މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވާހަކަދައްކަވަނީ

އެމްޑީޕީ

މާލީ ހަރަދު ކުޑަކުރާނެ ކަމަށް ބުނެ އާ މީހުން އައްޔަން ކުރާތީ އެމްޑީޕީން ކަންބޮޑުވެއްޖެ

އެމްޑީޕީގެ މެމްބަރުން ވިދާޅުވި ގޮތުގައި، ސަރުކާރުން ބުނާ ބަހާއި އަމަލު ދިމައެއް ނުވޭ

ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށަށް ދާތީ، ސިޔާސީ މަގާމުތައް މަދުކުރާ ވާހަކަ ސަރުކާރުން ބުނި ނަމަވެސް، ފެންނަނީ އާ މަގާމުތަކަށް މީހުން އައްޔަން ކުރާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ބުނެ، ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟- އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމާ ދެކޮޅު ނޫން ކަމަށާއި އެކަމަކު ކަންބޮޑުވެ ވަޑައިގަންނަވަނީ އެކަމުގައި ސަރުކާރުން ބުނާ ބަހާއި އަމަލު ދިމާނުވާތީ ކަމަށެވެ.

ބުނީ ކީކޭ؟ - އޭނާ ވިދާޅުވީ ކޮންމެހެން ބޭނުން ޖެހިގެން ނޫން ގޮތަކަށް، އިދާރާއަކަށް ވިޔަސް، ކުންފުންޏަކަށް ވިޔަސް އިތުރު މީހުން ނުނަގާނެ ކަމަށް، ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ފެންނަނީ އެއާ އިދިކޮޅަށް އަމަލުކުރައްވާ ތަން ކަމަށެވެ. އެގޮތުން، އިއްޔެ ވެސް އެންވަރަމެންޓް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަން ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަމަ މި ފެންނަނީ، ސަރުކާރުން ބޭނުންވާ ކޮންމެ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ރައްޔިތުންގެ ފައިސާއިން އިތުރު ބޮޑެތި މަގާމުތަކަށް މީހުން ނަގާތަން،" މީކާއީލް ވިދާޅުވި އެވެެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މާލީ ހާލަތު ދަށްވުމުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި އަމަލު ކުރީ އެއާ ތަފާތުކޮށެވެ. މީކާއިލް ވިދާޅުވީ:

  • އެންމެ ފުރަތަމަ މުސާރަ ކުޑަކުރީ މަތިން ތިރިއަށް ކަމަށް؛ އެއީ ފުރަތަމަ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން

  • އެކަމަކު މާލީ ހަރަދު ކުޑަކުރުމުގެ ގޮތުން، މި ސަރުކާރުން، ބޭރުގައި ތިބޭ ކިޔަވާ ކުދިންގެ ސްޓައިޕެންޑްގެ ޑޮލަރު ލިމިޓް ކުރި އިރު، ހަމަ އެ ދުވަހު ފެނުނީ މިނިސްޓްރީތަކަށް އިތުރު މީހުން ނެގި ތަން

އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ސަރުކާރުން ބުނަނީ، މަޖިލިސް އިންތިހާބާ ދިމާކޮށް އާއްމުން ރުއްސުމަށް ދިން ސިޔާސީ މަގާމުތަކުން މީހުން ވަކިކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، މި ހުރިހާ ކަމަކުން ވެސް ފެންނަނީ ސަރުކާރުގެ އޮޅުވާލުމާއި ދޮގު ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް