ތޮއްޑޫ ކައުންސިލް ކައިރިއަށް އެއްވި މީހުން ކައުންސިލްގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި (ދައުރު ފޮޓޯ)

އއ. ތޮއްޑޫ

ތޮއްޑޫގައި ހިންގި ހަމަނުޖެހުމުގައި 8 މީހަކު ހައްޔަރުކޮށްފި

އަށް މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނޭ

އއ. ތޮއްޑޫން ދަނޑުވެރިކަމަށް ބިން ދޫކުރާ އުސޫލަށް ގެނައި ބަދަލަކާ މެދު ހިތްހަމަ ނުޖެހި، އެ ރަށުގެ ބައެއް ދަނޑުވެރިން ކައުންސިލް އިދާރާ ދޮށަށް އެއްވެ މިދިޔަ ބުދަ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި ހަމަނުޖެހުން ހިންގި މައްސަލައިގައި އަށް މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. 

ތަފްސީލް - އެ ސަރަހައްދަށް އެއްވި މީހުންގެ ކަންބޮޑުވުމަކީ، ރަށު ކައުންސިލް މެމްބަރު އަލީ އާދަމް މިދިޔަ ބުދަ ދުވަހު ވިދާޅުވި ގޮތުގައި، ރަށުގެ ލޭންޑު ޔޫސް ޕްލޭނާ އެއްގޮތަށް ދަނޑު ހައްދަން ބިން ދޫކުރާ އުސޫލަށް ގެނައި ބަދަލެވެ. 

އޭނާ ވިދާޅުވީ އެ ރަށުން ދަނޑުވެރިކަމަށް ތިން ސަރަހައްދަކުން ބިން ދޫކުރާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، އޭނާ ވިދާޅުވި ގޮތުން:

  • ރޯދަ ކަރާ ސަރަހައްދު: މި ސަރަހައްދުން ބިން ދޫކުރަނީ ރޯދައާ ދިމާކޮށް

  • މައި ރަށު ބިން: މި ސަރަހައްދުން ދޫކުރަނީ ފަސް އަހަރުން ބަދަލުވާހެން

  • ރަށުގެ ގޮއި ބިން: މި ސަރަހައްދުން ވެސް ދޫކުރަނީ ފަސް އަހަރުން ބަދަލުވާހެން

އަލީ ވިދާޅުވި ގޮތުގައި، ރަށުގެ ވަކި ބަޔަކު ބޭނުން ވަނީ ކުރިން ދޫކުރިހެން އެ ސަރަހައްދުން ދަނޑުވެރިކަމަށް ބިން ދޫކުރުމަށެވެ.

"ޕްލޭނުގައި އޮތީ ކަރަންޓާއި ފެން ލިބޭނެހެން ތަރައްގީކޮށް، އެ ސަރަހައްދުގެ މަގުތައް ވެސް ހަދަން. އެ ސަރަހައްދުގައި ގްރީން ހައުސް ހަދާ ޒަމާނީ ދަނޑުވެރިކަމަށް ދޫކުރަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ގޮއި ބިން ސަރަހައްދުގައި ބިލެތާއި މެލޭޝިއާ ރުއް ފަދަ ތަކެތި އިންދަން ބޭނުންވެ، އެކަމަށް ތައްޔާރުވެގެން ތިބި ބަޔަކު ވެސް އެބަތިބި ކަމަށާއި ހިތްހަމަނުޖެހިގެން އުޅެނީ ގަވައިދާ ހިލާފަށް ގޮއި ބިން ސަރަހައްދުގައި ދަނޑުވެރިކަން ކުރަން އިތުރަށް ފުރުސަތު ނުލިބޭނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބުދަ ދުވަހު ހިނގި ހަމަނުޖެހުމުގައި، ކައުންސިލްގެ ފުރާޅުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް ގެއްލުން ދީ، ކައުންސިލް އިދާރާގެ ދޮރު ހަލާކުކޮށްލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް