މިއަދު ވީއައިއޭއަށް ޖެއްސި އިޓަލީގެ ފައިޓާ ޖެޓުތައް (ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް)

މާލެއިން އިވުނީ ތެޔޮ އަޅަން އައި އިޓަލީގެ އަސްކަރީ ޖެޓުތަކެއްގެ އަޑު

މިދިޔަ އަހަރުގެ އޮގަސްޓުމަހުު ވެސް އިޓަލީ އެއާފޯސްގެ ފައިޓާ ޖެޓެއް ވީއައިއޭގައި ޓްރާންސިިޓު ކުރި

ބާރު އަޑުފަށްގަނޑަކާ އެކު މިއަދު މެންދުރު ފަހު މާލެ މަތިން ދިޔައީ ހުއްދަ ނަގައިގެން އައި އިޓަލީގެ މަތިންދާބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލެ މަތިން ދަތުރު ކުރި އެ ބޯޓުތަކުގެ ބާރު އަޑު ގިނަ ބަޔެއްގެ ސަމާލުކަމަށް އައިސްފައިވެ އެވެ.

ތަފްސީލް - އެކަމާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ އެއީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ލޮޖިސްޓިކް ބޭނުމަށް ވެލާނާ އެއާޕޯޓަށް ޖެއްސި ބޯޓުތަކެއް ކަމަށެވެ.

އޭވިއޭޝަން ދާއިރާގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުނިގޮތުގައި އިޓަލީ އެއާފޯސްއަށް ނިސްބަތްވާ އަސްކަރީ ބޯޓުތައް ވީއައިއޭގައި ޓްރާންސިޓު ކުރީ ތެޔޮ އެޅުމަށެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓުމަހުު ވެސް އިޓަލީ އެއާފޯސްގެ ފައިޓާ ޖެޓެއް ވީއައިއޭގައި ޓްރާންސިިޓު ކުރި އެވެ.

މިއަދު ވީއައިއޭ އަށް ޓްރާންސިޓު ކުރީ ޔޫރޯ ފައިޓާ ޓައިފޫން މަރުކާގެ ޖެޓުތަކެކެވެ. މި މަރުކާގެ ބޯޓު އިޓަލީ އާއި އިނގިރޭސިވިލާތް އަދި ސްޕެއިން އާއި ޖަރުމަނުގެ އަސްކަރިއްޔާގައި ބޭނުން ކުރެ އެވެ.

އެނގުން މުހިއްމު - ތެޔޮ އެޅުމާއި އެހެނިހެން ބޭނުންތަކަށް، ހުއްދަ ނަގައިގެން، ބޭރުގެ އަސްކަރީ މަތިންދާބޯޓުތަކަށް ރާއްޖެއަށް ޖެއްސެ އެވެ. އެކަމުގެ ހުއްދަ ދުރާލާ ނަގަން ޖެހޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް