24 ޖޫން 2024: ދުވަސްތަކަކަށް ފަހު ޔާމީންގެ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރާއްޖޭގެ ހާލަތަށް ނުބަލާ މި ސަރުކާރުން ކުރަނީ ބޭކަރު ހަރަދު: ޔާމީން

ޔާމީން ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަން އުޅުއްވި ދުވަސްވަރު ފައިސާ ލިބިފައިވާ ކަމަށްބުނެ މި ސަރުކާރުން ވާހަކަތަކެއެް ދައްކަވާފައި މިހާރު ފައިސާ ނެތްކަމަށް ބުނެ ދައްކާ ވާހަކައަށް ވަރަށް ފާޑު ވިދާޅުވެފައި
11 ޖުލައި 2024

ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ބުނުމަށް ފަހު ދައުލަތުގެ އިސްވެރިންނަށް ބޮޑެތި ހަރަދުތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެެއް؟ - ޕީއެންއެފުން މިރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރާއި އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - ޔާމީން ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަން އުޅުއްވި ދުވަސްވަރު ފައިސާ ލިބިފައިވާ ކަމަށް ބުނެ މި ސަރުކާރުން ވާހަކަތަކެއެް ދައްކަވާފައި މިހާރު ފައިސާ ނެތް ކަމަށް ބުނެ ދައްކާ ވާހަކައަށް ވަރަށް ފާޑު ވިދާޅުވެފަ އެވެ.

".. އޭރު ވިދާޅުވެދެއްވަންވީ ދެއްތޯ އަޅުގަނޑުމެންގެ ހާލަތު އޮތްގޮތް ވަކިވަކިން. އޭގެ ބަދަލުގައި ޖުމްލަކޮށް އެ ވިދާޅުވީ އިގްތިސޯދީ އެއްވެސް މައްސަލައެއް ނެތޭ. ހަމަ ތެދަކަށޭ މި ދަންނަވަނީ ތިމަންނަމެން ހާސްވާ އެއްވެސް ކަމެއް ނެތޭ، ރީފައިނޭންސް ކުރަން ތިމަންނަމެންނަށް އެހެރީ ފައިސާ އައިސް ހަމަޖެހިފައޭ، ފެހި ސިގްނަލްތައް ލިބިއްޖޭ،" ރައީސް މުއިއްޒު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ސަރުކާރުންކޮށްފައިވާ ބޭކާރު ހަރަދުތައް ކަމަށްބުނެ ޔާމީން ވަނީ ތަފާސްހިސާބުތަކެއް ވެސް ވިދާޅުވެދެއްވައިފަ އެވެ.

"މިހާ ހާލަތުގައި އޭރު އޮތް ހާލަތުގައި ދިވެހި ރާއްޖެ އޮތްއިރު ދައުލަތުގެ މާލިއްޔާގައި އެއްވެސް ފައިސާ ފޮއްޗެއް ނެތްއިރު ހުވާކުރުމުގެ ރަސްމިއްޔާތަށް 26 މިލިއަން ހަރަދުކުރަންވާނެތަ؟ މުލިއާގެ މަރާމާތު ކުރާށާއި މުލިއާގޭގައި އާ އިމާރާތެއް އަޅާ މިކަންކަމަށް އަނެއްކާ 21 މިލިއަން ހަރަދުކުރަންވާނެތަ؟ ނައިބު ރައީސް ވަޑައިގަތުމަށްޓަކައި ހިލާލީގެ މަރާމާތު ކުރުމަށް 15 މިލިއަން ހަރަދުކުރަން ޖެހޭތަ،" ޔާމީން ސުވާލު އުފެއްދެވި އެވެ.

އޭގެ އިތުރުން ޑްރޯން ގަތުމަށް ސަރުކާރުން ފައިސާ ހަރަދުކޮށްފައިވާތީ އަދި ތިލަމާލެ ބްރިޖް ހެދުމަށް މި ދުވަސްވަރު މަސައްކަތް ކޮންމެހެން ކުރަންޖެހޭތޯ އައްސަވައި ސުވާލު އުފެއްދެވި އެވެ. ޔާމީން ސުވާލު އުފެއްދެވީ ދައުލަތުގެ މާލިއްޔާގައި ފައިސާ ނެތްއިރު އެ މަސައްކަތް ކުރުން މުހިންމުތޯ އެވެ.

އީދު ފާހަގަ ކުރަން މާލޭގައި ކުލަބޮކި ދިއްލައި އީދު ފާހަގަކުރަން ބޮޑެތި ހަރަދުތަކެއް ސަރުކާރުން ކޮށްފައިވާތީ އެކަމަށް ވެސް ޔާމީން ފާޑު ވިދާޅުވި އެވެ. އެ ހަރަދުތައް އަނބުރާ ހޯދަން ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ޔާމީންގެ ވާހަކަފުޅުގައި ނިމިދޔަ ދެ ދައުރަށް ވުރެ ވެސް މި ދައުރުގައި ސިޔާސީ މަގާމުތައް ގިނަކަން ފާހަގަކުރެއްވި އެވެ. ޔާމީން ވިދާޅުވީ މުއިއްޒުގެ ވެރިކަމުގައި 1300-2000 ދެމެދުގެ އަދަދަކަށް ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރުން ސިޔާސީ މަގާމްތަކަށް މީހުން އައްޔަންކޮށްފައިވާ އަދަދެއް އަދި އެމީހުންގެ މުސާރައަށް ހަރަދުކުރާ މިންވަރެއް ވެސް ހާމައެއް ނުކުރެ އެވެ. އެކަން ހާމަކުރަން ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ވެސް ވަނީ ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް