އެމްޑީޕީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު(ކ) އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)

އެމްޑީޕީ

ޒަމާނަށް ފެތޭ ޕާޓީއަކަށް ހަދަން އެމްޑީޕީގެ މަގު ޗާޓެއް ހަދަނީ

މި މަގުޗާޓުގެ އެއް ބޭނުމަކީ ޕާޓީގެ މުސްތަގުބަލުގެ ލީޑަރުން ބިނާ ކުރުން ކަމަށް ފައްޔާޒު ވިދާޅުވި

ޒަމާނަށް ފެތޭ ޕާޓީއަކަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީ ހެދުމަށްޓަކައި މަގު ޗާޓެއް އެކުލުވާލުމުގެ މަސައްކަތް އެޕާޓީން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ މަސައްކަތް ޕާޓީގެ ފަރާތުން މިހާރު ފަށާފައިވާކަން، ރޭ ބޭއްވި އެމްޑިޕީ ގައުމީ މަޖިލިސް ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ މެންބަރުންނާ ހިއްސާ ކުރައްވާފަ އެވެ. 

ތަފްސީލު - އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން އެ ޕާޓީގެ ވެބްސައިޓުގައި ބުނި ގޮތުގައި:

  • ނިމިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެޕާޓީއަށް ގެއްލުނު ސަބަބުތައް ހޯދައި ދިރާސާ ކުރުމަށް އެކުލަވާލި ކޮމިޓީން މިހާތަނަށް ކޮށްފައިވާ މައުލޫމާތުތައް ރޭގެ ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައި

  • އަދި އިންތިހާބު ތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރެއްވި ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ފައްޔާޒު ވަނީ ގައުމީ މަޖިލީހާ ރޭ ހިއްސާކުރައްވާފައި

"ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމު ކަމެއް ކަމުގައި ޗެއާޕާސަން ވިދާޅުވި އެވެ.،" ގައުމީ މަޖިލިސް ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވާ ލިޔުމުގައި ބުނެފައިވެ އެވެ.

"އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ޗެއާޕާސަން ވިދާޅުވި އެވެ." 

ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގެ ރިޔާސަތުގައި ޗެއާޕާސަން ފައްޔާޒު(ކ)(ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީން ބުނި ގޮތުގައި، މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ފައްޔާޒު ވަނީ ގައުމީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 10 ވަނަ ޖަލްސާގެ ތެރެއިން. (ފޮޓޯ/ އެމްޑީޕީ)
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 10 ވަނަ ޖަލްސާގެ ތެރެއިން. (ފޮޓޯ/ އެމްޑީޕީ)

އޭގެ އިތުރުން، އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ އެއްޗަކަށް ހެދުމުގެ މުހިންމުކަން ފައްޔާޒު ފާހަގަކުރެއްވި ކަމަށް އެ ލިޔުމުގައިވެ އެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތްތައް މަގުޗާޓުގައި ހިމެނުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވާފައިވެ އެވެ. 

"މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާ ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމުގައި،" ފައްޔާޒު ވިދާޅުވި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

ކޮމެންޓް (1)

ބަރުލަމާނީ

11 ޖޫން 2024
ޕްރައިމަރީގައި ވާދަކޮށް ޕާޓީގެ ޓިކެޓް ހޯދައިގެން އަންނަ ޕާޓީގެ ކެނޑިޑޭޓަށް ޕާޓީ މެމްބަރުން ތެރެއިން މީހުން މިބުނަނީ އޭނައަކީ އެމްޓީޕީ މީހެއް ނޫނޭ. އޭނަށް ދޭނެ ވޯޓެއްނެތޭ. ސަބަބަކީ އޭނަ ޕާޓީއާ ގުޅުނީ ފަހުންނޯ. ކުރިންް އުޅުނީ އެވެނި ޕާޓީގަޔޯ. އެހެންވީމަ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ވަކި މުއްދަތެއް ވީމަކަމަށް ހަދަން ފެނޭ. އަދި އެގޮތަށް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުންވެސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް