ރާއްޖެ އެތެރެކުރި މަސްތުވާތަކެތިތަކެއް ފުލުހުން ނައްތާލަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޑްރަގު އޮފެންޑާސް ރިމާންޑް ސެންޓަރު އަލުން ބޭނުންކުރަން ފަށައިފި

މި މަހު 15އިން ފެށިގެން އިއްޔެއާ ހަމައަށް އެތަނުގައި ހަތް މީހަކު ބަންދުކޮށްފައި ތިބި ކަމަށް ފުލުހުން ބުނި

ޑްރަގަށް ދެވި ހިފާފައިވާ މީހުން ހައްޔަރުކޮށް، ފަރުވާ ދިނުމަށް ބައިތިއްބާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އަލުން ބޭނުންކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ގާއިމްކުރަން ޖެހޭ އެ ސެންޓަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކ. ހިންމަފުށިގައި ހެދުމަށް ފަހު، ވަކި ހިސާބަކުން އެތަން ހިންގުން އޮތީ ހުއްޓިފަ އެވެ.

ސެންޓަރު އަލުން ބޭނުންކުރަން ފެށީ، ފުލުހުން ބުނި ގޮތުގައި، މި މަހު 15ގަ އެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު 'ދައުރު'އަށް ވިދާޅުވީ މި މަހު 15 އިން ފެށިގެން އިއްޔެގެ ނިޔަލަށް ހަތް މީހަކު އެ ސެންޓަރުގައި ބަންދުކޮށްފައިވާ ކަމަށެވެ.

އެތަން ހިންގަނީ، އޭނާ ވިދާޅުވި ގޮތުގައި، ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ގޮތަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިންނެވެ.

އިއްޔެ ހައްޔަރުކުރި އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޑްރަގު އޮފެންޑާސް ރިމާންޑް ސެންޓަރުގައި 30 ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. ކޯޓުގެ އަމުރުން އެނގޭ ގޮތުގައި:

  • އޭނާއަކީ ޑްރަގު ބޭނުންކޮށް، އެއަށް ދެވިހިފާފައިވާ އަދި ފަރުވާ ބޭނުންވާ މީހެއްކަން އޭނާ އަމިއްލައަށް އިއުތިރާފުވޭ

  • މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ނުވަތަ ހެރޮއިން، ދުވާލަކު ދެތިން ފަހަރަށް ވުރެ ގިނައިން ބޭނުންކުރާ މީހެއް ކަމަށް ވެސް އޭނާ ބުނި

  • މީގެ ކުރިން ވެސް އެންޑީއޭގެ ފަރުވާއަށް އަމިއްލައަށް އެދި ފޯމު ހުށަހެޅި

އެނގުން މުހިންމު - މީގެ 13 އަހަރު ކުރިން، 2011ގައި ތަސްދީގުކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސްދުވަހުގެ ތެރޭ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގާއިމް ކުރަން ޖެހެ އެވެ.

އެ ސެންޓަރުގެ ބޭނުމަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑެލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުުކުރާ މީހުން، ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް