ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ފައިލް ފޮޓޯ/ މަޖިލިސް(

މަޖިލިހުގެ ރައީސް އާއި މުހައްމަދު އިސްމާއިލްގެ ޒުވާބެއް؛ "ބޭނުންހާ ވާހަކައެއް ދައްކަން ފުރުސަތެއް ނުދޭނަން"

މިނިސްޓަރު އަބްދުﷲ މުއްތަލިބްއާ ސުވާލު ކުުރުމުގެ ތެރެއިން މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮންމެ ސަރުކާރަކަށް ވެސް ވިލިމާލެ ފެންނަނީ އިންތިހާބަކާ ޖެހުނީމާ ކަމަށް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑިޕިއުޓީ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއާ ދެމެދު މިއަދުގެ ޖަލްސާގައި ހޫނު ޒުވާބެއް ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ދެ ބޭފުޅުންގެ މެދުގައި މި ޒުވާބެއް ހިނގީ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ވަޑައިގެންނެވި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއާ މުހައްމަދު އިސްމާއިލް ސުވާލުކުރެއްވި ގޮތުންނެވެ.

ތަފްސީލު - މުއްތަލިބު މަޖިލީހަށް ވަޑައިގަތީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މައިގަނޑު ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. މިނިސްޓަރާ މުހައްމަދު އިސްމާއިލް ސުވާލުކުރެއްވީ ވިލިމާލެ ބުރިޖާ ގުޅޭ ގޮތުންނެވެ. އެ ސުވާލުގެ ކުރިން އޭނާގެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުން ވެސް ހިއްސާކުރެއްވި އެވެ.

"އަޅުގަނޑު ހަމަ ދެ ތިން ސުވާލެއް ކުރަން ބޭނުން. ސަރުކާރުތައް ބަދަލުވެގެން ފެށިގެން އަންނައިރު ވިލިމާލެ، ގްރޭޓާ މާލެ ކިޔައިގެން ވާހަކަތަކެއް ދައްކާއިރު، ވޯޓަށް ނޫނީ އެއްވެސް ސަރުކާރަކަށް ވިލިމާލެ ފެންނަ ކަމަަކަށް ނުވޭ، އަޅުގަނޑަށް ފެންނަ ގޮތުގައި،" ވާހަކަ ފައްޓަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

އެއާ އެކު އޭނާ ވިދާޅުވީ ވިލިމާލެ ބުރިޖު މަޝްރޫއު މިހާރު ކުރިއަށްދާ ގޮތުން ވިލިމާލެ ރައްޔިތުންނަށް އުނދަގޫތަކެއް ދިމާވަމުންދާ ކަމަށެވެ.

"ބްރިޖު ކޮންޓްރެކްޓްގައި އެބަ އިން ފަޅު ހިއްކައިގެން އިތުރު މަގެއް ހަދައިގެން، ބްރިޖުގެ މަސައްކަތް ކުރާނެ ވާހަކަ. އެހެން ނަމަވެސް އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު އުނދަގުލަކާއި ތަކުލީފެއް މިއަދު ވެސް ދިމާވަމުންދާ މައްސަލައެއް. ވިލިމާލޭގެ މަގު ބޭނުންކޮށް މަގު ފުނޑުފުނޑު ވެގެންދާ މައްސަލައިގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާގައި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މުހައްމަދު އިސްމާއިލް ވިދާޅުވީ ކިރިޔާ ވާރޭ ވެހިލާއިރަށް އެ މަގުގައި ފެންބޮޑުވާ ކަމަށެވެ. އަދި ސަރުކާރު އެކުލަވާލައިގެން އައިއިރު މުއްތަލިބްއާ ދިމާވެގެން އެ ވާހަކަ ދެއްކެވި ކަމަށް ވިދާޅުވި ހިސާބުން ވަގުތު ހަމަވެ، ރިޔާސަތުން އޭނާގެ ވާހަކަ ހުއްޓުވައި، މައިކް ކަނޑާލެއްވި އެވެ. ނަމަވެސް މުހައްމަދު އިސްމާއިލް ވާހަކަ ހުއްޓާނުލައްވާ ކުރިއަށް ގެންދެވި އެވެ.

"އިއްޒަތްތެރި މެންބަރު މަޑުކޮށްދެއްވާ! އަޅުގަނޑު ފުރުސަތު ދެއްވީ، އިއްޒަތްތެރި މެންބަރު މަޑުކޮށްދެއްވާ! ގަވައިދަށް ހުރުމަތްތެރިކޮށް ހިތްތަވާ!،" ޝަހާދަތް އިނގިލިން މުހައްމަދު އިސްމާއިލަށް އިޝާރާތް ކުރައްވައި، އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެން ވިދާޅުވުމުން ވެސް މުހައްމަދު އިސްމާއިލް އަޑު ނޭއްސެވި އެވެ.

"ބޭނުން ގޮތަކަށް ފްލޯގައި [ތަޅުމުގައި] އަޑުގަދަކުރުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެހެންވީމާ އިށީނދެވަޑައިގަންނަވާ. މިހާރު މަޖިލިސް ގަވައިދާ ހިލާފަށް ތިޔަ އަމަލު ކުރައްވަނީ. މަޖިލިސް ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ދަންނަވަން،" އަޑަށް ބާރުލައްވާފައި، އަނެއްކާވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ދެން ވިދާޅުވީ ވަޒީރުންނާ ސުވާލުކުރަން އެ ދުވަހަކު އެޖެންޑާކޮށްފައި އޮންނަ މައިގަނޑު ސުވާލާ ނުގުޅޭ ސުވާލުކޮށް، "ބޭނުންހާ ވާހަކަ ދައްކައިގެން މި ރިޔާސަތުން ފުރުސަތު ނުދޭނަން" ކަމަށެވެ.

އަބްދުއްރަހީމް އެގޮތަށް ވިދާޅުވުމުން މައުރޫފް ސުވާލުކުރެއްވީ އެހެން މެންބަރުން ސުވާލު ފުރިހަމަކުރައްވަން ރިޔާސަތުން ފުރުސަތު ދެއްވިއިރު، މުހައްމަދު އިސްމާއިލްއަށް އެ ފުރުސަތު ނުދެއްވީ ކީއްވެގެންތޯ އެވެ. އެއަށް ޖަވާބު ދެއްވައި، އަބްދުއްރަހީމް ވިދާޅުވީ މުހައްމަދު އިސްމާއިލްއަށް އެ ފުރުސަތު ނުދެއްވީ މަޖިލިސްގައި ބަހުސްކުރައްވާ އުސޫލުން ސުވާލާ ގުޅުމެއް ނެތް ވާހަކަ ދައްކަވަމުން ގެންދެވުމުން ކަމަށެވެ.

އޭރު މަޖިލިސް ތަޅުމުގައި މިނިސްޓަރާ ކުރި މައިގަނޑު ސުވާލު ގުޅިފައި އޮތީ މައުރޫފް ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ބ. ދޮންފަނުގެ ބަނދަރު ތަރައްގީ ކުރުމާ އެވެ. 

ކޮމެންޓް (2)

ކަނޑި

15 ޖުލައި 2024
އަދުރޭވަރެއްހަމަނެތް' ހަންމަތަކޮށްފަބައިތިއްބާތި' ދޫކޮށްލާފިއްޔާއަތުނުވެދާނެ
0 0

ލޭޑީސް އެންޑް ޑެންޓަލް ޕޭސްޓް އެންޑް ޓޫތް ބްރަޝް

15 ޖުލައި 2024
ހެހެ ހިސާބު ސޯ އަނެއްކާވެސް މާކްސްކޮޅެއް އިތުރުކޮށްލަންް ކުޅެލި ޑްރާމާއެއް. މީހުން ބުނާނެއްނު ސޯ ހާދަ ހަމަހަމަކޮށްނޭ މަޖިލިސް މިގެންދަނީ. އަމިއްލަ ޕާޓީއަކަށްވެސް ނުބަލައޭ. 2028އަށޯ ފައި ވިއްދާފަ ހުރީ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް