ވެލިމާ ނަމަކަށް ކިޔާ ލޯންޗު، ކިނބިދޫ ނެރު ފަސްގަނޑުމައްޗަށް އަރާފައި (ފޮޓޯ/ސޯޝަލް މީޑިއާ)
އާދަޔާހިލާފު ހާދިސާއެއް؛ ބާރު ސްޕީޑުގައި ގޮސް ލޯންޗު އެރީ އެއްގަމަށް
ތ. ކިނބިދުއަށް މީހުން ބާލާފައި އެނބުރި ދިޔަ ލޯންޗެއް، އެ ރަށުގެ ހިއްކާފައި އޮންނަ ނެރުމަތީ ފަސްގަނޑަށް އަރައިފި އެވެ. ބާރު ސްޕީޑުގައި ދިޔަ އެ ލޯންޗު، އެއްގަމަށް ގަސްތަކުގެ ތެރެއަށް ވަދެފައި އޮތުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ހައިރާންކަން ފާޅުކުރަމުންނެވެ.
ވީ ކިހިނެއް؟- މިއަދު ހަވީރު ފަހެއް ޖަހާ އެހާކަންހާއިރު، މާލެއިން ކިނބިދުއަށް ދިޔަ އެ ލޯންޗު އަރާފައި އޮތީ، އެ ރަށު ނެރު ކޮނުނު އިރު އުފެދިފައިވާ ފަސްގަނޑުމައްޗަށެވެ. އެ ފަސްގަނޑުމަތީގައި ކުރެދި ގަހާއި އެކި ކަހަލަ ގަސްތައް ހެދިފައި އޮތުމުން ސިފަވަނީ ކުޑަވަރެއްގެ ރަށެއްގެ ގޮތަށެވެ.
"އަޅުގަނޑުމެން ވެސް ހަމަ ހައިރާންވެފައި މި ތިބީ ގަސްތަކުގެ ތެރެއިން ގޮސް އެހާ އެއްގަމަށް ލޯންޗު އަރާފައި އޮތީމައި،" ކިނބިދޫ ކައުންސިލްގެ މެމްބަރު ހުސެން ސިޔާމް ވިދާޅުވި އެވެ.
"ހަމަ ހީވަނީ ކެރޭނެއް ކަހަލަ އެއްޗަކުން ނަގާފައި، ގަސްތަކުގެ މަތީގައި ބާއްވާލާފައި އޮތްހެނެއް ނޫންތޯ؟."
ހަތަރު އިންޖީނު އަޅާފައި އޮތް ބޮޑު އެ ލޯންޗު، އުސް އެ ފަސްގަނޑު މައްޗަށް އެރި ނަމަވެސް ލޯންޗަށް މާބޮޑު ގެއްލުމެއް ވެފައެއް ނެތެވެ. ލޯންޗުގައި އެ ވަގުތު ތިން ފަޅުވެރިން ތިބި އިރު އޭގެ ތެރެއިން ދެ މީހަކަށް ކުދިކުދި އަނިޔާތައް ވެފައިވެ އެވެ.
ސިޔާމް ވިދާޅުވީ މިއީ ވެލިމާ ނަމަކަށް ކިޔާ، އެހެން ރަށެއްގެ އެ ލޯންޗު، ކިނބިދުއަށް ދިޔަ ދެ ވަނަ ފަހަރު ކަމަށެވެ.
ނެރުމައްޗަށް އެރި ލޯންޗު އަދިވެސް އޮތީ އެތަނުގަ އެވެ. ސިޔާމް ވިދާޅުވީ ލޯންޗު ފުން ކުރެވޭނީ މާދަމާ ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.