ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މަޖިލީހަށް ވަޒީރުން ހާޒިރު ކުރުން ހަނިކުރަން ފަލާހު ގޮވާލައިފި

ފަލާހު ވިދާޅުވި ގޮތުގައި، އެމްޑިޕީގެ މެންބަރުން އިސްވެ ވަޒީރުން މަޖިލީހަށް ހާޒިރު ކުރަނީ 'އެއްވެސް ކަމެއް ނެތް، ކުދިކުދި' ކަންތައްތަކުގައި

މަޖިލީހުގެ މެންބަރުން ކުރަން ބޭންވާ ސުވާލުތައް ކުރުމަށްޓަކައި ވަޒީރުން މަޖިލީހަށް ހާޒިރު ކުރުން މަޖިލީހުގެ ގަވައިދުން ހަނިކުރުމަށް ބާރު އަޅުއްވައި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވާހަކަ ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މިހާރު ވަޒީރުން މަޖިލީހަށް ހާޒިރުކުރެވެން ގަވައިދުގެ ދަށުން އޮންނަ ފުޅާ ފުރުސަތު ހަނި ކުރުމަށް ބާރު އަޅުއްވައި ފަލާހު ވާހަކަ ދެއްކެވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިރު މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް، މެންބަރުން ސުވާލު ކުރުމުގެ ބައިގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - މިނިސްޓަރު ރާފިއުއަށް ސުވާލު ކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެން، ފަލާހު ވަނީ އެ ފުރުސަތުގައި  "އެމްޑީޕީއަށް ނަސޭހަތެއް" ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ، އެ މެންބަރުންނަށް ސިޔާސީ ބަހުގެ ހަމަލާއެއް ދެއްވާފަ އެވެ.

"ޒުވާނުންނަށް އެންމެ ހާއްސަ ވަޒީރު، ކުޅިވާރާ ބެހޭ ވަޒީރު މިތަނަށް ކޮންމެ ދުވަހަކު [ހާޒިރުކޮށް] ހަމަ ކަމެއް ނެތް ކުދިކުދި [ސުވާލު ކުރުން ހުށަހެޅުން] ތިބޭފުޅުން [އެމްޑީޕީ މެންބަރުން] ހުއްޓާލައްވާފައި، ބަނގުރޫޓުކޮށްލާފައި އޮތް ޕްރޮޖެކްޓްތަކަށް [ވަޒީރުންނާ] ސުވާލު ކުރުމަށް ތިގެންނަވަނީ ކީއްވެގެންތޯ،" އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވި އެވެ.

އެއާ އެކު، މަޖިލީހުގެ ގަވައިދުގައި ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް އޮންނަ މާއްދާއަށް އޭނާ ގެންނަން ބޭނުންވާ އިސްލާހުގެ ހިޔާލެއް ފަލާހު ދެއްވި އެވެ.

"ދެން އޮތީ ރައީސަށް ހިޔާލެއް އަޅުގަނޑު ދަންނަވާލުން. ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ވަޒީރަކު ރައްޔިތުން މަޖލީހުގެ މެމްބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން ތިން ދުވަސް ތެެރޭ ޖަވާބު ނުދީފިއްޔާ ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ، މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރާއިރު މީ ރަނގަޅުކަމެއްކަން ނޭނގެ އަޅުގަނޑަށްް ހީވަނީ ބަލާލަން،" ފަލާހު ވިދާޅުވި އެވެ.

އެނގުން މުހިންމު - މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް އާންމު ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. އެކަން ނިމެންދެން އަމަލު ކުރަމުން އަންނަނީ، ނިމިދިޔަ 19 ވަނަ މަޖިލީހުގައި ހަދާފައިވާ ގަވައިދަށެވެ. އެ ގަވައިދުގައިވާ ގޮތުން:

  • މެންބަރުންނަށް ވަޒީރުންނާ ލިޔުމުން ވެސް އަދި އެ ވަޒީރަކު މަޖިލީހަށް ހާޒިރުކޮށްގެން ވެސް ކުރަން ބޭނުންވާ ސުވާލަކަށް ޖަވާބު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އޮވޭ

  • އެގޮތަށް އެދެވެނީ މަޖިލީހުގެ ރައީސް މެދުވެރިކޮށް ވަޒީރަށް ފޮނުވާ ނޯޓިސްއަކުން؛ އެ ނޯޓިސްއަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ މުއްދަތެއް މަޖިލީހުގެ ރައީސް ވަޒީރަށް ދޭން ޖެހޭ

ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު، މިނިސްޓަރު ރާފިއުއާ ކުރައްވަން ހުށަހެޅުއްވި މައިގަނޑު ދެ ސުވާލެކެވެ. އެއީ، އޭނާގެ ދާއިރާގެ ބައެއް ރަށްތަކުގައި ކުރީ ސަރުކާރުން ފެށި ބައެއް ފުޓުބޯޅަ ދަނޑުތަކުގެ މަޝްރޫއުތަކާ ގުޅޭ ފަހުގެ މައުލޫމާތު ހޯއްދެވުމަށް އޭނާ ހުށަހެޅުއްވި ދެ ސުވާލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް