ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި ހައިޝަމަށް ފަރުވާ ދެނީ. އޭނާގެ ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑުވަނީ ބިނދިފައި

ބަންގްލަދޭޝްގައި މިސްކިތެއް އަޅަން އުޅުނު ދިވެއްސަކު އެކްސިޑެންޓްވެއްޖެ

އެ އެކްސިޑެންޓުގައި ހައިޝަމްގެ ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައި

ދިވެހިންގެ އެހީގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން އުޅުނު ދިވެހި ޒުވާނަކު ކާރު އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެހީދޭ 'ހިދުމަތް' ޖަމިއްޔާއިން ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ މަސައްކަތް ކުރަމުންދަނިކޮށް އެކްސިޑެންޓުވެފައިވަނީ އެ ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު ހުސެން ހައިޝަމް އެވެ. އެކްސިޑެންޓުގައި އޭނާގެ ފައިގެ ފަލަމަސްގަނޑު ވަނީ ބިނދިފަ އެވެ.

ބުނީ ކީކޭ؟ - ހިދުމަތް ޖަމިއްޔާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ހައިޝަމް އެކްސިޑެންޓުވީ، ޑާކާއިން ޗިޓަގޮންގްއަށް ކާރުގައި ދަތުރުކުރަނިކޮށް، އޭގެ ޑްރައިވަރަށް ނިދި، މަގުގެ އަރިމަތީގައި ހުރި ގަހެއްގައި ޖެހިގެންނެވެ.

"އެއީ އަށް ގަޑިއިރުގެ ދަތުރެއް. ޑްރައިވަރަށް ނިދިޖެހުމުން ކާރުގެ ކޮންޓްރޯލް ގެއްލި ގޮސް ޖެހުނީ ގަހެއްގައި. އެއް ގަހުގައި ޖެހި އަނެއްކާވެސް އަނެއް ގަހުގައި ޖެހުނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ހައިޝަމް އިނީ ޑްރައިވަރު ކައިރީ، ކުރީ ސީޓުގަ އެވެ. ދެ މީހުންނަށް ވެސް އެކްސިޑެންޓުގައި އަނިޔާވި ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިންގެ އެހީގައި ބަންގްލަދޭޝްގައި ހަތަރު މިސްކިތެއް އެބަ އަޅަ އެވެ. ހައިޝަމް ދަތުރުކުރީ، ޗިޓަގޮންގްގައި އަޅާ ފަސް ވަނަ މިސްކިތުގެ މަސައްކަތް ކުރުމަށެވެ.

"ފަރުވާ ދޭން ވަރަށް އުނދަގޫވި. ތިން ވަނަ ހޮސްޕިޓަލަކަށް މިހާރު ގެންދެވިއްޖެ. އެކަމަކު އިރާދަކުރެއްވިއްޔާ މިހާރު އޮތް ޕްރައިވެޓް ހޮސްޕިޓަލުގައި މިއަދު އޭނާގެ އޮޕަރޭޝަން ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް (1)

އަހުމަދު

15 ޖުލައި 2024
އަޅުގަނޑުގެ ދުޢާއަކީ ހައިޝަމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާ އަވަސް ޝިފާއެއް ހައިޝަމްއަށް މިންވަރުކޮށް ދެއްވުން أمين
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް