ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ތުހުމަތުވާ މީހަކު ހައްޔަރުކޮށް، ބަލާ ފާސްކުރަނީ (ފައިލް ފޮޓޯ/ ޕޮލިސް)

1.5 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައެއް؛ ފަސް މީހުން ހައްޔަރުކުރި

އެޕްރީލް މަހު ގްރޫޕަކުން ހިންގި މި ވައްކަމުގައި ވަގަށް ނެގި އެއްވެސް ފައިސާއެއް އަދި ނުފެނޭ. ބަންދުގައި މިހާރު ތިބީ ތިން މީހުން

އަމިއްލަ ކުންފުންޏެއްގެ އޮފީހަކަށް ވަދެ، 1.5 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ފަސް މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިކަން ހިނގާފައި ވަނީ މިދިޔަ 1 އެޕްރީލްގަ އެވެ. ވައްކަންކޮށްފައި ވަނީ، މާފަންނު ހަވީރީ ހިނގުމުގައި ހުންނަ އަލިހަވާ ބިލްޑިންގެ އަށް ވަނަ ފަންގިފިލާގައި ހުންނަ އަލިހަވާ ޓްރޭޑިން ކުންޏަށް ގްރޫޕަކުން ވަދެ ކަމަށް ފުލުހުން ބުނެ އެވެ.

ތަފްސީލު - މި ވައްކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އަހްމަދު ޝިފާން މިއަދު 'ދައުރު'އަށް ވިދާޅުވީ މިހާތަނަށް ދިވެހި ފަސް ފިރިހެނަކު އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 31 އާއި 38 އަހަރާ ދެމެދުގެ މީހުންނެވެ.

އެކަމަކު ޝިފާން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެހެންކަމުން ބަންދުގައި މިހާރު ތިބީ ތިން މީހުން ކަމަށް ވިދާޅުވި އެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް ހޯދިއްޖެތޯ އެހުމުން އޭނާ ވިދާޅުވީ ނުހޯދޭ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ ހައްޔަރުގައި ހުރި އުމުރުން 33 އަހަރުގެ އަބްދުﷲ ޖަމީލު، އއ. މަތިވެރި، ހަނދުވަރީގެ، ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.

"މި މައްސަލައިގައި 1.5 މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އައިއޯ [ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރު] ފާހަގަކުރި. އިންތިޒާމްވެގެން ރާވައިގެން ގިނަ ބަޔަކު ބައިވެރިވެގެން ކޮށްފައިވާ ކުށެއް،" ކުށުގެ ރެކޯޑް އޮންނަ ޖަމީލުގެ ބަންދުގެ އަމުރުގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ލިއުއްވި އެވެ.

އަބްދުﷲ ޖަމީލު: 1.5 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނޭ އެކަކު

ފާހަގަކޮށްލެވޭ ކަމެއް - ޖަމީލުގެ މައްޗަށް އެޕްރީލް 2018ގައި ދައުލަތުން ކުރި ބަނގުރާ ގެންގުޅުމުގެ ދައުވާ ސާބިތުވެ، ފެބްރުއަރީ 1،000ރ. އިން ޖޫރިމަނާކުރަން ހުކުމްކޮށްފައިވެ އެވެ. އޭގެ ފަހުން ޑިސެމްބަރު 2021ގައި ސައްހަ ނޫން ބެންކް ޓްރާންސެކްޝަންތަކެއްގެ މައްސަލައެއްގައި ކުރި ދައުވާ ސާބިތުވެ، މި އަހަރު ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެެވެ. އެ މައްސަލައިގެ ޝަރީއަތަށް އޭނާ ހާޒިރުނުވެގެން، ފުލުހުން އޭރު ވަނީ އޭނާގެ ވަނަވަރު ވެސް ހާމަކޮށްފަ އެވެ.

ކޮމެންޓް (1)

އަޖައިބުއަންތަރީސް

7 ޖުލައި 2024
މި އަހަރު ޖެނުއަރީގަ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކުރި މީހަކު އޭޕްރީލް މަހު 1.5 މިލިއަން ރުފިޔާ ވަގަށް ނެގުނީ ގައިމު ތަންފީޒީ އިދާރާގެ މައްސަލައަކުން.ކަމެއް ޕީޖީގެ މައްސަލައަކުން ކަމެއް ކޯޓުގެ މައްސަލައަކުން ކަމެއް ހަމަ ބުއްދިއަށް ވިސްނާ ވިސްނާވެސް ނޭނގުނު
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް