މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި ބިނާކުރުމަށް ޝަހީމް އިއުލާން ކުރެއްވި މިސްކިތުގެ ކުރެހުމެއް.

އިސްލާމީ ދިރާސާތަކާއި އެސައިންމެންޓް ހަދަން ތިބެވޭ ގޮތަށް މިސްކިތެއް އަޅަނީ

އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިގޮތުގައި މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި ބިނާކުރާ އެ މިސްކިތުގެ ނަމަކީ މަސްޖިދު އުންމުލްމުއުމިނީން އާއިޝާ ރަޟިﷲ އަންހާ

އިސްލާމީ ދިރާސާތަކާއި ދަރިވަރުންނަށް އެސައިންމަންޓް ހަދަން ތިބެވޭ ގޮތަށް ހުޅުމާލޭގައި ދެ ބުރީގެ މިސްކިތެއް އަޅަން ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އިއުލާންކުރައްވައިފި އެވެ.

ތަފްސީލް - ޝަހީމް މިސްކިތުގެ ކުރެހުމަކާ އެކު ފޭސްބުކުގައި ވިދާޅުވީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި ބިނާކުރާ އެ މިސްކިތުގެ ނަމަކީ 'މަސްޖިދު އުންމުލްމުއުމިނީން އާއިޝާ ރަޟިﷲ އަންހާ' ކަމަށެވެ. މިއީ ކީރިތި ރަސޫލާގެ އަނބިކަނބަލަކަށް ނިސްބަތްކޮށް ރާއްޖޭގައި ނަންދޭ ފުރަތަމަ މިސްކިތްކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - މި މިސްކިތް ބިނާކުރާ އަލް މަދީނާ އިންވެސްޓްމަންޓަކީ ޝަހީމްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

ޝަހީމްގެ ފޭސްބުކް ޕޯސްޓުގައި ވާގޮތުން:

  • އެ މިސްކިތް ބިނާކުރަނީ ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއާ ކައިރީގައި ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްހުރި ތަނުގައި

  • މިއީ އިސްލާމީ ދިރާސާކުރަން ބޭނުންވާ މީހުންނާއި ދަރިވަރުން ދެ ނަމާދު ދޭތެރޭ ކިޔަވަން ރިސާޗް ނުވަތަ އެސައިންމަަންޓް ހަދަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާ އެކު ދެ ބުރިއަށް އަޅާ މިސްކިތެއް

  • މި މިސްކިތުގައި އެތެރެ އާއި ބޭރާ އެކު 2000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ

  • މިއީ ރިސާޗް ލައިބްރަރީއަކާ އެކު ގާއިމު ކުރާ ފުރަތަމަ މިސްކިތް 

  • ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދީ އޭސީކުރާ މިސްކިތެއް އަދި އަންހެނުންނަށް ވެސް ނަމާދު ކުރާނެ ޖާގަ އާއި ހާއްސަ ފާހާނާ ހުންނާނެ 

ޝަހީމް ވިދާޅުވިގޮތުގައި އަންނަ މަހުގައި މި މިސްކިތުގެ ބިންގާ އަޅައި މަސައްކަތް ފެށުމަށް ފަހު ދޮޅު އަހަރުން މިސްކިތް ނިމޭނެ އެވެ.

ހުޅުމާލޭގައި އަޅަން ޝަހީމް ފުރަތަމަ އިއުލާން ކުރެއްވި މިސްކިތުގެ ކުރެހުމެއް: ފަހަތުން ފެންނަނީ އެ ސަރަހައްދުގައި ޝަހީމް ބިނާކުރައްވާ ސްކޫލް އިމާރާތުގެ ކުރެހުން

މި މިސްކިތުގެ މަޝްރޫއު އިއުލާންކުރައްވައި ޝަހީމް މިރޭ ޕޯސްޓްކުރެއްވި ކުރެހުން މީގެ ކުރިން ވެސް އާއްމުކުރެއްވި އެވެ. އެކަަމަކު އޭރު އެ ކުރެހުން ނެރުއްވީ އަރަބި ތައުލީމު ދިނުމަށް ޝަހީމް ހުޅުމާލޭގައި އަޅުއްވާ ސްކޫލުގެ މަޝްރޫއު އިއުލާންކުރައްވަމުންނެވެ. 

'މަދީނާ އިންޓަނޭޝަނަލް ސްކޫލް'ގެ ނަމުގައި ޕްރީ ސްކޫލުން ފެށިގެން އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭނެ ސްކޫލެއް އަޅަން ނިންމާފައިވާކަން ޝަހީމް ހާމަކުރެއްވީ ރިޔާސީ އިންތިހާބު ޕީޕީއެމް-ޕީއެންސީ އިން ކާމިޔާބުކުރި ދަނޑިވަޅުގައި މިދިޔަ އޮކްޓޫބަރު މަހު އެެވެ.

ބިމެއް ހަމަނުޖެހިގެން މީގެ ކުރިން މަޑުޖެހިފައި އޮތް އެ ސްކޫލުގެ މަސައްކަތަށް ބިން ހަމަޖެހިފައިވަނީ ވަގުތީ މިސްކިތް ހުރި ތަނުގައި މިސްކިތެއް ވެސް ބިނާކުރާ ގޮތަށެވެ. އޭރު އެޗްޑީސީން ބުނިގޮތުގައި މިސްކިތް ތަރައްގީކުރާނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ. 

ކޮމެންޓް (4)

ލަމް

13 ޖުލައި 2024
ފޭސް 2 ގައި އެމްޕީއެލް ޓަވަރުތައް ކައިރީގައި ހަދަންމުދާ މިސްކިތުގެ މަސައްކަތް އަވަސް ކޮއްލަ ދޭންވެއްޖެ އެއްނުން އެ ހީވަނީ ފިނިހަކަ ދުވެލީގައި ކުރާ ކަމެއްހެން
1 1

ހިމާރުލްގައުމު

13 ޖުލައި 2024
މީނާ ކޮންމެ ދެދުވަހުން އެއްދުވަހު ނޫސްތަކުގެ ހެޑްލައިނަށް އަރަންޖެހޭނެ. ހިތުން މިދުނިޔޭގަ ނެތްވަރުގެ އިސްލާމީ ޝަހުސިއްޔަތެއް. ބުނަނީ ރަސްގެފާނުގެ ސުފުރާއިން ކެވޭ ހަމައެކަނި ސައުދީ ނޫން މީހާއޭ. އެކަމަކު ހައްޖު ކޯޓާ އިތުރެއް ނުކޮށްދިން. ނާށިގަނޑު ހިފައިގެން ސަލާމާގޮސް ރޮއެ އާދޭސް ކުރީމަވެސް ލޯ ލާރި ފޮއްޗެއްވެސް ނުދިން.
4 2

ސިކުނޑި

13 ޖުލައި 2024
ސަރުކާރާއި ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަން ހިތައް އަރާއިރު އާންމު ނުކޮށް ކޮންމެވެސް އުސޫލެއްގެ ތެރެއިން ކަންކަން ނިމިގެން އުންމީދެއް ފެންނާނޭ ކަހަލަ ގޮތަކަށް އިއުލާނު ކުރަން ބޭނުން ނުވަނީ އެއިން ސިޔާސީ މަންފާއެއް ހޯދަން ބޭނުންވާތީއެވެ. ސިޔާސީ ގޮތުން އެއްފޮޓޯއެއް ދެވަނަ ފަހަރަށް ވިއްކާލީއެވެ. އަދިވެސް ތި ކަމަކީ މިހިނދަށް ގައުމަށް ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތުގައި އަޅާ ތަނެއްކަން ގަބޫލު ކުރަންދައްޗެވެ. ސަބަބީ ހުޅުމާލެއަށް އަދިވެސް މީހުން އިތުރުވަނީއެވެ. ސްކޫލްތަކާއި ކޮލެޖް ތައްވެސް ބޭނުންވާނެއެވެ. ހިލޭ އެހީގައި ވެރިން ވިސްނަންވީ ތިމާއަށްލިބޭނެ މަންފާއަކަށްވުރެން ރައްޔިތުންނަށް ލިބޭނެ ފައިދާއަށެވެ.
1 1

ބާގިރުގެ ޖާބިރު

13 ޖުލައި 2024
@ސިކުނޑި މީނަގެ ނަން ނޫސްތަކުގެ ހެޑްލައިނަށް ރެއަކާދުވާލު ދެފަހަރު ނާރައިފިއްޔާ ނުނިދެޔޯ.
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް