އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ)

ތިމާވެށި

ރަށްރަށުގައި މަނާ ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ

މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި ގަވައިދުގައި ކުނިއެޅުން މަނާ ސަރަހައްދުތައް ކަނޑައަޅާފައިވީ ނަމަވެސް، ބައެއް މީހުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ

ކުނި އެޅުން މަނާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަށް ކުނި އަޅާ ނަމަ، ރަށު ކައުންސިލްތަކާ ގުޅިގެން ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށް، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ތޯރިގު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގަވައިދުތަކަށް އަމަލު ނުކުރުން ކަމަށެވެ. އެކަމަކު ގަވައިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ދެނެގަނެ، ރަށު ކައުންސިލްތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގަވައިދުގައި ކުނިއެޅުން މަނާ ސަރަހައްދުތައް ކަނޑައަޅާފައިވީ ނަމަވެސް، ބައެއް މީހުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

"މިސާލަކަށް ބަލާ ނަމަ ކަނޑުގައި ދުއްވާ އުޅަނދުފަހަރުން އެ އުޅެނދެއްގައި އުފައްދާ ކުންޏާ މެދު އަމަލު ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައި އެބަ އޮވޭ. އެކަމަކު އެއާ ހިލާފަށް އަޅުގަނޑުމެންނަށް ފެންނަނީ އެ އުޅަނދުތަކުން ކަނޑަށާއި ރަށްރަށުގެ ހޭޅިފަށަށް ކުނި ބާލާ މަންޒަރު،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން މަނާ ކަމަކަށް ވީ ނަމަވެސް، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދާ މައްސަލަ ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

މިނިސްޓަރު ވިދާޅުވީ:

  • މިފަދަ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ސިސްޓަމްތަކުގެ ބޭނުން، އެންމެ އެކަށީގެންވާ ފެންވަރުގައި އަދި އެކަށީގެންވާ ހަރަދުގައި ނުކުރެވޭ ކަމަށް

  • މިކަމަށް ހައްލު ހޯދުމަށް، ސަރުކާރުން އާ ސިޔާސަތުތަކެއް ވަނީ ކަނޑައަޅާފައި

  • އެންމެ މުހިއްމު ކަމަކަށް ކަނޑައެޅީ، ކުނި މެނޭޖްކުރުމުގެ ހިދުމަތް ދިނުމަށް އަމިއްލަ ސެކްޓާއަށް ހުޅުވާލުން

  • އަތޮޅު ފެންވަރުގައި ހިދުމަތް ދިނުމަށް، އަތޮޅު ކައުންސިލްތަކަށް ވެސް މިކަމުގައި ހުރަހެއް ނެތް

"ވިޔަފާރިއެއްގެ ގޮތުގައި ރީސައިކަލް ކުރުމަށް ހުޅުވާލުމަކީ ވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް. މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، މިހާރު ވަނީ ގެޒެޓް ކުރުމުގެ މަސައްކަތް ފަށާފައި،" ތޯރިގް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް