ހުޅުމާލޭގައި ހިންގި މާރާމާރީއަކަށް ފަހު ފުލުހުން އެ ސަރަހައްދު ބަންދުކޮށްގެން، ފާރައަށް (ދައުރު ފޮޓޯ)

ފުލުހުން

އަބަދުވެސް ފާރަލާން ޖެހޭ އަށް ގޭންގެއް މާލޭގައި އުޅޭ: ފުލުހުން

ފުލުހުން ބުނިގޮތުގައި އެ އަށް ގޭންގަކީ، ކުށެއް ކޮށްފާނެތީ އަބަދުވެސް ފުލުހުން އެތަނަކަށް ގޮސް ފާރަލާން ޖެހޭ ބައެއް

މާރާމާރީ ހިންގަފާނެތީ އަބަދުވެސް ފާރަލާން ޖެހޭ 8 ގޭންގެއް، މާލެ ސަރަހައްދުގައި މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން، ފުލުހުންގެ ބައެއް އިސްވެރިން ވަނީ ރާއްޖޭގައި މިހާރު ގޭންގު ކުށްތައް ހިންގާ މިންވަރާއި އެކަން ހައްލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަލީ އާރިފް ވިދާޅުވީ މަގުމަތީގައި ނުވަތަ އެކި ތަންތަނުގައި އެއްވެ ތިބެ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕުތައް، ގޭންގުތަކުގެ ގޮތުގައި ބަލަމުންދާއިރު މާލޭގައި އެ ފަދަ އަށް ގޭންގެއް ހަރަކާތްތެރިވާ ކަމަށެވެ. އެ އަށް ގުރޫޕަކީ، މާރާމާރީ ހިންގައި، ނުވަތަ ކުށެއްކޮށްފާނެތީ އަބަދުވެސް ފުލުހުން އެ މީހުންނަށް ފާރަލާން ޖެހޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން އެ މީހުން ތިބޭ ތަންތަނަށް ގޮސް އަބަދުވެސް ފާރަލާން ޖެހޭ ބައެއް،" އާރިފް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ގޭންގުތަކާ ގުޅޭގޮތުން މީގެ ދެ އަހަރު ކުރިން ފުލުހުން އާއްމު ކުރި މައުލޫމާތަށް ބަލާއިރު ވެސް، މާރާމާރީއެއް ހިންގުމުގައި ނުވަތަ ބޮޑެތި އަދަދުން މަސްތުވާތަކެތި ވިއްކުމުގައި ނުވަތަ ޖިނާއީ ކޮންމެވެސް ކުށެއް ކުރުމުގައި ނުވަ ގުރޫޕެއް އަބަދުވެސް ހަރަކާތްތެރިވެ އެވެ.

އާރިފް ވިދާޅުވި ގޮތުގައި މާލޭގައި ކުށްތަކަށް އަރައިގަންނަ މި ގޭންގުތަކުން، ކުޑަކުދިންނަށް އަމާޒުކޮށްގެން ވެސް ކަންކަން ރާވަ އެވެ. ބޭނުމަކީ ކުޑަކުދިންނަށް ގާނޫނީ ގޮތުން ލިބިދީފައި އޮންނަ ރައްކާތެރިކަމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އެ ކުދިން ލައްވާ ޖިނާއީ ބޮޑެތި ކުށްކުރުމަށް ކުދިން އެ ގުރޫޕުތަކަށް ވެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގޭންގު ކުށްތަކާ ދެކޮޅަށް ހަރަކާތްތެރިވުމަށް، ފުލުހުންގެ ތެރޭގައި ފުރަތަމަ ފަހަރަށް ވަނީ ވަކި ޑިޕާޓްމެންޓެއް އުފައްދާފަ އެވެ. މި މަހުގެ އެއް ވަނަ ދުވަހު އުފެއްދި، 'ގޭންގް ކްރައިމް އެންފޯސްމަންޓް ޑިޕާޓްމެެންޓުން' ، ގޭންގުތަކާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ތަހުގީގީ ޓީމުތަކާއި އޮޕަރޭޝަނަލް ޓީމުތަކެއް އެ ޑިޕާޓްމެންޓުގައި މަސައްކަތް ކުރާނެ

  • މި ހުރިހާ ޓީމުތަކެއް އެއް ފުރާޅެއްގެ ދަށުގައި މަސައްކަތް ކުރަން ފެށުމުން، ފިޔަވަޅުތައް އެޅުމަށް ފަސޭހަވެގެން ދާނެ

  • ކުރިއަށް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގައި ވެސް، ގޭންގުކުށްތައް ހުއްޓުމަށް ގިނަ ޕްލޭންތަކެއް ވަނީ ރާވާފައި

"އޮޕަރޭޝަނަލް ޓީމުތަކާއި ތަހުގީގީ ޓީމުތައް އެއްފުރާޅެއްގެ ދަށުން މަސައްކަތް ކުރަން ފެށުމުން، ކަންކަން ފަސޭހަވެގެންދާނެ،" އާރިފް ވިދާޅުވި އެވެ.

އެނގުން މުހިއްމު - މީގެ ދެ އަހަރު ކުރިން ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ގޭންގުތަކަށް ނިސްބަތްވާ 2،600 މީހުން އުޅެ އެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން އޭރު ބުނެ އެވެ.

ކޮމެންޓް (2)

ޢަލީ

11 ޖުލައި 2024
ސާބަހޭ. ފުލުހުންނަށް އެނގޭ ގޭންގް އޮންނަކަން. އަދި އެނގޭ 8 ގޭންގް ކަންވެސް. އަދި އެނގޭ 24 ގަޑިއިރު ފާރަލާންޖެހޭކަންވެސް. ސުވާލަކީ ދެން ކީއްވެހޭ ގޭންގް ތައް ނުހުއްޓުވެނީ؟
1 0

ސުނާރު

11 ޖުލައި 2024
އަދިވެސް ފާރަތަ ލާންޖެހެނީ. ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްދޭ ބައިގަނޑެއްގެ ވާހަކަޔޭ ތިދައްކަނީ. ކަލޭމެނަށް މުސާރަޔާ ފުލެޓާ ނޫސަންދަޔާ އެހެން ހިދުމަތްތަކުގެ ބޭނުންހިފާފަ ތާހިރެއްނު ދައްކާ ވާހަކަ.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް