އޭޑީކޭ ހޮސްޕިޓަލް: އެ ހޮސްޕިޓަލްގެ ބިލްތަކަށް އާސަންދަ އަދި އެންސްޕާއިން ގިނަ އަދަދެއްގެ ފައިސާ ނުލިބޭ މައްސަލަ ބޮޑު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭޑީކޭއަށް އާސަންދައިން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި؛ ޝަކުވާ މަޖިލީހަށް

އޭޑީކޭން ކުރި ބިލްތަކަށް ޖުމްލަ 144.3 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް އެ ހޮސްޕިޓަލުން މަޖިލީހަށް މައުލޫމާތު ދީފައިވޭ

އޭޑީކޭ ހޮސްޕިޓަލުން، އާސަންދަ އާއި އެންސްޕާއަށް ފޮނުވާފައިވާ ބިލްތަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެތައް ދުވަސްތަކެއް ވެފައި ވާތީ އެ ފައިސާ ހޯދުމުގައި ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމަށް އެ ހޮސްޕިޓަލުން އެދިއްޖެ އެވެ. 

ވީ ކިހިނެއް؟ - މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި ރިޔާސަތުން ވަނީ އޭޑީކޭގެ ފަރާތުން މިދިޔަ އަހަރުގެ ނޮވެމްބަރު 6 ވަނަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއެއް އިއްވައިފަ އެވެ. އެ ސިޓީގައި އޭޑީކޭ ހޮސްޕިޓަލުން ކަންބޮޑުވުން ފާޅުކުރީ:

  • އާސަންދަ އާއި އެންސްޕާއަށް ފޮނުވާފައިވާ ބިލްތަކަށް ފައިސާ ނުލިބި ފުނި ޖެހިފައި ވާތީ  

  • އެ ހޮސްޕިޓަލުން އެދުނީ އެކަމުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހައްލެއް ހޯދައިދިނުމަށް

ތަފްސީލް - ކޮމިޓީއަށް އިއްވި ސިޓީގައި އޭޑީކޭއިން ބުނެފައި ވަނީ އެ ސިޓީ ފޮނުވި ތާރީހާ ހަމައަށް އާސަންދަ އަދި އެންސްޕާއަށް އެ ހޮސްޕިޓަލުން ކުރި ބިލްތަކަށް ޖުމްލަ 144.3 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ. އެގޮތުން: 

  • 78.5 މިލިއަން ރުފިޔާ އަކީ ބިލް ކުރިތާ 90 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް ނުލިބި ހުރި ފައިސާ

  • އެ ފައިސާ ހޯދުމަށް އެކި ފަހަރު އެދުނު ނަމަވެސް، ލިބިފައި ނުވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވޭ 

އެކަމާ ގުޅިގެން މިއަދުގެ ކޮމިޓީގައި ހިޔާލު ފާޅުކުރެއްވި މެންބަރުން ވަނީ ކުރީގެ ސަރުކާރުގައި ކުންފުނިތަކުން ހިދުމަތް ހޯދުމަށް ފަހު ފައިސާ ނުދެއްކުމަކީ އާދައަކަށް ހަދާފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ: 

  • އަމިއްލަ ކުންފުނިތަކަށް، ކުރީގެ ސަރުކާރުން ފައިސާ ނުދެއްކުމަކީ ވަރަށް ސީރިއަސް ބޮޑު މައްސަލައެއް؛ އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތައް ބިކަވެފައިވޭ

  • އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުން ބިކަކުރާ ގޮތަށް ކަންކަން ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި 

"އަޅުގަނޑުމެން އެބަ ސާފުކުރަން ޖެހޭ މި ފައިސާ ނުލިބުމުން މިއަރާ ބުރޫތަކާއި މިހާރު އޭގެ ތެރެއިން މި ސަރުކާރުން އެއްވެސް ފައިސާއެއް އެ ކުންފުންޏަށް ލިބިއްޖެތޯއާ މިކަންކަން،" ސިޓީ ފޮނުވި ފަހުން މިހާރު މަސްތަކެއް ފާއިތުވެފައިވާކަން ފާހަގަ ކުރައްވައި ޝުޖާއު އެގޮތަށް ކޮމިޓީއަށް ހުށަހެޅުއްވި އެވެ. 

ކޮމިޓީން ފާސްކޮށްފައި ވަނީ މިހާރު ނުލިބިވާ ފައިސާގެ އަދަދާއި މިހާރުގެ ހާލަތު ސާފުކުރަން އޭޑީކޭއަށް ސިޓީއެއް ފޮނުވައިގެން ސާފުކުރުމަށެވެ. މީގެ އިތުރަށް އޭޑީކޭގެ ޖަވާބުލިބުމުން މާލީ ވުޒާރާ އާއި އާސަންދަ އަދި އެންސްޕާއިން މައުލޫމާތު ސާފުކުރުމަށް ވެސް ކޮމިޓީން މިއަދު ނިންމި އެވެ. 

ކޮމެންޓް (5)

ތެފައާސާ.

8 ޖުލައި 2024
ޚަބަރުގައި އެބައޮތް 78.5 މިލިއަން ރުފިޔާ އަކީ ބިލްކުރިތާ 90 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާކަން. އެހެންވީމާ ހަމަ ޔަގީނުންވެސް ބާކީ ބައި އެއީ 90 ދުވަސް ނުވާ ބިލް. 90 ދުވަސް އެއީ 3 މަސް. 90 ދުވަހަށް ވުރެ ގިނަ ދުވަސްވީ ބިލްތަކަކީ 3 މަހަށްވުރެ ގިނަ ދުވަސްވީ ބިލްތައް. މި ސަރުކާރު ވެރިކަމާ ހަވާލުވިތާ 8 މަސް މިއޮއްގެން ފުރެނީ. އެކަމަކު ކޮމިޓީގައި މެމްބަރުންނަށް އޮތީ ކުރީ ސަރުކާރު ކުރީ ސަރުކާރު މިހެން ގޮވުން އެކަނި.. އަންތަރީސް!!
4 0

އާސަންދަ1

9 ޖުލައި 2024
@ތެފައާސާ. އިހަކަށް ދުވަހު އޭޑީކޭ އިން ހެލްތް މިނިސްޓްރީގަ ބުނި މިހާރު 240 މިލިޔަނޭ. ދެނޯ؟
0 0

އެންސްޕާ މިނިސްޓަރު

9 ޖުލައި 2024
@ތެފައާސާ. ކޮމެންޓް ކޮއްލުމުގެ ކުރިން ރަގަޅަށް ހަބަރު ކިޔާލާ އޮތް އެއްޗެއް ފަހުމްވެލުން ރަގަޅު. ތިޔަ ހަބަރުގަ އޮތީ މިދިޔަ ނޮވެމްބަރު 6 ގަ ފޮނުވި ސިޓީއެއްގައި އޮތް ވާހަކަ. އެހެން ވެއްޖެނަމަ އެސިޓީގައި އޮންނާނީ ނޮވެމްބަރު 6 ގެ ކުރިން ދައްކަންޖެހި ނުދައްކައި އޮތް ފައިސާގެ ވާހަކަ. މި ސަރުކާރު ވެރިކަމާ ހަވާލުވީ ނޮވެމްބަރު 17 ގައި. އެހެންކަމުން މި ސަރުކާރަށް 8 މަސްވިޔަސް އަހަރު ވިޔަސް ނޮވެމްބަރު 6 ގެ ކުރީގެ ބިލްތަކަކީ މި ސަރުކާރުން ނުދައްކައިހުރި ބިލްތަކެކޭ ބުނެވޭނެ ގޮތެއް އެބައޮތްތަ؟ މިވަރުންދެން ސާފުވާނެކަމަށް އުންމީދުކުރަން.
0 1

آب އ

8 ޖުލައި 2024
އޭއި ބަލަ ހަމަ އެކަނި އޭޱީކޭއަކަށް ނޫން ދޭންއޮތީކީ އަބަދުވެސް ތިޔަބަލަނީ ބޮޱެތި ޖީބުތަކަށް ދޭންވާއެއްޗެއް އޮތްތޯ، ނިކަން ބަލާބަލަ މާލެ އާއި އަތޮޅުތެރޭގެ ބޭސް ފިހާރަތަކަށް ދޭން ޖެހިފަ އޮތް އަދަދު އެމީހުންގެ ވާހަކަވެސް ގެނެސް ދީބަލަ އާދޭހާއެކު މިއެދެނީ.
2 0

ޢަބްލުﷲ

9 ޖުލައި 2024
@آب އ ނުރޯ ދަރިއަކަށް ބުކެއް ނުދެއވާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް