ސަރުކާރުގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާއެއްގައި ހިއްސާދާރުންނާއި ބޯޑު މެންބަރުން

ސަރުކާރު ކުންފުނިތައް 2 ބިލިއަން ރުފިޔާގެ ގެއްލުމެއްގައި؛ މުވައްޒަފުން އިތުރުވެ މުސާރައިގެ ހަރަދު 1.5 ބިލިއަން ރުފިޔާގައި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސަރުކާރުގެ ކުންފުނިތަކަށް 2.27 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިތުރުވެ މުސާރައިގެ ހަރަދު 1 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އާންމުކުރި ރިޕޯޓެއްގައި ބުނެފި އެވެ. 

ތަފްސީލް - ސަރުކާރު ކުންފުނިތަކުގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުގައި ޕީސީބީ އިން ފާހަގަކުރި ގޮތުގައި ސަރުކާރު ހިއްސާވާ 32 ކުންފުންޏަށް މިދިޔަ އަހަރު ވަނީ އާމްދަނީގެ ގޮތުގައި ޖުމްލަ 13.27 ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ތެރެއިން %30 ހިއްސާކުރީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އެވެ. 

ނަމަވެސް ހަރަދުތަކަށް ކެނޑުމުން ސަރުކާރު ކުންފުނިތަކަށް ވަނީ 2.27 ބިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ. 

އެޗްޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި (ފޮޓޯ/އެޗްޑީސީ)

އެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި އެ ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް ވަނީ 3.23 ބިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. އޭގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ރިޕޯޓްގައި ފާހަގަކުރީ: 

  • ހުޅުމާލޭ ޔޮޓް މެރީނާ މަޝްރޫއު ކުރިއަށް ނުގެންދެވުން 

  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޔުޓިލިޓީ ނެޓްވޯކެއް ގާއިމްކުރަން ސްޓެލްކޯއިން ލިބެން ޖެހޭ ފައިސާ ނުލިބުމުން އެކަމަށް އިތުރަށް ހަރަދުކުރަން ޖެހުން

  • ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މާފުކުރުމުން ލިބުނު ގެއްލުން 

އެސްޓީއޯގެ އޭޖީއެމްއެއްގެ ތެރެއިން (ފޮޓޯ/އަވަސް)

34،000 އަށް ވުރެ ގިނަ މުވައްޒަފުން

ޕީސީބީގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ވަނީ 34،369 މީހުންނަށް އިތުރުވެފަ އެވެ. އޭގެ ކުރިން 2022 ވަނަ އަހަރު އެެ އަދަދު ހުރީ 30،866ގަ އެވެ. އެހެންކަމުން ސަރުކާރު ކުންފުނިތަކަށް އަހަރެއް ތެރޭ 3،483 މުވައްޒަފުން މި ވަނީ އިތުރުވެފަ އެވެ. އެގޮތުން: 

  • މުވައްޒަފުން އެންމެ ގިނަ ކުންފުނިތަކަކީ ފެނަކަ، އެމްޓީސީސީ އަދި އެމްއޭސީއެލް 

  • ފެނަކައަށް ވަނީ އެއް އަހަރު ތެރޭ 682 މުވައްޒަފުން އިތުރުވެފައި 

  • އެމްޓީސީސީގައި 4،777 މުވައްޒަފުން ތިބިއިރު އަހަރެއް ތެރޭ 734 މުވައްޒަފުން ވަނީ އިތުރުވެފައި

  • އެމްއޭސީއެލްގައި 4،031 މުވައްޒަފުން އެބަތިބި 

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ހިނގާ ހަރަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. 

ލިބޭ އާމްދަނީއަށް ވުރެ ގިނައިން މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް ހަރަދު ކުރަން ޖެހޭ ތިން ކުންފުންޏެއް އެބަ އޮތެވެ. އެއީ: 

  • އައްޑޫ އެއާޕޯޓް ކުންފުނި (އޭއައިއޭ): އާމްދަނީއަށް ވުރެ %356 އިތުރަށް މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވޭ

  • ކައްދޫ އެއާޕޯޓް ކުންފުނި (ކޭއޭސީއެލް): އާމްދަނީއަށް ވުރެ %207 އިތުރަށް މުސާރަ އާއި އިނާޔަތްތަކަށް ހަރަދުކުރަން ޖެހޭ

  • ރީޖަނަލް އެއާޕޯޓްސް ކުންފުނި: އާމްދަނީއަށް ވުރެ %270 އިތުރަށް މުސާރަ އާއި އިނާޔަތްތަކަށް ހަރަދު ކުރަން ޖެހޭ 

ކުންފުންޏަށް ލިބޭ އާމްދަނީގެ %50 އަށް ވުރެ އިތުރަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދު ކުރާ ކުންފުނިތަކަކީ: 

  • ޓްރޭޑްނެޓް: އާމްދަނީގެ %84 މުސާރަ އާއި އިނާޔަތްތަކަށް 

  • ޕީއެސްއެމް: އާމްދަނީގެ %61 ހަރަދުކުރަނީ މުސާރަ އާއި އިނާޔަތްތަކަށް 

  • ވެމްކޯ: އާމްދަނީގެ %57 މުސާރަ އާއި އިނާޔަތްތަކަށް 

  • އެމްޕީއެލް: އާމްދަނީގެ %53 ހަރަދުކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް

ފާހަގަކޮށްލެވޭ - ރިޕޯޓުން އިތުރަށް އެނގޭ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ހަރުމުދާ ނުވަތަ އެސެޓް ވެލިއު ވަނީ 178.14 ބިލިއަން ރުފިޔާއަށް މައްޗަށް ޖެހިފަ އެވެ. އަދި އެ ކުންފުނިތަކުގެ ދަރަނި ވަނީ 113.41 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. 

ކޮމެންޓް (1)

ސިކުނޑި

11 ޖުލައި 2024
ސަރުކާރު ހިންގުމަކީ ވާނެ ހައެއްޗެއް ވާނަ ދޫކޮށްގެން ފަސްއަހަރު ވަންދެން އަޗާތެޅުމެއްނޫނެވެ. ކޮންމެ މީހަކުވެސް އެމީހަކާއި ހަވާލު ކުރެވޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭނެމަ، އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުމެވެ. ނިމިދިޔަ ދައުރުގައި ކަން ހިނގާފައި ވާގޮތް 5 އަހަރުވަނެދެން ކިޔައިދޭއިރު ހިނގާ ދައުރުގައި އެކަންކަން ހުންނަނީ ހަމަ އެ ގޮތަށެވެ. މިދައުރު ފެށުނީ ހުސް ގޮނޑިއަކުންނެވެ. ނިމޭއިރު އޮންނާނީ ހުސް ތޮށިގަނޑެއް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް