'މިހާރު' ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު

މީޑިއާ

'މިހާރު' ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނީ

އުފަން ރަށުގައި ހުންނަވަނިކޮށް އިއްޔެ ސްޓްރޯކް ޖެހުމާ އެކު ރޭ ދަންވަރު މާލެ ގެނެސް ފަރުވާ ދެނީ އޭޑީކޭގެ އައިސީޔޫގައި

ތަޖުރިބާކާރު ނޫސްވެރިޔާ އަދި 'މިހާރު' ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރުއަށް މޭޖާ ސްޓްރޯކެއް ޖެހި، އޭޑީކޭގައި ފަރުވާ ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އާއިލާއާ އެކު އުފަން ރަށް، ބ. އޭދަފުށީގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނިކޮށް އިސްމާއިލް ،47،އަށް ސްޓްރޯކް ޖެހުނީ އިއްޔެ ހަވީރު 5:00 ހާއިރު އެވެ. މިހާރު އޭނާއަށް ފަރުވާ ދެނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

ތަފްސީލު - 'މިހާރު' ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ހަމްދޫން 'ދައުރު'އަށް ވިދާޅުވީ އިސްމާއިލް އިތުރު ފަރުވާއަށް މާލެ ގެނެވުނީ ރޭ ދަންވަރު އެކެއް ޖަހާއިރު އެއާ އެމްބިއުލާންސްގައި ކަމަށެވެ.  

"ހާލު ސީރިއަސް، އެއްވެސް ކަހަލަ އިމްޕްރޫވްމަންްޓެއް އަދި ނާދޭ،" ހަމްދޫން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިސްމާއިލަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ ތެރެއިން އެއް ބޭފުޅެވެ. އޭނާ ވަނީ ނޫސްވެރިކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. 'އާފަތިސް' ނޫހުން އެ ދާއިރަށް ވަދެވަޑައިގެން، އޭގެ ފަހުން 'ހަވީރު ނޫހުގައި އިސް މަގާމުތައް ފުރުއްވި އެވެ. 'ހަވީރު' ބަންދުކުރުމާ އެކު 2016ގައި އުފެއްދި 'މިހާރު'ގެ އެޑިޓަރުކަން ލިބިވަޑައިގަތީ 2021ގަ އެވެ.

ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމާއި މީޑިއާ ކައުންސިލުން ދިން ނޫސްވެރިކަމުގެ އަލިމަސް ޖުބުލީގެ އެވޯޑް ވެސް ލިބިވަޑައިގެންފައިވެ އެވެ.

ސިޔާސީ، އިގުތިސާދީ، މުނިފޫހިފިލުވުން އަދި އިޖްތިމާއީ ދާއިރާގެ ލިއުއްވުންތައް ވެސް އިސްމާއިލް ވަނީ ލިއުއްވައިފަ އެވެ. މިހާރު ވެސް އޭނާ ގެންދަވަނީ ލިއުއްވަމުންނެވެ.

ކޮމެންޓް (1)

އިސްމާލް

23 ޖޫން 2024
އިއްސެ އަށް އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް