މަޖިލިސް އިދާރާ ކުރިމަތީ ނޫސްވެރިން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެެރެއިން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހާއްސަ ގާނޫނެއް ހަދަނީ؛ 'އަދަބު ދޭން ވެސް ހިމަނަފާނަން'

ބަންޑާރަނައިބު އުޝާމް ވިދާޅުވި ގޮތުގައި އެ ދެބިލުގެ ބޭނުމަކީ އެއްވެސް ވަރަކަށް މިހާރު ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަައް ހަނިކުރުމެއް ނޫން؛ އެހެން ނަމަވެސް އަދަބުތަކެއް ލާން ނޫސްވެރިންގެ ތެރެއިން ބަޔަކު އެދޭ ނަމަ އެކަން ކުރާނެ

ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހާއްސަ ގާނުނެއް ހެދުމަށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިފި އެވެ.

ވީ ކިހިނެއް؟ - އަލަށް ތައާރަފް ކުރާ ގާނޫނުގެ ގޮތުގައި 78 ބިލާއެކު ޖުމްލަ 213 ބިލެއް ހިމެނޭ ގޮތަކަށް ސަރުކާރުގެ ފަސް އަހަރުގެ ދުވަހުގެ ލެޖިސްލޭޓިވް އެޖެންޑާ، މިދިޔަ ބުރާސްފަތި ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ތަފްސީލު - އަލަށް ތައާރަފް ކުރާ 78 ބިލުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލެއް ވެސް ހިމެނެ އެވެ.  

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު، ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބަންޑާރަނައިބު އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ބިލާ ގުޅޭ ގޮތުން 'ދައުރު' އިން ސުވާލު ކުރުމުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެ ދެ ބިލުގެ ބޭނުމަކީ ގާނޫނުއަސާސީން ލިބިދޭ އެ ހައްގު އިތުރަށް މަނާކޮށްދީ، ގާނުނުގައި އެކަންކަން ކަނޑައެޅުން ކަމަށެވެ. 

"އެއްވެސް ވަރަކަށް ތިބޭފުޅުންނަށް [ނޫސްވެރިންނަށް] ނުވަތަ އެހެން ފަރާތަކަށް ލިބޭ އެއްވެސް ހައްގެއް ހަނި ކުރުމުގެ ނިޔަތުގައި ކުރަން އުޅޭ ކަމެއް ނޫން މިއީ،" އެ ދެ ބިލުން، މިހާރު ލިބިދީފައިވާ އެއްވެސް ހައްގެއް ހަނި ކުރާނެތޯ އެހުމުން އުޝާމް ވިދާޅުވި އެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވެސް ހަނި ކުރުމުގެ އެއްވެސް ނިޔަތެއް [އަދި] މަގުސަދެއް ވެސް އަޅުގަނޑުމެންގެެ ނެތް."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުޝާމް ވިދާޅުވި ގޮތުގައި އެ ދެ ހައްގު ވެސް ވީހާ ވެސް ފުޅާކަން ބޮޑު ގޮތެއްގައި ބޭނުން ކުރެވޭނީ ގާނޫނެއްގެ ތެރެއިންނެވެ. އަދި އެ ދެ ބިލު ޑްރާފްޓް ކުރަނީ ވެސް އެ މަގުސަދުގައިކަން އުޝާމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މިކަން ކުރާއިރު، ނޫސްވެރިންގެ ވެސް މަޝްވަރާގެ މަތިން މިކަން ކުރާނީ،" އަންނަ އަހަރު ކުރީ ކޮޅު ސަރުކާރުން، މަޖިލީހަށް ހުށަހަޅަން ގަސްތު ކުރާ އެ ދެ ބިލާ ގުޅޭ ގޮތުން އުޝާމް ވިދާޅުވި އެވެ.

އެ ދެ ބިލުގައި އެއްވެސް ވަރަކަށް އަދަބެއް ނުވަތަ ޖޫރިމަނާއެއް އަންނަ ފަދަ ގޮތަކަށް ކަމެއް ހިމެނޭނެތޯ އެހުމުން އުޝާމް ވިދާޅުވީ، ސަރުކާރު އޮތީ އެފަދަ ނިންމުމެއް ނިންމައިގެން ނޫން ކަމަށެވެ.

"އަޅުގަނޑު މި ދެންނެވިހެން އަޅުގަނޑުމެން މިކަން ކުރާއިރު، ބްރޯޑްކާސްޓިން ކޮމިޝަން މީޑިއާ ކައުންސިލް އަދި ނޫސްވެރިންނާ ވެސް މަޝްވަރާ ކުރުމަށް ފަހު މިކަން ކުރާނީ. އޭގެ އަދަބެއް ހިމެނޭތޯ ނުވަތަ ނޫންތޯ؟ މިސާލަކަށް ތިބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ބޭނުންވެދާނެ އަދަބު ހިމަނަން. [އެހެންވީމަ] އަޅުގަނޑަކަށް ނުދެންނޭވެނެތާ އަޅުގަނޑު އަދަބެއް ނުހިމަނާނަމޭ...އަޅުގަނޑުމެން މި ތިބީކީ އަދަބު ދޭން ހިމަނަން، އެކަހަލަ ނިންމުމެއް ނިންމައިގެން ނޫން،" އުޝާމް ވިދާޅުވި އެވެ.

ގުޅުންހުރި - ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ގާނޫނުއަސާސީއަށް ވެސް އިސްލާހު ގެނައުން ހިމެނެ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ ހައްގުތަކުގެ ބާބަށް އެއްވެސް އިސްލާހެއް ގެނައުމަށް ނުހިމެނޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމަކީ ގާތް ގަގަނޑަކަށް އެއް ބާވަތެއް ހައްގަކަށްވާއިރު، އެ ދެ ކަމަށް ވަކި ދެ ގާނޫނެއް ގެންނަނީ ކީއްވެގެންތޯ ނޫސްވެރިޔަކު އެހުމުން އުޝާމް ވިދާޅުވީ، މިހާރުގެ ވިސްނުން ހުރީ ދެ ބިލެއް ވަކިން ޑްރާފްޓުކުރަން ކަމަށާއި ނަމަވެސް ދިރާސާ ކުރުމުގެ މަރުހަލާގައި އެއް ބިލެއްގެ ގޮތުގައި ހުށަހަޅަން ފެންނަ ނަމަ، ހުށަހަޅާނީ އެއް ބިލެއްގެ ގޮތުގައި ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް