ފައިނު ސްކޫލްގެ ގްރޭޑް 6ގެ ދަރިވަރު މުހައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު ގުރުއާން ހިތުދަސްކޮށް ހާފިޒަކަށް ވެގެން ރަށަށް ދިއުމުން ރައްޔިތުން މަރުހަބާ ކިޔަނީ (ފޮޓޯ/ފައިނު ކައުންސިލް)

ހާފިޒުންނަށް ގައުމީ ފެންވަރުގެ ހަފުލާއެއް ބާއްވަނީ

މިހާރު ހާފިޒުންނަށް 'ރަން ތާޖު' ދެނީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރާ ހަފުލާގެ ތެރެއިން

ގުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވުމަށް ގައުމީ ފެންވަރުގެ ހަފުލާއެއް، އަންނަ އަހަރުން ފެށިގެން ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކޮންމެ އަހަރަކު ވެސް ގުރުއާން ހިތުދަސްކުރާ ހާފިޒުންގެ މަސައްކަތުގެ އަގުވަޒަންކުރަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. ހާފިޒުންނަށް ކޮންމެ އަހަރަކު ރައީސް ދެއްވާ ހާއްސަ އެވޯޑެއްގެ ގޮތުގައި 'ރަން ތާޖު' ދިނުން އެ ރަސްމިއްޔާތުގައި އޮވެ އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އަންނަ އަހަރުން ފެށިގެން، މި އެވޯޑު ދިނުން ވަކި ހަފުލާއަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.

ބުނީ ކީކޭ؟ - "މިގޮތަށް [މުބާރާތުގެ ތެރެއިން] އެވޯޑު ދޭން ފެށީ އޭރު ކޮންމެ އަހަރަކު ވެސް ގުރުއާން ހިތުދަސްކުރާ ހާފިޒުން މަދުވުމުން. އަހަރަކު އެކެއް ނޫނީ ދެ މީހަކު މި ދަސްކުރަނީ. އެކަމަކު މިހާރު އެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ވެސް 32 މީހުން ގުރުއާން ހިތުދަސްކޮށް، ރައީސްގެ އަތްޕުޅުން 'ރަން ތާޖު' ހާސިލް ކުރެ އެވެ.

ޝަހީމް ވިދާޅުވީ:

  • ގުރުއާން މުބާރާތުގެ އިނާމު ދިނުމާއި ހާފިޒުންނަށް އެވޯޑު ދިނުން އެއްކޮށް ގެންދާތީ، އެއްވެސް ހަރަކާތަކަށް ހައްގު ގަދަރު ނުދެވޭ ކަމަށް

  • އެހެންވެ، އަންނަ އަހަރުން ފެށިގެން ހާފިޒުންނަށް ވެސް ގައުމީ ފެންވަރުގެ ހަފުލާއެއް ބާއްވާނެ ކަމަށް 

މިނިސްޓަރު ވަނީ ގުރުއާން ރީތިކޮށް ކިޔަވާ ޖީލެއް އުފެއްދުމާ އެކު އެއަށް އަމަލު ކުރާ ކުދިންތަކެއް ވެސް ބިނާކުރުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން އިހުސާންތެރިވުމާއި މައިންބަފައިންނަށް ކަމޭހިތުމާއި މީހުންނަށް އިހްތިރާމް ކުރުމާއި ފުރައްސާރަ ނުކުރުމާއި އަދުލުވެރިވުން ފަދަ ގުރުއާނުން ލިބޭ ފިލާވަޅުތަކަށް އަމަލު ކުރާ ކުދިންތަކެއް އުފެއްދުމަށް އެދިވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް