނިންމުމުގައި ވެސް ބުނެފައިވަނީ، ޔާމީން ފައިސާ ޖަމާކުރީ އޭސީސީގެ ކަރަންޓް އެކައުންޓަކަށް ކަމަށް ބޭންކުން ބުނި ނަމަވެސް އެއީ އެސްކްރޯ އެކައުންޓެއްކަން ލިޔެކިއުންތަކާއި އެ ފައިސާ ޖަމާކުރަން ހެދި އެއްބަސްވުމުން އެނގޭ ކަމަށެވެ.

ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ:

  • ފައިސާ ޖަމާކުރަން ހެދި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ފައިސާ ރައްދުކޮށްފައި ނުވާތީ، އެ ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް

  • އެ ފައިސާ ޔާމީންގެ އެކައުންޓަށް ވަގުތުން ޖަމާކޮށްދޭން އަމުރެއް ނެރެން

  • އެ ފައިސާ ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެ ފައިސާއިން ވިޔަފާރިކުރި ނަމަ ލިބޭނެ ކަމަށް އަންދާޒާކުރާ ފައިދާގެ އަދަދު ހިސާބުކޮށް އެ ފައިސާ އެކުއެކީގައި އެއްފަހަރާ ޔާމީނަށް ދައްކަން ކަނޑައަޅައިދޭން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް