ވީއައިއޭގެ އިރުމަތީގައި ހުޅުވި އާ ޗެކްޕޯސްޓު (ދައުރު ފޮޓޯ)

އާ ޗެކްޕޯސްޓަކާ އެކު ވީއައިއޭގެ ސަލާމަތީ ކަންކަން ހަރުދަނާކޮށްފި

އެއާޕޯޓުގެ އިރުމަތިން ވަދެ ނުކުންނަ ހުރިހާ މީހުން މި ޗެކްޕޯސްޓުން ސްކޭނުކުރާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެއާޕޯޓުގެ އިރުމަތީ ސަރަހައްދުގައި އިތުރު ސެކިއުރިޓީ ޗެކްޕޯސްޓެއް މިއަދު ބަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - އެންމެ ފަހުގެ ޒަމާނީ އާލާތްތަކާއި ވަސީލަތްތަކާ އެކު ގާއިމްކުރި މި ޗެކްޕޯސްޓު އިފްތިތާހުކޮށްދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

ތަފްސީލް - ޗެކްޕޯޓު އިފްތިތާހުކޮށްދެއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެއާޕޯޓަކީ ސަލާމަތާއި ރައްކާތެރިކަމާ އެކު ފަސިންޖަރުން ފުރައި ލަފާ ތަނެއް ކަމަށާއި އާ ޗެކްޕޯސްޓަކީ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި އެޅި އާ ފިޔަވަޅެއް ކަމަށެވެ.

"އެއީ އެއާ ސައިޑަށް އަންނަ، ވަންނަ ހުރިހާ މީހުންނާއި އުޅަނދުފަހަރު އޭވިއޭޝަން ސެކިއުރިޓީން ބައްލަވާނެ. ވަރަށް ޒަމާނީ ފެންވަރުގެ ޗެކްޕޯސްޓެއް މި ގާއިމް ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމަކީ ކަސްޓަމްސްގެ މެންޑޭޓުގައި ހިމެނޭ ކަމަކަށް ވާއިރު، ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެއްޗާއި އެތެރެކުރުން މަނާ އެހެނިހެން ތަކެތި ހިފެހެއްޓުމަކީ ވެސް ކަސްޓަމްސްގެ ޒިންމާއެއް ކަމަށެވެ. އަލަށް ހުޅުވި ޗެކްޕޯސްޓާ އެކު ކަސްޓަމްސްގެ އެ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް މަސްތުވާތަކެތި ނުގަވައިދުން އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަށް ކަސްޓަމްސްއަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް މިއީ. އަޅުގަނޑުމެންގެ އެއާ ސައިޑުން ލޭންޑު ސައިޑަށް ވަދެ ނިކުންނަ ހުރިހާ މީހުން ވަރަށް ރަނގަޅަށް ޗެކު ކުރެވި، އެ ގެންނަ އެއްޗެހި ޗެކުކޮށް ސްކޭނުކޮށް ކަސްޓަމްސް އިން ސްކޭނުކޮށް ބެލުމުގެ ފުރުސަތު އޮންނާނެ،" ޝަރީފް ވިދާޅުވި އެވެ.

އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އެމްއޭސީއެލްގެ އެމްޑީ ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް