ހުޅުމާލޭގައި ޝަހީމް ބިނާކުރެއްވުމަށް އިއުލާން ކުރެއްވި އިސްލާމިކް ސްކޫލުގެ ކުރެހުމެއް

ޝަހީމްގެ އާ ސްކޫލު އިއުލާންކޮށްފި

މިއީ ޕްރީ ސްކޫލުން ފެށިގެން އޭ ލެވެލްއަށް ކިޔަވައިދޭ އިންޓަނޭޝަނަލް ސްކޫލެއް

ރިޔާސީ އިންތިހާބު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައި، ޕީޕީއެމްގެ ވެރިކަން ޔަގީންވުމާ އެކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އޭނާގެ އާ ސްކޫލުގެ މަޝްރޫއު އިއުލާން ކުރައްވައިފި އެވެ.

ވީ ކިހިނެއް؟- އިސްލާމީ ތައުލީމާއި ތަރުބިއްޔަތަށް ބިނާކޮށް ހުޅުމާލޭގައި ސްކޫލެއް ބިނާ ކުރައްވާ ވާހަކަ މީގެ ކުރިން ވެސް ޝަހީމް ވަނީ ނުރަސްމީކޮށް ދައްކަވައިފަ އެވެ. އޭރު ހަމައެކަނި ވިދާޅުވީ ރާއްޖޭގައި އިންޓަނޭޝަނަލް އިސްލާމިކް ސްކޫލެއް ބިނާކުރުމުގެ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެއިން ބިމެއް ހޯދުމުގެ ދަތިކަން ޝަހީމަށް ކުރިމަތިވެ ވަޑައިގެން، އެ މަޝްރޫއު އޭރު އޮތީ މަޑުޖެހިފަ އެވެ.

ތަފްސީލު- ސްކޫލުގެ މަޝްރޫއު ޝަހީމް ރަސްމީކޮށް އިއުލާން ކުރެއްވީ، ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބުވުމާ އެކު އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މިހާރު ވެސް ހިންގަވަމުން އަންނަ 'ކޮއްކޮމެން ޕްރީ ސްކޫލު'ގެ ދަށުން ހިންގަވާ މަޝްރޫއެކެވެ.

އާ ސްކޫލުގެ ނަމެއްގެ ގޮތުގައި އޭނާ އިއުލާން ކުރެއްވީ، 'މަދީނާ އިންޓަނޭޝަނަލް ސްކޫލެ'ވެ. ހުޅުމާލޭގައި ބިނާކުރާ އެ ސްކޫލްގައި ޕްރީ ސްކޫލުން ފެށިގެން އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލު އާއްމު ނުކުރެއްވި ނަމަވެސް ސްކޫލުގެ ކުރެހުން އޭނާ ހިއްސާ ކުރެއްވި އެވެ. އެއީ އިސްލާމީވަންތަކަން ދައްކުވައިދޭ، ގުއްބަކާ އެކު ހަދާފައި ހުންނަ ބޮޑު ސްކޫލެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ޑރ. މުއިއްޒަށް ކެމްޕޭން ކޮށްދެއްވައި، އިންތިހާބީ ރައީސަށް ވޯޓު ހޯއްދަވައިދެއްވުމަށް ޝަހީމް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ.

ކޮމެންޓް (2)

އައިމިނާ

3 އޮކްޓޯބަރު 2023
ގުއްބަކާއެކު ކުރެހުމެއް ނޫން. މިސްކިތަކާއިއެކު ސްކޫލެއް
2 0

ހޯހޯ

3 އޮކްޓޯބަރު 2023
ދެން ބުރަކޮށެއްނޫޅޭ. ފަހުވަޤުތު " ވައްޓާލީ" . އިސްލާމީ ސުކޫލޭ ކިޔައިގެން އަމިއްލަ މީހުން ތަންތަން ހެދުމަށް ހުއްދަ ދިނުމަކީ ނުރައްކާތެރިކަމެއް. ޝަހީމުގެ އެޖެންޑާ އެނގޭނެ މުއިއްޒުއަށްވެސް. މުއިއްޒު އިސްލާމިކު މިނިސްޓަރަކަށް ޝަހީމު ހަމަޖައްސާފަ ތިޔަ ސުކޫލު އެޅިޔަކަ ނުދޭނެ. ޝަހީމުވެސް މިނިސްޓަރުކަން ކަށަވަރުކުރަން ހުށައެޅި ކުރެހުމެއްއެއީ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް