އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ (ކ) އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވަނީ

ރާއްޖެ-އިންޑިއާ

އިންޑިއާގެ ރައީސް މުރުމޫއާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

އިންޑިއާ ސަރުކާރުގެ 'ނޭބަހުޑް ފަސްޓް ޕޮލިސީ'ގެ ދަށުން ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދިނުމުގެ ޝައުޤުވެރިކަން ގެންގުޅުއްވާ ކަމަށް މުރުމޫ ވިދާޅުވި

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟- އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރައީސް މުއިއްޒު، އިންޑިއާގެ ރައީސް މުރުމޫއާ ބައްދަލު ކުރެއްވީ އެ ގައުމުގެ ރިޔާސީ ގަނޑުވަރު 'ރާޝްތުރަޕަތީ ބަވަން'ގަ އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން ވެސް ވަނީ، އިންޑިއާ އާއި ރާއްޖޭގެ ތަރައްގީ އާއި ފާގަތި ކަމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ:

  • ވަގުތު ވަރަށް ކުޑަތަންވެފައި ވަނިކޮށް، މޯދީގެ ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށް، މުރުމޫ ވިދާޅުވި ކަމަށް

  • އަދި އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ހޯދާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވި ކަމަށް

  • އަދި އިންޑިއާ ސަރުކާރުގެ 'ނޭބަހުޑް ފަސްޓް ޕޮލިސީ'ގެ ދަށުން  ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދިނުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވި ކަމަށް

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ރަހުމަތްތެރިކަމުގެ ގުޅުން، އެ ގޮތުގައި ދެމެހެއްޓުމަށާއި އެކި ދާއިރާތަކުން ގުޅުންބަދަހި ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް