މިފްކޯގެ ބޯޓަކަށް މަސް ކިރާ މަންޒަރު. (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

މަސްވެރިކަން

އާ ބަދަލާ އެކު އަމާޒަކީ މަސްވެރިން ކިރާ މަހަށް 2 ހަފްތާއިން ފައިސާ ދިނުން: ޝިޔާމް

މީގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 20ރ.ގެ މަގުން. ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް އެކްސްޕޯޓު ކުރަން ހިނގާނެ ހަރަދަށް ބެލުމަށް ފަހު މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު އެ ހަފްތާއަކަށް މަސް ގަންނަ އަގު ކަނޑައަޅާ ގޮތަށް މިފްކޯއިން ވަނީ އިއްޔެ ނިންމާފައި

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބެލުމަށްފަހު މިފްކޯއިން މަސް ގަންނަން ފެށުމުން މަސްވެރިން ކިރާ މަހަށް ދެ ހަފްތާގެ މުއްދަތެއްގައި ފައިސާ ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20ރ. އަށެވެ. ނަމަވެސް، ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބެލުމަށް ފަހު މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު އެ ހަފްތާއަކަށް މަސް ގަންނަ އަގު ކަނޑައަޅާ ގޮތަށް މިފްކޯއިން ވަނީ އިއްޔެ ނިންމާފަ އެވެ.

ބުނީ ކީކޭ؟ - ނޫސްވެރިންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ އެ ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިން އަތުން މަސް ގަނެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ މި ސަރުކާރުން ވެފައިވާ ވައުދެއް ނަމަވެސް، ޝިޔާމް ވިދާޅުވީ މި ބަދަލާ އެކު އަދި އެ ވައުދު ފުއްދޭ ހިސާބަށް ނުދާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

"މާލީ ހާލަތު ހުރި ގޮތުންނާ އެކީގައި އަދި 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭ ހިސާބަކަށް ނުދާނެ. ފުރަތަމަ ކަމަކަށް މިފްކޯގެ ކޭޝްފްލޯއެއް ވެސް އޮވެގެން އެ ހިސާބަށް ދެވޭނީ. މިފްކޯއަށް ކޭޝްފްލޯއެއް ގެނެވޭނީ މަދުވެގެން މިފްކޯއަކީ ބްރޭކްއީވަންގައި ހިންގޭ ކުންފުންޏަކަށް ވެގެން،" ޝިޔާމް ވިދާޅުވި އެވެ.

"ސީދާ ފަށާއިރު 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ. ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ ދެ ހަފްތާ ތެރޭގައި [މަސްވެރިން ކިރާ މަހަށް] ފައިސާ ދިނުން، މިވަގުތު މި ގެނެވުނު ބަދަލާ އެކީ."

ތަފްސީލު - މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަނީ ސަރުކާރުން ސަބްސިޑީ ދީގެން ކަމަށް ވާއިރު، ބޮޑު އަގެއްގައި މަސް ގަތުމަކީ ދައުލަތުގެ މާލީ ހާލަތު މިހާރު އޮތް ގޮތުން ކުރަން ދަތިކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހުންނެވި މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު އިލްޔާސް ހަނީފު ވިދާޅުވި ގޮތުގައި މަސް ގަންނަ އަގު ކުޑަކުރުމުން ސަބްސިޑީއަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެ އެވެ.

މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

"ކުރިން 16ރ.، 17ރ.އަށް ގަންނަމުންދިޔައިރު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ސަބްސިޑީއަށް ބޭނުންވޭ. އެހެންވީމަ މިހާރު ވެސް ގާތްގަނޑަކަށް އެހާވަރުގެ އަދަދެއް ބޭނުންވާނެ،" އިލްޔާސް ވިދާޅުވި އެވެ.

"އެކަމަކު މި އަހަރުގެ މިހާތަނަށް އައިއިރު 25ރ. އާއި 20ރ.އާ އަގުތަކެއްގައި މަސް ގަންނަމުން ދިޔައީ. އެހެންވީމަ މި އަހަރަށް ބަލާއިރު ހަމަ ވަރަށް ބޮޑު އަދަދެއް ސަރުކާރުން ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ހަރަދުކުރަން ޖެހޭނެ."

ޝިޔާމް ވިދާޅުވި ގޮތުގައި 20ރ.ގެ މަގުން މަސް ގަންނަ ނަމަ، ސަރުކާރުން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި އަހަރަކު 560 މިލިއަން ރުފިޔާ ދޭން ޖެހެ އެވެ.

"560 މިލިއަން ރުފިޔާ ދިނުމަކީ އާމްދަނީ މި ހުރި ގޮތުންނާ އެކީގައި އަދި ދައުލަތުން ކުރަން ޖެހޭ ހޭދަ، އޭގެ ތެރޭގައި ލޯން ރީޕޭމަންޓުތަކާއި އިތުރު ހޭދަތައް ހުރީމަ، އުނދަގޫ އަދަދަކަށް އެބަވޭ... އެހެންވީމަ އެއީ މި ބަދަލު ގެނައުމުގެ އެއް ބޭނުން. އަނެއް ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުން،" ޝިޔާމް ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ކޮންމެ ހަފްތާއަކު މަސް ގަންނާނެ އަގު އެ ހަފްތާއެއްގައި ކަނޑައަޅަން މިފްކޯއިން ނިންމާފައިވާއިރު، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މިފްކޯއިން މަސް ގަންނަން ކަނޑައެޅި އަގަކީ 16ރ. އެވެ.

ކޮމެންޓް (3)

ހޔޅބ

1 ޖުލައި 2024
މީނާ ބުނެފިތަކަމެއް. ދެން އެކަމެއް ވާނެ އެއްގޮތެއްވެސް ނޯންނާނެ. މަސްވެރިން އަވަހަށް މުޒާހަރާއަށް ރެޑީވޭ އަނެއްކާ. ލޮލް
0 0

ރުމާލު 2

1 ޖުލައި 2024
ވައުދަކީ 48 ގަޑި އިރު. ހިތުހުރި އަގެއް ދޭ އިރު ވަގުތުން ފައިސާ ދޭންވާނެ. މިފްކޯ ޚަރަދުކުޑަކުރީމާ ވާނެ.
0 0

މަސްވުން

1 ޖުލައި 2024
@ރުމާލު 2 ބަލަ ރުމާލު 2 ، ސަރުކާރުން މުއައްޒަފުންނަށްވެސް މުސާރަ ދެނީ މަހުން މަަހަށް . މިހާރު މަސްވެރިންނަސް އެދެނީ ދެހަފުތާއިން ދެހަފުތާއިން. މިހާވަރުންވެސް ހިތް ހަމަ ނުޖެހޭތަ؟ އިންސާނުންގެ ހިތް ""ބިޔަ ބޮޑުވާ،ވާ،ވާނެތާ""
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް