ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށް ގެންދާ މަސައްކަތް މިދިޔަ ޑިސެމްބަރު މަސް ތެރޭ ކުރަނީ: ބިން ހިއްކުން މިހާރު އަލުން ފެށޭނެ (ފޮޓޯ/ރައީސް އޮފީސް)
ގާ ހުދުވާތީ ސަރުކާރުން އެޅި ފިޔަވަޅުތައް އުވާލައި ބިން ހިއްކަން ހުއްދަ ދީފި
ކަނޑުގެ ފިނިހޫނުމިން މަތިވެ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވާތީ، އެކަމުގެ އަސަރު ކުޑަކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން އުވާލައިފި އެވެ.
ވީ ކިހިނެއް؟ - އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގާ ހުދުވުމާ ގުޅިގެން ފަރުތަކަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލަން އެންގި އެންގުން އުވާލާފައިވާ ކަމަށެވެ.
ތަފްސީލް - ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސް، މިދިޔަ އޭޕްރީލް މަހުން ފެށިގެން ފަރުތަކުން މުރަކަތައް ދަނީ މަރުވަމުންނެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާ އިރު، މި ވަގުތު ރާއްޖެ އޮތީ 'އެލާޓް ލެވެލް -2' އެވެ.
އެކަމާ ގުޅިގެން އީޕީއޭ އިން ވަނީ އޭޕްރީލް ކުރީ ކޮޅުން ފެށިގެން މި މަހުގެ ކުރީ ކޮޅާއި ހަމައަށް ގާ ހުދުވުމުގެ މައްސަލަ ބޮޑުވާނެތީ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އެ ފިޔަވަޅުތަކަކީ:
-
ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުތަކެއް މިވަގުތަށް ހުއްޓާލުން
-
ބަރު މެޝިންތައް ބޭނުންކޮށްގެން ކުރާ މަސައްކަތްތަށް ކަމަށްވާ، ފަޅު ހިއްކުމާއި ގޮނޑުދޮށް ތަރައްގީ ކުރުމާއި ބަންޑުވޯލް ޖެހުމާއި ވެލި ޕަމްޕު ކުރުމާއި ފަރުމަތީގައި ޕައިޕްލައިން އެޅުމާއި ކޭބަލް އެޅުން ހުއްޓާލުން
-
މިހާރު ހިނގަމުންދާ މި ފަދަ މަޝްރޫއުތަކާއި އީއައިއޭ ހެދުން، ޖޫން 10ގެ ފަހަށް މަޑުޖައްސާލުމަށް ތާވަލު ކުރުން
ބުނީ ކީކޭ؟ - މިއަދު އީޕީއޭ އިން ބުނީ، ގާ ހުދުމުގެ މައްސަލަ އާ ގުޅިިގެން ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލަން ނިންމި ނިންމުން ނިމުމަކަށް ގެނައި ނަމަވެސް ގާ ހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތް ކަމަށެވެ.
ރާއްޖެ މިހާރު އޮތީ ވޮޗް ސްޓޭޓަސް ލެވެލް-1 އިން ލެވެލް-2 އަށް ބަދަލުވެފައިކަން ފާހަގަކޮށް އީޕީއޭ އިން ބުނީ:
-
ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫއަވާއިރު އީއައިއޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް
-
ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫއުތަކުގައި، މިވަގުތު މޫދާއި ފަރު ހިމެނޭ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް 31 އޮގަސްޓަށްފަހު ކުރިއަށް ގެންދަން އީޕީއޭ އިން އެދިފައިވޭ