ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: ޔާމީން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫންގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ވިދާޅުވި (ފޮޓޯ/ރައީސް އޮފީސް)

އިގްތިސޯދު އެނގޭނީ ވަކި ލީޑަރަކަށް ނޫން، ރައީސް މުއިއްޒަށް ހަޖޫ ޖެހޭވަރުގެ ސިޔާސީ މީހަކު ނެތް: ފައިސަލް

ފައިސަލް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ އިކޮނޮމިކް ކައުންސިލުން ރާއްޖެއަށް ބޭނުންވާ ފައިސާ ހޯދައި، ދައްކަން ޖެހޭ ލޯނުތަކާއި އެތެރޭގެ ދަރަނިތަކަށް ވެސް ހައްލު ހޯދައިދޭނެ ކަމަށް
12 ޖުލައި 2024
4

ރާއްޖޭގެ އިގްތިސޯދީ ހާލަތު އެނގޭނީ އެންމެ ލީޑަރަކަށް ކަމަށް ނޫން ކަމަށާއި މި ގައުމުގެ ސަރުކާރުގައި މިހާރު ތިއްބެވި ވެރިންނަށް ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ރޭ ވިދާޅުވެެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ދައްކަވާ ވާހަކައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - ފައިސަލް ވިދާޅުވީ މި ގައުމު ބަނގުރޫޓް ނުވާނެ ކަމަށެވެ.

"ސަރުކާރަށް ހަތް މަސް ވާއިރު ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން މޮޅު އިކޮނޮމިސްޓް ނުކުންނަވާ މި ވިދާޅުވަނީ މި ގައުމު ބަނގުރޫޓުވަނީއޭ. ނޫން މި ގައުމު ބަނގުރޫޓެއް ވެސް ނުވާނެ،" ޔާމީނަށް ރައްދުދެއްވައި ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލުން ރާއްޖެއަށް ބޭނުންވާ ފައިސާ ހޯދައި، ދައްކަން ޖެހޭ ލޯނުތަކާއި އެތެރޭގެ ދަރަނިތަކަށް ވެސް ހައްލު ހޯދައިދޭނެ ކަމަށެވެ.

"ރާއްޖޭގައި މިހާރު ވަރަށް ހޭލުންތެރި ޒުވާނުން، ވަރަށް އިނޮވޭޓިވް ވިސްނުންތައް ހުރި ޒުވާނުން އެބަ ތިއްބެވި. އެހެން ހުއްޓައި ނުކުމެ ފިނި ކޮޓަރިއެއްގައި އިންނަވައިގެން، ތިމާ ނޫން މީހަކަށް ރާއްޖޭގެ އިގްތިސާދު ނޭނގޭނެ ކަމަށް ދައުވާކުރުމަކީ މިއަދު ބޭފުޅުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަށް ހަޖޫޖެހޭވަރުގެ އެއްވެސް މީހަކު ސިޔާސީ މައިދާނުގައި ނެތެވެ.

"މިއަދު އެމަނިކުފާނު [ޔާމީން] ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައީސް މުއިއްޒު ސިޔާސީ ގޮތުން މޮޅުވީމަ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް އެމަނިކުފާނު ހޯދީ،" ފައިސަލް ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވަނީ ސަރުކާރު ވެރިކަމަށް އައީ ޔާމީން ޖަލަށް ލާފައި ވަނިކޮށް ޔާމީންގެ ފޮޓޯ ދައްކައިގެން ކަމަށް ބުނާ ވާހަކަތަކަށް ވެސް ރައްދުދެއްވައިފަ އެވެ. ފައިސަލް ވިދާޅުވީ ޔާމީން ވެސް ވެރިކަމަށް ވަޑައިގަތީ ހަމަ އެގޮތަށް ކުރީގެ މައުމޫނު އަބްދުލްގައްޔޫމްގެ ފޮޓޯފުޅު ބޭނުންކުރައްވައިގެން ކަމަށެވެ.

"ރައީސް މައުމޫނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން އެ ބޭފުޅާގެ ތުއްތޮންބެ ގެންގޮސް ބޭންދީ ހަތް މަސްދުވަސް ވަންދެން ޖަލުގައި. ރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކާނަލް ނާޒިމް ކަމުގައި ވިޔަސް ރައީސް މައުމޫނު ކަމުގައި ވިޔަސް، ފާރިސް މައުމޫނު ކަމުގައި ވިޔަސް، މި އެންމެ ބޭފުޅުން ޖަލަށް ލައިގެން،" ފައިސަލް ވިދާޅުވި އެވެ.

ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީން ހޯދީ ޔާމީންގެ ފޮޓޯ ބޭނުންނުކޮށް ކަމަށާއި އެކަމުން އެނގެނީ ރައީސް މުއިއްޒަށް ރައްޔިތުންކުރާ ތާއީދު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޔާމީނަށް ރާއްޖޭގައި މިހާރު ތާއީދު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ފައިސަލްގެ ފާޑުވިދާޅުވުން ޔާމީނަށް އަމާޒުކުރެއްވި އިރު ޕީއެންއެފުން ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ބުނުމަށް ފަހު ދައުލަތުގެ އިސް ވެރިންނަށް ބޮޑެތި ހަރަދުތަކެއް ސަރުކާރުން ކުރަމުން ދާ ކަމަށެވެ.

ކޮމެންޓް (4)

ހިމާރުލްގައުމު

13 ޖުލައި 2024
މުއިއްޒުއަށް ހަޖޫޖެހޭ ފެންވަރުގެ އެއްމެ ދެމީހުން މުޅި ދުނިޔޭގަވެސް ތިބީ. އެއީ މިގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ޓުއަރިޒަމް މިނިސްޓަރު. ދިވެހި ރައްޔިތަކަށް ވީތީ އެ ދެބޭފުޅުންނަށްޓަކާ އަޅުގަނޑު ނުހަނު ފަޙުރުވެރިވަން.
3 0

ކަލާކުރި ޓިނު

13 ޖުލައި 2024
ކުރީގަ އަހަރުމެން އަޑު އަހަނީ ކިޔަވައި މޮޅުވެގެން ވަޒީފާއަށް ގޮސް ރިޓަޔާވާ ވާހަކަ، މިހާރު ވަޒީފާ އަދާކޮށް ނިމިގެން ކިޔަވަން ދާންޖެހޭ ވާހަކަ. ޝުކުރިއްޔާ ހިސާބު ސޯ އަދި އިންގލިޝް ސޯ އަޅުގަނޑުމެންނަށް މަގު ދައްކަވައި ދެއްވީތީ.
4 0

ސިކުނޑި

13 ޖުލައި 2024
ފާޑުކިޔަންވީ މީހާއަކަށް ނޫނެވެ. ސިޔާސަތަށެވެ. ދިފާއު ކުރަންޖެހެނީވެސް ސިޔާސަތެވެ. މިވަރުގެ މީހުންގެ ކުއްލި މައުޟޫތަކަށް ވާހަކަދައްކަން ޕޯޑިއަމްތަކަށް ނާރުވަން ޕީއެންސީއަށް އިލްތިމާސްކުރަން! ބަފާ މަޖިލީހުގައި ވާހަކަ ދައްކާ ބީދައިން ސަރުކާރުގެ ވަޒީރުން ޕާޓީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކައިގެންނުވާނެ! ޕީޕީއެމް ފިކުރަކީ އިސްލާމްދީނާއި މިގައުމުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތް ކުރާނެ ފިކުރު! ތަންދޮރު ނުދަންނަ މީހުންނަށް އެ ފިކުރުގައި ޖާގައެއް ނޯންނާނެ! ބުއްދިވެރި ގޮތަކީ ލިބުނު މިންވަރަށް ޝުކުރުކޮށްގެން 5 އަހަރުގެ ދައުރު ނިންމާލުން!
2 0

އައްޑާ

12 ޖުލައި 2024
މުއިއްޒު އަށްވުރެ ހަޖޫ ޖެހުން ހައްޤީ ފައިސަލަށް އަދި އަދުރޭއަށް. ސޯ ޑޯންޓް ބާކް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް